ނިހާނު އިބޫއަށް: "ދެން ކިހިނެއްހޭ މިކަން ކުރާނީ؟"

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފަހު މެމްބަރުން މަޖިލީހުގެ އިދާރާގެ ބޭރުގައި: އިދިކޮޅު މެމްބަރުންގެ އިހުތިޖާޖާ ގުޅިގެން މެމްބަރުންގެ މެދުގައި ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ގޮސްފައި އަދި އެ ބައެއްގެ ދިފާއުގައި އެބަޔަކު ދަނީ ވާހަކަ ދައްކަމުން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ވެސް ހޫނުވެ އިދިކޮޅު މެމްބަރުން އިހުތިޖާޖު ކޮށްފައިވާ އިރު ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވެސް މިއަދު ވަނީ ދިފާއުގައި ނުކުމެފަ އެވެ. އެކަމުގެ ސަބަބުން މުޅި މަޖިލިސް ހަލަބޮލިވެ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ގަޔަށް އަތްލައި ހަޑި ހުތުރު ބަހުން ވާހަކަދެއްކި އެވެ.

ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ސަރުކާރުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފުގެ ގަޔަށް އަތްލައި މާރާމާރީ ހިންގައިފަ އެވެ. އެމަންޒަރު ވީޑިއޯތަކުން ވެސް ފެންނަން އެބަހުއްޓެވެ.

އެކަމާ ގުޅިގެން ކެލޭ ދާއިރާގެ މެމްބަރު އަލީ އާރިފް އާއި ސަރުކާރު ބައެއް މެމްބަރުން ވަނީ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހި (އިބޫ)ގެ ކޮޓަރިކޮޅުގެ ދޮރުގައި ފައިން ބާރަށް ޖެހުމަށް ފަހު އެތެރެއަށް ވަދެ އިބޫގެ މޭޒުގައި އަތުން ޖަހައި އެކަން ހުއްޓުވުމަށް އަމުރުކޮށްފަ އެވެ.

ނިހާން އިބޫއާ ވާހަކަދައްކަނީ ---

އަދި ނިހާން ވަނީ އިބޫގެ ކޮޓަރިކޮޅަށް ވަދެ އިބޫއަށް އިޝާރާތްކޮށް "ދެން ކިހިނެއްހޭ މިކަން ކުރާނީ؟" ސުވާލު އުފައްދަވައިފަ އެވެ.

"ދެން ކިހިނެއްހޭ މިކަން ކުރާނީ. މެމްބަރުން މައިތިރިކޮށްގެން ހިފަހައްޓައިގެން އަހަރެން ވެސް މިއުޅެނީ،" ނިހާން ވިދާޅުވެ އެވެ.

ނިހާން އިބޫގެ ކޮޓަރިކޮޅަށް ވަނުމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ރުޅިގަދަވެ ނިހާނާ ވާހަކަދައްކައިފަ އެވެ. އީވާ ވިދާޅުވީ "ފަލާހުމެން އައިސް މިތަނުގެ ދޮރުފަޅާލި ކަމަށާއި ނިހާނުމެން ތިތިބީ އައި ރުޅީގައި މިތަނަށް ވަދެ" ކަމަށެވެ.

އީވާއަށް ޖަވާބުދެމުން ނިހާނު "ހެނދުނުއްސުރެ ފެށިގެން މަޑުންނޭ އަހަރެމެން މި ތިބެނީ" ވިދާޅުވި އެވެ.

އީވާ ރުޅިގަދަވެ ނިހާނަށް ވީ ގޮތް ކިޔައިދެނީ --

އަދި ވިދާޅުވީ މިހިސާބުން ގަޔަށް އަތްލަން ޖެހެނީ ކީއްވެގެންތޯ އެވެ.

ނިހާނު އެހެން ވިދާޅުމުން އީވާ ވިދާޅުވީ ތިޔަ އުޅެނީ ކާކު ގަޔަށް އަތްލައިގެންތޯ އައްސަވައިފަ އެވެ. އަދި ވިދާޅުވީ "ފަލާހުމެން އައިސް މަހުލޫފުމެންގެ ގަޔަށް ބޮލަށް އެރީ" ކަމަށެވެ. އަދި "އަލީ އާރިފް މެން ނުގޮވާކަށް ހުތުރު އެއްޗެއް ނެތް" ކަމަށް އީވާ ވިދާޅުވި އެވެ.

"އަހަރެމެން މަސީހުއާ ވާހަކަ ދައްކަން ދިޔައީމަ ޕީޕީއެމް މެމްބަރުން ހުރަސް އަޅާކަށް ނުޖެހޭނެ،" އީވާ ވިދާޅުވި އެވެ.

މަޖިލިސް ހޫނުވެފައި ވަނިކޮށް ވެސް މިއަދު ވަނީ ހުށަހަޅާފައިވާ ދެ މައްސަލާގައި ވޯޓަށް އަހައިފަ އެވެ. އޭގެތޭރޭގައި ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަން ކުރުމަށް ވޯޓަށް އަހުން ހިމެނެ އެވެ.

comment ކޮމެންޓް