ޖޭޕީގެ ލޯގޯ އާ ދިދަ ބަދަލުކުރަން އެނގި މައްސަލާގައި ކުރި ދައުވާ ބޭރުކޮށްލައިފި

ޖަސްޓިސް ބިލްޑިގ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރަން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް އެންގި އެންގުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ސޮއިކުރައްވައި ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ 10:00 އަށް ކޯޓަށް ހާޒިރުވާން ޖުމްހޫރީ ޕާޓީއަށް ކޯޓު އަމުރަކުން އަންގާފައި ވަނިކޮށް އެ އަމުރާއެއްގޮތަށް ކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ.

އެހެންކަމުން ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީގޮތުގެ ގަވާއިދުގެ ދަށުން އެ މައްސަލަ އިތުރަށް ކުރިއަށްގެންދެވެން ނެތް ކަމަށް ކަނޑައަޅައި ވަނީ ހުކުމް ކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރަން އިލެކްޝަންސް ކޮމިޝަނުން އެންގީ ހޯމް މިނިސްޓްރީން އެކުލަވާލި ގައުމީ ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލުގެ ދަށުންނެވެ. އެއީ އެ ލޯގޯ އާއި ދިދަ ރައީސުލްޖުމްހޫރިއްޔާ އަށް ޚާއްސަ ކުރެވިފައިވާ ދިދައާ ވައްތަރުވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންގީ މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެޕާޓީގެ ލޯގޯ އާއި ދިދަަ ބޭނުންކުރުން ހުއްޓާލުމަށެވެ.

ޖުމްހޫރީ ޕާޓީން އެ މައްސަލާގައި ދައުވާ ކުރީ އެ އެންގުމަކީ ގާނޫނު އަސާސީ އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފު އެންގުމެއް ކަމަށް ބުނެއެވެ.

comment ކޮމެންޓް