މައިންޑް ޔުއާ ލެންގުއޭޖުގެ "ޑެނިއޭލް" ހަނދާން އެބަހުރިތަ؟

މައިންޑް ޔުއާ ލެންގުއޭޖުގެ "ޑެނިއަލް"ގެ ރޯލުން ފެނުން ފްރޭންސޮއިސް ޕާސްކަލްގެ އޭރާއި މިހާރުގެ ފޮޓޯއެއް

ކުރީގެ އިނގިރޭސި ސީރިޒް އެއް ކަމަށްވާ "މައިންޑް ޔުއާ ލެންގުއޭޖް" އަކީ 1970 އާއި 80ގެ އަހަރުތަކުގައި ވަރަށް ބޮޑަށް މަޝްހޫރު ސިލްސިލާއެކެވެ. އިނގިރޭސިވިލާތަށް ހިޖުރަކޮށްގެން އުޅޭ މީހުން އިނގިރޭސި ބަސް ދަސްކުރަން ކްލާހެއްގައި އުޅޭއިރު ދިމާވާ ހެއްވާ މަޖާ ހާދިސާތައް ދައްކުވައިދޭ އެ ސީރިސް އަކީ ދިވެހިންގެ ތެރޭގައި މިހާރު ވެސް ވަރަށް މަގުބޫލު ސިލްސިލާއެކެވެ.

އެ ސީރީސް ބަލާ ގިނަ މީހުންނަށް ހަނދާން ނައްތާލަން އެންމެ އުނދަގޫވަނީ އެ ސީރީސްގައި ހަރަކާތްތެރިވި ތަރިންނެވެ. އެގޮތުން އެ ސިލްސިލާގައި "ޑެނިއަލް"ގެ ބައި އަދާކުރި ފްރޭންސޮއިސް ޕާސްކަލް އަކީ ގިނަބަޔަކަށް ވަރަށް ކަމުދިޔަ ތަރިއެކެވެ.

ފްރޭންސޮއިސް ޕާސްކަލް މިހާރު

މޮރީޝިއަސްއަށް އުފަންވި އެ ބަތަލާ ވަނީ އުމުރުން ހަ އަހަރުގައި އާއިލާއާއެކު އިނގިރޭސިވިލާތަށް ހިޖުރަ ކޮށްފައެވެ.

ހަތްދިހަ އާއި 80ގެ އަހަރުތަކުގެ ތެރޭގައި ފްރޭންސޮއިސް އަކީ މަޝްހޫރު ތަރިއެކެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ފިލްމުތަކުންނާއި ސީރީސްތަކުގައި ފްރޭންސޮއިސް ދިޔައީ މުހިންމު ރޯލްތަކެއް އަދާކުރަމުންނެވެ. އޭގެ އިތުރުން ފަރަންސޭސިވިލާތުގެ ފިލްމުތައް ވެސް ފްރޭންސޮއިސް ވަނީ ކުޅެފައެވެ.

ފިލްމުތަކާއި ސީރިސްތަކުން މަޝްހޫރުކަން ފްރޭންސޮއިސް އަށް ލިބުނުއިރު އޭނާގެ އަމިއްލަ ދިރިއުޅުން ވެސް އޭރު ހަމަ އެހާ މަަޝްހޫރެވެ. އެގޮތުން އޭރުގެ މަޝްހޫރު ތަރިން ކަމަށްވާ ޕީޓާ ސެލާސް، މައިކަލް ކެއިން އަދި ޑޭވިޑް ސޯލް ފަދަ މަޝްހޫރު ތަރިންނާ ބާއްވަމުން ދިޔަ ގުޅުންތައް އަބަދުހެން މީޑިއާގެ ފަލަ ސުރުހީ ތަކުގައި އޭރު ދިޔައީ ފެވެމުންނެވެ.

ކިތަންމެ މަޝްހޫރު ކަމެއް ފްރޭންސޮއިސް އަށް ލިބުނުކަމަށް ވިޔަސް އޭނާގެ ތަރި އޮއްސިގެން ދިޔައީ ކުއްލިއަކަށެވެ. އަށްޑިހައިގެ ފަހުގެ އަހަރުތަކަށް ފަހު ފްރޭންސޮއިސް އެއްވެސް ހިލަމެއް ނުވެ 25 އަހަރު ފާއިތުވެގެން ދިޔަ އެވެ.

ފްރޭންސޮއިސް ޕާސްކަލް " މައިންޑް ޔުއާ ލެންގުއޭޖްެ"ގެ މަންޒަރެއްގެ ތެެރެއިން

ފްރޭންސޮއިސް އަށް ވީ ކިހިނެއް؟

ޒަމާންތަކަށް ފަހު ފްރޭންސޮއިސް ނެރުނު އޭނާގެ ބަޔޮގްރޮފީ "އޭސް އައި އޭމް"ގައި ވަނީ އޭނާގެ ތަރި އޮއްސެން ދިމާވި ގޮތާ ބެހޭ ގޮތުން އަލި އަޅުވައިލައިފަ އެވެ.

ފްރޭންސޮއިސް ބުނިގޮތުގައި އޭނާގެ ތަރި އޮއްސިގެން ދިޔައީ މަސްތުވާތަކެތި އަދި ފިރިހެނުންގެ އަވައިގައި ޖެހުމުގެ ސަބަބުންނެވެ.

"އަހަރެން ދުވަހަކު ވެސް މީހަކު ދެކެ ހަގީގީ ލޯތްބެއް ނުވަން. ފިރިހެނުންނަކީ ވަރަށް ދޮގު ހަދާ ބައެއް. އެމީހުން އަހަންނަށް ދެއްކީ ފާޑުފާޑުގެ ނަނާ ހުވަފެން،" ފްރެންސޮއިސް ބުންޏެވެ.

ފްރެންސޮއިސް ބުނި ގޮތުގައި އެނާއަށް މަސްތުވާތަކެއްޗާ ދިމާއަށް ދިޔުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރުމުގައި އޭނާގެ ދަރިފުޅު ބީވުން ހިމެނެ އެވެ. ފްރޭންސޮއިސް އޭރު އުޅުން ޖެހުނުލެއް ބުރަކަމުން އޭނާއާށް ދަރިފުޅަށް އަޅާ ނުލެވުމުގެ ސަބަބުން އެ ދަރިފުޅުގެ ބައްޕަ ކޯޓަށް ގޮސްގެން އޭނާގެ ބެލުމުގެދަށަށް ގެންދިޔައެވެ.

މަސްތުވާތަކެއްޗާއި ރަލާ ދޯޅުވުމުގެ ސަބަބުން އޭނާގެ ރީތި ސޫރަ ވެސް އެންމެ ފަހުން ގެއްލިގެން ދިޔަ އެވެ.

އެއީ ފްރޭންސޮއިސް އާންމުންނަށް ގެއްލުމުގެ ފެށުމެވެ. ފްރޭންސޮއިސް ވަނީ 25 އަހަރުވަންދެން އޮފީހެއްގައި ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އޭގެން އޭނާއަށް ދިރއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދޭވަރުގެ އަމްދަނީއެއް ލިބުނެވެ.

ކުރިން ވެދިޔަ ކަންތައްތައް ހަނދާން ނައްތާލައި ފްރޭންސޮއިސް އަލުން އާ ހަޔާތެއް ފެށި އެވެ. އަދި އޭނާގެ ދަރިފުޅާ އަލުން ގުޅުން ބަދަހިކުރި އެވެ.

"އަހަރެންގެ ހަގީގީ ލޯތްބަކީ އަހަރެންގެ ފިރިހެން ދަރިފުޅާއި އޭނާގެ އަންހެނުން އަދި އަހަރެންގެ މާމަ ދަރިފުޅު،" ފްރޭންސޮއިސް ބުންޏެވެ.

ޒަމާންތަކަަކަށް ފަހު ފްރޭންސޮއިސް ވަނީ ކެމެރާގެ ކުރިމައްޗަށް، 2015 ނުކުތް ޑްރާމާ އަކުން ފެނިގެން ގޮސްފަ އެވެ. ނަމަވެސް މިއަދު އޭނާއަށް ކުރިން ލިބުނު މަޝްހޫރުކަމެއް އެއްގޮތަކަށްވެސް ނެތެވެ.

"ކުރިން ވެދިޔަ ކަންތައްތަކާމެދު އަހަރެން މިހާރު ހިތާމައެއް ނުކުރުން. އަހަރެންވެސް އަަހަރެންގެ ހަޔާތުގައި މަޖާކޮށް އުފާކޮށް ހެދިން. އަހަރެންގެ ރަން ދުވަސްވަރު އަންހެނުން އަބަދުވެސް އަހަރެންނަށް ވަރަށް ނަފްރަތުކުރި. ނަމަވެސް ފިރިހެނުން އަހަންނަށް އަބދުވެސް ވަރަށް ގަޔާވެގެން އުޅޭ،" ފްރޭންސޮއިސް ބުންޏެވެ.

comment ކޮމެންޓް