ހިއްސާއަކަށް 20 ރުފިޔާ ބަހަން ބީއެމްއެލްއިން ނިންމައިފި

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިންގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާދާރުން ގަނެފައިވާ ކޮންމެ ހިއްސާއަކަށް 20 ރުފިޔާ ބަހަން އެ ބޭންކުން ނިންމައިފިއެވެ.

ހޮޓެލް ޖެންގައި މިރޭ ކުރިއަށް ގެންދިޔަ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅުނު ޖުމްލަ 107.6 މިލިއަން ރުފިޔާ (ހިއްސާއަކަށް 20 ރުފިޔާ) ދިނުމަށް ފާސްކޮށްފައެވެ. އެ އާއެކު ހިއްސާގެ ފައިދާގެ ގޮތުގައި އަދި ޓެކްސްގެ ގޮތުގައި ދައުލަތަށް 370 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބޭނެއެވެ.

މިދިޔަ އަހަރު ބީއެމްއެލްއިން ޓެކްސްއަށް ކެނޑުމަށްފަހު %61 ގެ ކުރިއެރުމަކާ އެކު 1.02 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ހަރުދަނާ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. ލޯނު ދޫކުރެވޭ ނިސްބަތް އިތުރުވަމުންދާއިރު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ ދަށްކުރެވިފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައެވެ.

އަދި މިދިޔަ އަހަރު ތެރޭ ބޭންކުން ޚިދުމަތްތައް ފުޅާކުރުމަށާއި އުމްރާނީ ތަރައްޤީއަށް އަދި ސީއެސްއާރު ހަރަކާތްތަކަށް 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ. މީގެ ތެރޭގައި ހަތަރު ބްރާންޗާއި 10 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ އަލަށް ހުޅުވާފައިވެއެވެ.

" ވޭތުވެދިޔަ އަހަރު އަޅުގަނޑުމެންނަށް ތިޔަ ކުރެއްވި އިތުބާރަށާއި ބެހެއްޓެވި އިޚްލާސްތެރިކަމަށްޓަކައި ހިއްސާދާރުންނަށް ޝުކުރުދަންނަވަން. މިދިޔަ އަހަރަކީ ބޭންކަށް ކާމިޔާބު އަހަރަކަށްވުމާއެކު ހިއްސާދާރުންނަށް ބެހުމަށް ބޭންކުގެ ބޯޑުން ރެކޯޑް މިންވަރެއް ހުށަހެޅުމުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިބޭ. ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށްވެސް ވުމާއެކު އަޅުގަނޑުމެންގެ 280,000 ކަސްޓަމަރުންނަށް ވަރަށް އިޚްލާސްތެރި ޝުކުރެއް ދަންނަވަން. ޚާއްސަކޮށް މިދިޔަ އަހަރު އަޅުގަނޑުމެންނާ އަލަށް ގުޅުނު 19 ހާސް ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރެއްވި އިތުބާރު ފާހަގަކޮށްލަން. ތިޔަ ބޭފުޅަންނަށް އެހީތެރިވުމަށް އަޅުގަނޑުމެން ކެނޑިނޭޅި ހީވާގިކަމާއެކު މަސައްކަތްކުރަމުންގެންދާނަން." މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވިއެވެ.

ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާއަކަށް 20 ރުފިޔާ ބެހުމަށް ނިންމާފައިވާއިރު މިއީ އެކުންފުނިން ހިއްސާދާރުންނަށް އެންމެ ބޮޑު އަދަދެއް ބަހަން ނިންމި އަހަރެވެ. އަދި މިއީ ރިކޯޑު އަދަދެއް ކަމަށް އެބޭންކުން ބުންޏެވެ.

comment ކޮމެންޓް