Sun Online
މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ
މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ
ކޮލަމް

އުޙުދު ހަނގުރާމަ - 8

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް

* * * *

މުޝްރިކުން އިސްލާމީ ލަޝްކަރު މެދަށްލައި ގަތައިލައިގެން ތިބި ކޮށި ފޫވައްޓައިލައްވައި، އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމީ ލަޝްކަރުގެ ޔުނިޓެއް ސަލާމަތްކުރައްވައިގެން ބޭރަށް ނިކުމެވަޑައިގެންނެވުމަކީ މުޝްރިކުންނަށް އެބައިމީހުންގެ މަޤްޞަދުގައި ނާކާމިޔާބުވުމެވެ. އެހައިތަނަށް އެމީހުންކުރި ހުރިހާ މަސައްކަތެއް ފަނުފުލުންލުމެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކުރި ބައްދައިލެވޭތޯ މުޝްރިކުން ބަނޑާއި ބުރަކަށީން އަޑުކިޔަންދެން ހިފިއެވެ. ނަމަވެސް މުސްލިމުންގެ ސިންގާތަކުގެ ކުރިމަތީގައި މުޝްރިކުންނަށް އެއްވެސް ބާރެއް ނުދެއްކުނެވެ. އިތުރު ސާހިބާ މުސްލިމުންނާއިގެން މުޝްރިކުންގެ ހުޖޫމު ފޫވައްޓައިލައްވައި ބޭރަށް ނިކުމެވަޑައިގެންފިއެވެ.

އިތުރުސާހިބާ އިސްލާމީ ލަޝްކަރު ސަލާމަތްކުރައްވައިގެން ބޭރަށް ނުކުމެވަޑައިގެންނެވިތަނާ މުޝްރިކުން އަސްވާރުން ކުރެ ރުޅިގަދަ މީހެއްކަމުގައިވާ ޢުޘްމާން ބިން ޢަބްދުﷲ ބިން މުޣީރަތުލް މަޚްޒޫމީ އިތުރުސާހިބާ އާ ދިމާކޮށްލިއެވެ. "ދުނިޔޭގައި ހުރެވޭނީ އަހަރެމެން ދެމީހުންކުރެ އެކަކަށެވެ." ބުނަމުންނެވެ. ކައުސާހިބާ އެނާއާ މުބާރިޒާކުރައްވަން މަޑުކޮށްލެއްވިއެވެ. ނަމަވެސް މުބާރިޒާ ހިނގާގޮތެއް ނުވިއެވެ. އުޘްމާނުގެ އަސް ވަޅުގަނޑަކަށް ވެއްޓުނުތަނާ ޙާރިޘު ބުނުއް ޞިއްމާ ރަޟިޔަﷲ ޢަންހު ވަޑައިގެން އޭނާ ގަތުލުކޮށްލައްވައިފިއެވެ.

މާތްﷲ ގެ ކުޅަދުންވަންތަކަމެވެ. މިނުރައްކާތެރި ވަގުތުގައި މުސްލިމުންނަށް އަމާންކަމާއި ހިތްހަމަޖެހުން އިހްސާސްކޮށްދެއްވުމަށްޓަކައި އަރަހުށި މާތްﷲ އެއުރެންނަށް މަޑުނިންޖެއް ފޮނުއްވިއެވެ. ކީރިތި ޤުރުއާނުގައި ވަނީ އެވާހަކަ ބަޔާންކުރައްވައިފައެވެ.

" ދެން އެހިތާމައަށް ފަހު ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށްޖެހޭ މަޑުނިންޖެއްގެ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ އަމާންކަން ބާވައިލެއްވިއެވެ." (އާލުޢިމްރާން : 154)

ކޮންމެއަކަސް އިތުރުސާހިބާގެ އެ ޔުނިޓު ފުރިހަމަ އިންތިޒާމާއި ރޭވުންތެރިކަމާއެކު އުޙުދު ފަރުބަދަމަތީގައި ހުރި މުސްލިމުންގެ އަސްކަރުގާހާ ދިމާޔަށް ފަހަތަށް ޖެހުމުގައި ކާމިޔާބު ހޯދިއެވެ. ރައްކާތެރިކަމާއެކު އަސްކަރުގާހަށް އައުމަށް މުޅި އިސްލާމީ ލަޝްކަރަށް މަގު ހުޅުވައިދިނެވެ. އެހެންކަމުން ގިނަ ހިނދެއްނުވެ އިސްލާމީ ލަޝްކަރު އެކަށް ކައުސާހިބާގެ އަރިހަށް އަސްކަރުގާހަށް ޖަމާވެއްޖެއެވެ. އާދެ، އިސްލާމީ ލަޝްކަރުގެ ކޮމާންޑަރ އިންޗީފާ އެލަޝްކަރު ރީތިކޮށް ގުޅައިލެވިއްޖެއެވެ. އިސްލާމީ ލަޝްކަރަށް އަނެއްކާވެސް ހިތްވަރާއި ފަންވަރު ލިބި އެއުރެންގެ ބުރަދަން އިޙްސާސްކުރެވިއްޖެއެވެ. މުސްލިމުންނަށް ކުރެވުނު ކުށެއްގެ ސަބަބުން ގެއްލުންތަކެއް ލިބުނު ކަމުގައިވިޔަސް އެލަޝްކަރު ބައްޔެއް ނުވެއެވެ. ހަނގުރާމަތަކުގައި ފަތަޙަ ލިބޭ ފަރާތަށްވެސް މިކަހަލަ ޖާނީ ގެއްލުންތައް ލިބުމަކީ ހަނގުރާމައިގެ ތާރީޚުގައި ޢާއްމުކަމެކެވެ. އިސްލާމީ ލަޝްކަރުގެ އާރާއި ބާރަކަށްވެސް ފޫނުބެއްދޭވަރުގެ ލޮޑުކަމެއްނުލިބެއެވެ. އާދެ، މުހައްމަދީ ޢަބްޤަރިއްޔަތުގެ ކުރިމަތީގައި ޚާލިދީ ޢަސްކަރީ އަބްޤަރިއްޔަތު ވަރުގަދަޔަކަށް ނާކާމިޔާބުވެއްޖެއެވެ.

އިބްނު އިޞްހާޤު ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ އަސްކަރުގާހަށް ވަޑައިގަތުމާއެކު އުބައްޔު ބިން ޚަލަފު މުސްލިމުންގެ ގާތަށް އަތުވެއްޖެއެވެ. އޭނާ މުސްލިމުންނާ ސުވާލުކުރިއެވެ. "މުޙައްމަދުގެފާނު ކޮބައިހެއްޔެވެ. އަހަރެން ސަލާމަތުން ހުރިއްޔާ މުޙައްމަދުގެފާނު ސަލާމަތުން ހުންނެވިޔަކަ ނުދޭނަމެވެ." ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި، އެވަގުތު ސަޙާބީން ދެންނެވިއެވެ. އަޅުގަނޑުމެން ކުރެ އެކަކު އޭނާއާ ޙަމަލަދެންތޯއެވެ. "އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. "ނޫނެކެވެ. އޭނާ އަޔަދޭށެވެ." އޭނާ ކައިރިޔަށް އައުމުން ޙާރިޘު ބުނުއްޞިއްމާ ރަޟިޔަﷲ ޢަންޙުގެ އަތްޕުޅުން ކުޑަކުޑަ ލޮންސިކޮޅެއް އަތުލުއްވައިގެން އެލޮންސިކޮޅު ޙަރަކާތް ކޮށްލެއްވުމާއެކު މީހުންތައް ބުރަބުރައިގެން ދުރަށް ހިނގައްޖެއެވެ. އެތެއް އޭގެ ހަށިގަނޑު ތަޅުވައިލުމުން މެހި މަދިރިފަދަ ތަކެތި ބުރަބުރައިގެންދާ ފަދައިންނެވެ. އިތުރުސާހިބާ އުބައްޔުގެ ކުރިމައްޗަށް ވަޑައިގެން އޭނާގެ ދަގަނޑު ތާކިހަލާއި ދަހަނާއާ ދެމެދު ވައިނޮޅިއާ ދިމާއިން ކަރުގައި ހުހަށްހުރި ތަންކޮޅަކާދިމާޔަށް ލޮންސި ޖެއްސެވިއެވެ. ޖެއްސެވިލެއް ބާރުކަމުން އެކަލޭގެ އަސްމަތިން ކައްސައިލައިގެން ވެއްޓޭންވެސް އުޅުނެވެ. ނަމަވެސް އޭނާ އަވަސް އަވަހަށް ސަމާލުވެއްޖެއެވެ. އޭނާ ތެޅެމުން ފޮޅެމުން މުޝްރިކުންގެ ގާތަށް ހިނގައްޖެއެވެ. އޭރު އޭނާގެ ކަނދުރާގައި މާބޮޑު ކޫރުމެއް އެޅިފައެއްވެސްނެތެވެ. ލެޔެއްވެސް ނާދެއެވެ. އެނާ މުޝްރިކުންގާތު ބުންޏެވެ. " ﷲ ގަންދެމެވެ. މުޙައްމަދުގެފާނު އަހަރެން ޤަތުލުކުރައްވައިފިއެވެ." މުޝްރިކުން ޖަވާބުދިނެވެ. "ކަލޭގެ މާބޮޑަށް ހިތްވަރުދެރަކުރަނީއެވެ. ކަލޭގެ ކަނދުރާއަކު މާބޮޑު ޒަޚަމެއްވެސް ނެތެވެ." އުބައްޔު ޖަވާބުދިނެވެ. "މުޙައްމަދުގެފާނު މައްކާގައި ހުންނެވިއިރު ވަނީ އަހަރެން ޤަތުލުކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އެހެންކަމުން އެކަލޭގެފާނު އަހަންނާދިމާޔަށް ކުޅެއް ޖެއްސެވިކަމުގައި ވިޔަސް އަހަރެންގެ ފުރާނަ ހިނގައިދާނެއެވެ." ކޮންމެއަކަސް މާތްﷲގެ ދުޝްމަނު އުބައްޔު ބިން ޚަލަފު މައްކާއަށް ދިޔަ މަގުމަތީގައި ސަރިފެވެ ކިޔުނު ސަރަޙައްދާ ހަމަޔަށް ދެވުނުތަނާ އެނާ މަރުވެއްޖެއެވެ.

އުޙުދު ހަނގުރާމައިގައިވެސް އަދި އެނޫން ހަނގުރާމައެއްގައިވެސް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަތްޕުޅުން މިނޫން މީހަކު ޤަތުލެއް ނުވެއެވެ.

މުޝްރިކުންގެ އެންމެ ފަހު ޙަމަލަ

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޙުދު ފަރުބަދަމަތީ ގައި ހުރި މުސްލިމުންގެ ޢަސްކަރު ގާހަށް ލަޝްކަރާއިގެން ވަޑައިގަތުމުން މުޝްރިކުން މިހަނގުރާމައިގެ އެންމެ ފަހު ޙަމަލަ މުސްލިމުންނާ އަމާޒުކުރިއެވެ. އަބޫސުފްޔާނާއި ޚާލިދުބުނުލް ވަލީދުގެ ވެރިކަމުގައި މުޝްރިކުންގެ ބަޔަކު ފަރުބަދަމައްޗަށް އަރަން މަސައްކަތްކުރިއެވެ. އެބައިމީހުންގެ މަޤްޞަދަކީ މުސްލިމުން ތިބި ހިސާބަށްވުރެ އުހަށް ފަރުބަދަ މައްޗަށް އަރައި އިސްލާމީ ލަޝްކަރަށް ހިލައާއި، ދުނިން ހަމަލަދީ މުސްލިމުން ހާވިޔާކޮށްލުމެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އެތަން ފެނިވަޑައިގެން ދުޢާފުޅުކުރެއްވިއެވެ. " ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅަމެން މިތިބަ ހިސާބަށްވުރެ މައްޗަށް އެއުރެންނަށް އެރުނަ ނުދެއްވާނދެވެ!" މި ދުޢާފުޅު ކުރެއްވުމަށްފަހު މުޝްރިކުން ފަރުބަދަމަތީން ބޭލުއްވުމަށްޓަކައި ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ވެރިކަމުގެ ދަށުގައި މުޖާހިދުންގެ ޖަމާޢަތެއް ފޮނުއްވިއެވެ. ޢުމަރުގެފާނު ވަޑައިގެން ހަނގުރާމަކުރައްވައި މުޝްރިކުންނަށް ފަރުބަދަމަތީން ފައިބަން މަޖްބޫރުކުރެއްވިއެވެ. ސަޢުދުބިން ވައްޤާޞު ރަޟިޔަﷲ ޢަންހު ދުނިއުއްކަވައިގެންވެސް ދުޝްމިނުންގެ ބަޔަކު ޤަތުލުކުރެއްވިއެވެ.

މިއީ، އުޙުދު ހަނގުރާމައިގައި މުޝްރިކުން ދިން އެންމެ ފަހު ޙަމަލައެވެ. މިޙަމަލާއަށްފަހު ދެފަރާތުގެ ކުރިމަތިލުން ނިމުމަކަށް އައީއެވެ. ދެފަރާތުންވެސް ވަނީ މައިދާނުގައި ތިބެމެ އެއްބަޔަކު އަނެއްބަޔެއްގެ އަސްކަރުގާހު ފަތަޙަނުކޮށް ހަނގުރާމަ ހުއްޓައިލައިފައެވެ. އެހައިތަނަށް މުޝްރިކުން ހީކޮށްގެންތިބީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުކުރެވިއްޖެކަމުގައެވެ. އެހެންކަމުން އެއުރެން އަސްކަރުގާހަށް ގޮސް ފޭލިގެތައް ރޫޅައި ޖަމަލުތަކުގެ މައްޗަށް އަރުވައިގެން މައްކާއަށް އެނބުރިދިޔުމުގެ ދަތުރަށް ތައްޔާރުވާން ފަށައިފައެވެ.

އޭރު މެންދުރުވަގުތު ކައިރިވެއްޖެއެވެ. އިސްލާމީ ލަޝްކަރުގެ މުޖާހިދުން ތިއްބެވީ ވަރަށް ބޮޑަށް ވަރުބަލިފުޅުވެފައެވެ. ކުރީންވެސް ދެންނެވިފަދައިން މުސްލިމުންގެ ތެރެއިން ހަތްދިހަ ބޭކަލުންވަނީ ޝަހީދުވެފައެވެ. ސާޅީސްބޭކަލުންވަނީ ޒަޚަމްވެފައެވެ. އުޙުދުގެވާދީ އެއްވަސްވެފައިވަނީ ލޭގެވަހުންނެވެ. ޒަޚަމީންގެ ކުކުރައިވަޑައިގަތުމުގެ އަޑުއިވެމުން ދިޔައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ހުންނެވީ ޒަޚަމުވެވަޑައިގެންފައެވެ. ހަށިކޮޅުން ލޭފޮދުފޭބުމުގެ ސަބަބުން ވަރުބަލިފުޅުވެފައެވެ. ނަމަވެސް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މެންދުރު ނަމާދުވަގުތު ވުމާއެކު ޞަޙާބީންނާއިގެން ނަމާދާށް ތައްޔާރުވެވަޑައިގެންނެވިއެވެ. އިތުރުސާހިބާ އެކަލޭގެފާނުގެ އާދަފުޅުގެ މަތީން އަރަހުށި މާތްﷲގެ ޙަޟުރަތަށް ސަޖިދަކުރައްވައި ތަސްބީޙައާއި ތަޙްމީދު ވިދާޅުވެ އެމާތް ސާހިބާގެ ހިތްޕުޅަށާއި، ޞަޙާބީންގެ ހިތްޕުޅުތަކަށް ހަމަޖެހުމާއި ފިނިކަން ހޯއްދެވިއެވެ. ފަސޭހަހާލުކޮޅުގައްޔާއި، ދަތިހާލުކޮޅުގައިވެސް އިތުރު ސާހިބާ ސާބިތުކަމާއި ހިތްވަރުފުޅު ހޯއްދަވަނީ އަރަހުށި މާތްﷲ ހަނދުމަކުރެއްވުމުންނެވެ. ނަމާދުކުރެއްވެމުންނެވެ.

އަބޫސުފްޔާނު މުސްލިމުންނާ ވާހަކަ ގޮވުން

އަބޫސުފްޔާނު އިތުރު ފިޔަވަޅެއް އެޅުއްވުމުގެ ކުރީން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުވިކަން ނުވަތަ ނޫންކަން ކަށަވަރުކުރައްވަން ބޭނުންވިއެވެ. އެހެންކަމުން އެނާގެ އެކުވެރީންގެ ބަޔަކު ގޮވައިގެން މައިދާނުގައި ބުރުޖެއްސެވިއެވެ. ޝަހީދުންގެ ހަށިކޮޅުތައް ފަރުވާތެރިކަމާއެކު ބައްލަވައި ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޞަޙާބީންގެ ކުރިއަށް ތިއްބެވި ބޭކަލުންގެ ހަށިކޮޅުތައް ފެނިވަޑައިގަންނަވާތޯ ބެއްލެވިއެވެ. އެއަށްފަހު މުސްލިމުންގެ އަސްކަރުގާހާ ތަންކޮޅެއް ކައިރީގައިހުރި ފަރުބަދަޔަކަށް އަރައިވަޑައިގެން އޭނާގެހަރު އަޑުފުޅުން މުސްލިމުންނަށް ގޮވައިލެއްވިއެވެ.

" ތިޔަބައިމީހުންގެ ތެރޭގައި މުޙައްމަދުގެފާނު އެބަ ހުންނެވިހެއްޔެވެ؟" ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްވެސް ބޭކަލަކު ޖާވާބުނުދެއްވަން އެންގެވިއެވެ. އަބޫސުފްޔާނު އަނެއްކާވެސް ގޮވައިލެއްވިއެވެ. "އަބޫޤުޙާފާގެ ދަރިކަލުން އަބޫބަކުރު އެބަ ހުންނެވި ހެއްޔެވެ؟" ޖަވާބެއް ލިބިވަޑައިނުގަތުމުން ގޮވާލެއްވިއެވެ. " ޚައްޠާބުގެ ދަރިކަލުން ޢުމަރުވެސް ނެތީހެއްޔެވެ؟"

ޖާވަބެއް ލިބިވަޑައިނުގަތުމުން އުފާފުޅުން ނަޢުރާކުރެއްވިއެވެ. ވިދާޅުވިއެވެ. "ޔަޤީނެވެ. އެންމެންވެސް ޤަތުލުވީއެވެ. ދިރިތިބިނަމަ ޖަވާބުދިނީހެވެ." އެހައިތަނުން ޢުމަރުގެފާނަކަށް ކެތެއްނުކުރެއްވުނެވެ. ޢުމަރުގެފާނު ގޮވައިލެއްވިއެވެ. " އޭމާތް ﷲ ގެ ޢަދުއްވާއެވެ! އަހަރެމެން އެންމެންވެސް ދުނިޔޭގައި އެބަތިބީމުއެވެ."

އެއަޑުފުޅު އިވިވަޑައިގަތުމުން އަބޫސުފްޔާނުގެ ފުރާނަފުޅަށް ދަތިވިއެވެ. ނޭވާލައްވަން އުނދަގޫފުޅުވިއެވެ. ނަމަވެސް އެނާގެ ހިތްޕުޅަށްކުރި އަސަރު ވަންހަނާ ކުރައްވަންވެގެން ގޮވައިލެއްވިއެވެ. "ހުބަލު މަތިވެރިވެއްޖެއެވެ." ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދާ އެއްގޮތަށް ޞަޙާބީން ނަޢުރާކުރެއްވިއެވެ. "ﷲ ގެ ގަދަ ކީރިތި ވަންތަކަމާއި މަތިވެރިވަންތަކަން މާބޮޑެވެ." އަބުސުފްޔާނު ގޮވައިލެއްވިއެވެ. "އަހަރެމެންނަށް ޢުއްޒާވެއެވެ. ތިޔަބައިމީހުނަކަށް ޢުއްޒާއެއްނެތެވެ." ޞަޙާބީން ޖަވާބުދެއްވިއެވެ. "އަހަރެމެންނަށް މަދަދުދެއްވާ ސާހިބުވަންތަ ކަލަކީ ﷲއެވެ. ތިޔަބައިމީހުނަކަށް ވާގިދޭނެ ފަރާތެއްނުވެއެވެ."

އަބޫސުފްޔާން ގޮވައިލެއްވިއެވެ. "އަހަރެމެންނާއި ތިޔަބައިމީހުނާ ދެން މިގޮތަށް ބައްދަލުވާނީ މިއަންނަ އަހަރުގެ މިދުވަހު ބަދުރުގައެވެ. " ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެގޮންޖެހުން ޤަބޫލުކުރެއްވިއެވެ. ޞަޙާބީން މެދުވެރިކުރައްވައި ޖަވާބުދެއްވިއެވެ. "އާނއެކެވެ! މިއަންނަ އަހަރުގެ މިދުވަހު ބަދުރުގައެވެ."

އެއަޑު އިވިވަޑައިގެންނެވުމުން އަބޫސުފްޔާން އެނާގެ ލަޝްކަރަށް އެނބުރި ވަޑައިގެންފިއެވެ. އޭނާ ވަޑައިގެންނެވީ އޭނާގެ މުހިންމަތު ނާކާމިޔާބުވެއްޖެކަމުގެ އިޙްސާސާއެކުގައެވެ. ޤުރައިޝުންނަކަށް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުކޮށެއް ނުލެވުނެވެ. މުސްލިމުން ބަލިކޮށް ފައްސައެއްވެސް ނުލެވުނެވެ. ޤަތުލުކޮށް ހުސްކޮށެއްވެސް ނުލެވުނެވެ. މުސްލިމުންގެ ތެރެއިން އެންމެ މީހަކުވެސް ހައްޔަރެއް ނުކުރެވުނެވެ. ޝަހީދުންގެ ހަށިކޮޅުތަކުން ފޭރުނު އެއްޗެއް ފިޔަވައި އެއްވެސް އެއްޗެއް ޣަނީމާއެއްވެސް ނުކުރެވުނެވެ. އަނެއްކޮޅުން މަޤްޞަދު ޙާސިލުނުކުރައްވައި އެނބުރި ވަޑައިގަންނަވާކަށެއް އަބޫސުފްޔާނު ބޭނުންފުޅެއް ނޫނެވެ. އޭނާއަކީ އެކަހަލަ ބޭކަލެއް ނޫނެވެ. އޭނާ ވިސްނައިވަޑައިގެންނެވިއިރު ހެއްދެވިދާނެކަމަށް ފެނިވަޑައިގެންނެވީ ދެގޮތެކެވެ. އެއްގޮތަކީ ޤުރައިޝުންނާއި އެބައިމީހުންގެ އިއްތިޙާދީންގެ ސަފުތައް އަލުން ރުކުރުވައިލައްވައި ހަނގުރާމައިގެ ތިންވަނަ މަރްޙަލާއެއް ފެއްޓެވުމެވެ. އެކަމަކު އަލުން ހަނގުރާމަ ފެއްޓެވުމަކި ބުއްދިވެރިކަމެއްކަމަކަށް ފެނިވަޑައެއްނުގެންނެވިއެވެ. ހަނގުރާމައިގެ ފުރަތަމަ ބުރުގެ ނަތީޖާ ފެނިފައިވާގޮތުންނެވެ. ދެވަނަ މަރްޙަލާގައިވެސް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤުރައިޝުންގެ ޙިޞާރުން އިސްލާމީ ލަޝްކަރު ސަލާމާތްކުރައްވައި ކާމިޔާބު ގޮތެއްގައި އަސްކަރުގާހަށް ގެންދަވައިފައިވާތީއެވެ. ދެވަނަ ގޮތަކީ މަދީނާއަށް ރޭދަލެއް އެއްލެވުމެވެ. ރޭގަނޑުގެ ޙަމަލައެއް ދެއްވުމެވެ. އަބޫސުފްޔާނު ތަރްޖީޙު ދެއްވީ އެގޮތަށެވެ. ކާމިޔާބުގެ އެކަށޭނަކަން އެންމެ ބޮޑުކަމުގައި އެނާއަށް ފެނިވަޑައިގެންނެވީ ވެސް އެގޮތުގައެވެ. އެހެންކަމުން އަބޫސުފްޔާނު އަނެއްކާވެސް ގަޞްދުކުރެއްވީ މުސްލިމުން ހަނގުރާމައިގެ މަކަރެއްގެ ދަށުލެއްވުމަށެވެ. އެއަށްފަހު މަދީނާއަށް ރޭގަނޑު ޙަމަލައެއް ދެއްވުމަށެވެ. އޭނާ ޤަޞްދުކުރެއްވީ ލަޝްކަރާއިގެން އުޙުދު މައިދާން ދޫކޮށްލެއްވުމަށްފަހު މައްކާއާ ދިމާޔަށް ތަންކޮޅަކަށް ދަތުރުކުރައްވާށެވެ. މުސްލިމުން ޣާފިލުކޮށްލެއްވުމަށްފަހު އަވަހަށް އެނބުރިވަޑައިގެން ރޭގަނޑު މަދީނާއަށް ކުއްލި ޙަމަލައެއް ދެއްވާށެވެ. އޭރުން މުސްލިމުންގެ ވަސްފިލުވައިލައްވާނެ ރަންފުރުޞަތެއް ލިބިވަޑައިގެންފާނެ އަބޫސުފްޔާނު ޔަޤީންކުރެއްވިއެވެ.

ނަމަވެސް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބޫސުފްޔާނުގެ އެމަކަރު ދަށަކުވެވަޑައެއް ނުގެންނެވިއެވެ.

(ނުނިމޭ)

×
DB released.