ބީއެމްއެލްއިން ދޫކުރި ލޯނުގެ މިންވަރު 23 ޕަސެންޓު އިތުރުވެއްޖެ

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ އެންޑްރޫ ހީލީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިންގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު ދޫކުރި ލޯނުތަކުގެ މިންވަރު 23 ޕަސެންޓު އިތުރުވެފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ، އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވީ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނާ މުޚާތަބް ކުރައްވައި ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ ފާއިތުވި އަހަރު ދުވަސްތެރޭ ކްރެޑިޓް މެނޭޖްމެންޓް ހަރުދަނާކޮށް ލެންޑު ކުރި ފައިސާގެ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ތެރޭ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރި އާ ލޯނުތަކުގެ ފައިސާގެ އަދަދު ތިން ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އެންޑްރޫ ވިދާޅުވިއެވެ.

މީގެ އިތުރުން ނޮން ޕާފޮމެންސް ލޯނުގެ މިންވަރު މިދިޔަ ތިން އަހަރު ތެރޭ މަދު ކުރުމަށް ކުރި މަސައްކަތުން އެބާވަތުގެ ލޯނުގެ މިންވަރު 50 ޕަސެންޓު މަދު ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ތިން އަހަރުު ދުވަސްތެރޭ ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީގެ މިންވަރުވެސް ހުންނަން ޖެހޭ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުންގެ ބޭންކުން މިހާރު މިދަނީ އިތުރު ބްރާންޗުތަކާއި އޭޓީއެމްތައް އަދި ކޮމިއުނިޓީ ޕްރޮޖެޓުތައް ކުރިއަށްގެންދިއުމަށް އިންވެސްޓު ކުރަމުން. އެގޮތުން މީގެ ތިން އަހަރު ކުރިއާ އަޅާބަލާއިރު ބޭންކުގެ އޭޓީއެމްތަކުގެ އަދަދު ވަނީ 70 ޕަސެންޓު އިތުރުވެ އާ 36 އޭޓިއެމް ހުޅުވާފައި. އާ ބްރާންޗުތަކުގެ އަދަދު ވަނީ 30 ޕަސެންޓު އިތުރުވެ އާ އަށް ބްރާންޗު ހުޅުވާފައި،" ހިއްސާދާރުންނާ ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވިއެވެ.

އިތުރުކޮށްފައިވާ އަށް ބްރާންޗުގެ އިތުރުން ކޮންމެ ރަށެއްގައި ބީއެމްއެލްގެ އޭޖެންޓުން ގާއިމްކޮށްފައިވާކަން ފާހަގަކުރަައްވަމުން އޭނާ ވިދާޅުވީ މީގެ ކުރިން ދުވަހަކުވެސް އާންމު ވިޔަފާރިތަކަށް އެއްބާރުލުން ނުދޭ ވަރަށް މިހާރު އެބޭންކުން އެއްބާރުލުން ދޭ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ތެރޭ ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު 1.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަހުނަކާ ނުލައި ދޫކުރާ ބީއެމްއެލް ރީޓެއިލާސް ލޯނު ސްކީމުގެ ދަށުން ފަސް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ދާދި ފަހުން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާން ކުރި އަގު ހެޔޮ ހައުސިން ލޯނަށް އެ ބޭންކުން ފުރިހަމައަށް ތާއީދު ކުރާ ކަމަށާއި ބީއެމްއެލް މެދުވެރިކޮށް އެ ލޯނު ދޫކުރާ އުސޫލު މި މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރުވެސް މި ބޭންކުން ސަރުކާރުގެ 29 ގިންތީއެއްގެ ލޯނު އެބަ ދޫކުރަން. އެއީ އެއް ބިލިއަން ރުފިޔާއާ ހަމަކުރާލޯނުތަކެއް. މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ އެމްއެމްއޭގެ ކްރެޑިޑް ގެރެންޓީ ސްކީމުގައި ބައިވެރިވެފައި. އެ ސްކީމުގެ ދަށުން މެދު އަދި ކުދި ވިޔަފާރިތަކަށް ސެކިއުރިޓީއާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރޭ. އަޅުގަނޑުމެން ވެފައިވަނީ އެ ސްކީމުގައި ބައިވެރިވި ފުރަތަމަ އަދި ހިއްސާގެ ގޮތުން އެންމެ ބޮޑު ހިއްސާއެއް އަދާ ކުރާ ބޭންކަށް،" އެންޑްރޫ ވިދާޅުވިއެވެ.

އެންޑްރޫ ވިދާޅުވި ގޮތުގައި މިއަހަރު ތެރޭ ފެށި "ދިވެހިންގެ ބޭންކް، އަހަރެންގެ ބޭންކް" ކޮމިއުނިޓީ ކެމްޕެއިންގެ ދަށުން އެކި ރަށްތަކުގައި 30 ޕްރޮޖެކްޓަކަށް ބޭންކުން ދަނީ އިންވެސްޓު ކުރަމުންނެވެ.

"މިހާރު މި ބޭންކުން މި ދޫކުރާ ލޯނުތަކަކީ މީގެ ކުރިން މި ބޭންކުން ދުވަހަކުވެސް ދޫނުކުރާހާ ބޮޑެތި އަދި އަގުގެ ގޮތުން ބަރުދަން ހުރި ލޯނުތަކެއް. އެގޮތުން ގެދޮރުވެރިކަމާއި ވިޔަފާރިތަކަށް ޚާއްސަ ލޯނުތައް މިދަނީ ދޫކުރަމުން. އަޅުގަނޑުމެން މިވަނީ 100 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ބޭންކުގައި ހުޅުވާފަ. އަޅުގަނޑުގެ އުއްމީދަކީ އަންނަ އަހަރުގެ ތެރޭގައި އެ އަދަދު 150 އަށްވުރެ އިތުރު ކުރުން،" އެންޑްރޫ ވިދާޅުވިއެވެ.

comment ކޮމެންޓް