އަންނަ އަހަރުގެ އެޑިއުކޭޝަން އެކްސްޕޯ: ވަޒީފާގެ ފުރުސަތަށް ހާއްސަ

މިއަހަރު ބޭއްވި އެޑިއުކޭޝަން އެކްސްޕޯގެ ތެރެއިން ---

އަންނަ އަހަރު ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" ބޮޑަށް ހާއްސަ ކުރާނީ ވަޒީފާގެ ފުރުސަތުތަކަށް ކަމަށް ފެއާ ބާއްވަމުން އަންނަ ރާއްޖޭގެ އަސަރީ ސާވިސަސް އިން ބުނެފި އެވެ.

އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި ލަންކާގެ ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (ލެކްސް)އާ ގުޅިގެން 2010 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެ ފެއާއަކީ ރާއްޖެ އާއި ރާއްޖެ އިން ބޭރުން ލިބެން ހުރި މަތީ ތައުލީމާއި ތަމްރީން އަދި އިލްމު އުނގެނުމާ ގުޅޭ ދާއިރާތަކަށް އަމާޒު ކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތައުލީމީ ފެއާއެވެ.

އެގޮތުން މި އަހަރުގެ ފެއާ މިދިޔަ ހަފްތާ ތެރޭގައި ބާއްވާފައިވާ އިރު، އަސަރީ ސާވިސަސްގެ އެޗް އާރް އެންޑް އެޑްމިން މެނޭޖަރު އައިމިނަތު އަސްމާ ވިދާޅުވީ، ފެއާއަށް ލިބުނު ތަރުހީބު ރަނގަޅު ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ފެއާގައި 50 އަށް ވުރެ ގިނަ އިންސްޓިޓިއުޓް ބައިވެރިވި އިރު، މި އަހަރުގެ ފެއާގައި ބައިވެރިވި ފަރާތްތައް 60 އަށްވުރެ ގިނަ އެވެ. އަދި މިއަހަރުގެ ފެއާއަށް 3000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިއަހަރުގެ ފެއާ ބޭއްވި ދުވަސްކޮޅުގެ ސަބަބުން އަމާޒުކުރި އަދަދަށް މީހުން ޒިޔާރަތް ނުކުރި ކަމަށް އަސްމާ ފާހަގަކުރެއްވި އެވެ.

"އަޅުނގަޑުމެން އަބަދުވެސް ބާއްވަމުން އަންނަނީ މާޗް މަހުގެ ތެރޭގައި. އެއީ ސާނަވީ ގްރޭޑް ނިންމާ ދަރިވަރުން މަތީ ތައުލީމުގެ ފުރުސަތުތައް ހޯދާ ދުވަސްކޮޅު. ނަމަވެސް މިއަހަރުގެ މާޗު މަހުގެ ތެރޭގައި ފެތުރެމުންދިޔަ ރޯގާގެ ސަބަބުން ފެއާ ލަސްކުރީ. ލަސްކުރި ދުވަސްކޮޅު މިވީ ދަރިވަރުންގެ އެގްޒާމް ދުވަސްކޮޅާ،" އަސްމާ ވިދާޅުވި އެވެ.

މިއަހަރުގެ ތައުލީމީ ފެއާގައި ރާއްޖޭގެ މަތީ ތައުލީމު ދޭ ފަރާތްތަކުގެ އިތުރުން އިންޑިއާ، ސްރީލަންކާ، ސިންގަޕޯ، މެލޭޝިއާ އަދި ޔޫކޭ ފަދަ ގައުމުތަކުގެ ޔުނިވާސިޓީތަކުން ތައުލީމީ ފުރުސަތަކާއި ސްކޮލަޝިޕް ފުރުސަތުތައް ދަރިވަރުންނަށް ދީފައިވާއިރު، ރާއްޖޭގެ ބައެއް ކުންފުނިތަކުން ވެސް ބައިވެރިވި އެވެ.

އަސްމާ ވިދާޅުވީ، މި އަހަރުގެ ފެއާއަށް ލިބުނު ތަރުހީބަށް ބަލައި އަންނަ އަހަރުގެ ފެއާގައި ވެސް ގިނަ އިންސްޓިޓިއުޓްތަކުން ބައިވެރިވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ފެއާ ބޮޑަށް އަމާޒު ކުރާނީ ވަޒީފާގެ ފުރުސަތުތަކަށް ކަމަށާއި ފެއާ އައްޑޫގައި ވެސް ބާއްވަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯގައި ވެސް މަތީ ތައުލީމުގެ ފުރުސަތުތަކުގެ އިތުރުން ޕާސަނަލިޓީ ޑިވެލޮޕްމަންޓް ވޯކްޝޮޕްތަކާއި ވަޒީފާތަކަށް ކުރިމަތިލާ މީހުންނާއި ވަޒީފާ އަދާކުރަމުންދާ މީހުންނަށް ވެސް ބައިވެރިވެވޭނެ ވޯކްޝޮޕްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އަދި ފެއާއަށް ވެސް ޒިޔާރަތްކޮށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުގެ މެދުގައި އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަހަރު ވެސް ކުރިއަށް ގެންދިޔަ އެވެ.

އެގޮތުން މޯލްޑިވިއަން އިން ހުށަހަޅާފައިވާ ޗެންނާއީ އަށް ދެ ބޭފުޅަކަށް ދެކޮޅު ޓިކެޓް ލިބުނީ، އައިމިނަތު ޝަފައު އަށެވެ. އަދި ޕާސަނަލް ކޮމްޕިއުޓާސް އިން ދޫކޮށްލާ ލެޕްޓޮޕް އައިމިނަތު ސީމާ އަށް ލިބުނުއިރު ދިރާގުން ހުށަހެޅި އެއް ޖީބީގެ ހިލޭ ޑޭޓާ ވަނީ 15 ފަރާތަކަށް ދީފަ އެވެ.

ފެއާއަށް އީ- ޓްރެވަލްސް އިން ހުށަހަޅާފައިވާ ރާއްޖޭގެ ކޮންމެ ވެސް އެއް މަންޒިލަކަށް ދެ ބޭފުޅަކަށް ދެކޮޅު ޓިކެޓްގެ ނަސީބުވެރިޔާ އަދި ހޮވާފައެއް ނުވެ އެވެ.

މިއަހަރުގެ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ"ގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ ދިރާގު، މޯލްޑިވިއަން، ޕާސަނަލް ކޮމްޕިއުޓާސް އަދި އީ ޓްރެވަލްސް އެވެ.

comment ކޮމެންޓް