Sun Online
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ފަހު މޫސަ މަޖިލީހުގެ ބޭރުގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ފަހު މޫސަ މަޖިލީހުގެ ބޭރުގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅު މެމްބަރުން މަޖިލީހުގައި ކުރަންބޭނުންވާ ކަންތައްތައް ކުރުމަށް ދޫދެވޭކަށް ނެތް: މޫސަ

އަހްމަދު އާޒިފް
ލިޔުނީއަހްމަދު އާޒިފް

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރުމަށް ދޫދެވެން ނެތް ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު މެމްބަރުން މަޖިލީހުގައި ކުރަމުން އަންނަ އިހްތިޖާޖާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އޭނަ އާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ތިބީ އިދިކޮޅު މެމްބަރުން ބޭނުންވާ ގޮތަށް ދޫދެން ނޫން ކަމަށެވެ.

"މަސީހު ރިޔާސަތުގައި އިންނާކަށް ބޭނުމެއް ނުވޭ. އުއްތަމަ ފަނޑިޔާރު އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނާކަށް ބޭނުމެއް ނުވޭ. ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނާކަށް ބޭނުމެއް ނުވޭ. އެއީ ގާނޫނު އަސާސީގެ އުސޫލުތޯ. އެބޭފުޅުން ގެންނަން ބޭނުންވާ ޑިމޮކްރެޓިކް ހަމަތޯ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ މަޖިލީހަކީ ޑިމޮކްރެޓިކް އުސޫލުން ހިނގާތަނެއް ކަމަށާއި މަޖިލިސް ހަލަބޮލިކުރާކަށް ފުރުސަތު ދެވެން ނެތް ކަމަށެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް އިތުބާރުކޮށް މަޖިލިސް ހިމާޔަތްކުރުމަށް ރައްޔިތުން ވަނީ ގާނޫނީ ބާރުދީފައި ކަމަށާއި މަޖިލިސް ހިމާޔަތްކުރުމަށް ޓަކައި އެއިރެއްގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށްފަހު މޫސަ މަޖިލީހުގެ ބޭރުގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މިތާއެތެރޭގައި އެހެންޏާ ވެސް އިހްތިޖާޖު ކުރޭ. މިއީ އަލަކަށް ކުރާ ކަމެއް ނޫން. 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އިހްތިޖާޖު ކުރޭ. މިހާރު މިހިރީ މިކަން މީހާގެ ނަފްސަށް އެޓޭކްވާ ވަރަށް އައިސްފައި. މިގޮތަކަށް މިކަން އަޅުގަނޑުމެންނަށް ދުލެއް ނުކުރެވޭނެ،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި މިހާރު ބާއްވާ ޖަލްސާތަކަކީ ޣައިރު ގާނޫނީ ޖަލްސާތަކެއް ކަމަށް ނުވާނެ ކަމަށާއި ވޯޓުލައިގެން އުސޫލުގެ ތެރެއިން ކަންކަން ކުރުމުގެ ފުރުސަތު އިދިކޮޅު މެމްބަރުންނަށް އެބައޮތް ކަމަށެވެ.

މޫސަ ވިދާޅުވީ މިއަދު މަޖިލީހުގައި ހިނގި އިހުތިޖާޖުގެ ތެރޭގައި މަޖިލީހުގެ ރައީސް މަސީހާއި ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުންނަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެފަދަ ފުރުސަތު ޕީޕީއެމްގެ މަޖިލިސް މެމްބަރުން ދޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

infinity loading...
×
DB released 01.