މަޖިލިސް ކޮންޓްރޯލް ކުރަން ފަލާހާ ހަވާލުކޮށްފިން: ނިހާން

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ފަހު މެމްބަރުން މަޖިލީހުގެ އިދާރާގެ ބޭރުގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ އިހްތިޖާޖުތައް ހުއްޓުވައި މަޖިލިސް ކޮންޓްރޯލް ކުރެއްވުމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު، އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހާ ހަވާލު ކުރައްވައިފި އެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އެ ޕާޓީގެ މެންބަރުން މައިތިރިވެގެން ތިއްބެވީ ލީޑާޝިޕުގެ އެދެމުގެ މަތިން ކަމަށާއި ނަމަވެސް ދެން ކެތެއް ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު މިރޭ ހަމަ ބްލޭންކްކޮށް އެ ހުއްދަ ދޭން އަޅުގަނޑުމެންގެ މި ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހަށް. 95 ކިލޯގެ ބަރު އުފުއްލަވާ ބޭފުޅެއް އެއީ. ދެން މަނިކުފާނު ބޭނުންފުޅު ގޮތަކަށް މި މަޖިލީހުގެ މަސަތްކަތް ކޮންޓްރޯލް ކުރެއްވުމަށް މަނިކުފާނަށް ޕީޖީ ގްރޫޕްގެ އެންމެ އިސް މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މިރޭ ދީފިން،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ އަމަލުތައް މިހާރު ހުރި ގޮތް ނިހާން ސިފަކުރައްވާފައި ވަނީ ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވުމަށް ބޮޑުތަކުރުފާނާއި އެ ތަކުރުފާނުގެ ފަހަތުގައި އޮތް ޓީމުގެ މަސައްކަތަށެވެ.

"އެ ފަރާތްތަކުން ވީ ގުރުބާނީއާ ދާދި އެއްވަރެއްގެ ގުރުބާނީއެއް މިހާރު އަޅުގަނޑުމެންގެ މި ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މިދުވަސްވަރު ވަމުން މި ގެންދަވަނީ. މިއީ ފަސޭހަ ކަމެއް ނޫން އަޅުގަނޑުމެނަށް ކުރާކަށެއް،" އޭނާ ވިދާޅުވި އެވެ.

ނިހާން އެހެން ވިދާޅުވެފައި މި ވަނީ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން ހުއްޓުމެއް ނެތި އިހްތިޖާޖުކޮށް މަޖިލިސް ހަލަބޮލިކޮށްލާފައިވާތީ އެވެ. އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި އިހްތިޖާޖް ކުރަމުންދަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރާކަމަށް ބުނެ އެވެ. އަދި މަސީހްގެ ރިޔާސަތުގައި ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އިދިކޮޅު މެންބަރުން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް