ހިޔާނާތުގެ ފައިސާ އަދީބު މަހުލޫފަށް ދިން: ފަލާހު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފަހު މެމްބަރުން މަޖިލީހުގެ އިދާރާގެ ބޭރުގައި: އިދިކޮޅު މެމްބަރުންގެ އިހުތިޖާޖާ ގުޅިގެން މެމްބަރުންގެ މެދުގައި ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ގޮސްފައި އަދި އެ ބައެއްގެ ދިފާއުގައި އެބަޔަކު ދަނީ ވާހަކަ ދައްކަމުން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ އިން ބައެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ދެއްވި ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް، އެމްޑީއޭ ޖަގަހާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ ރައީސް ޔާމީން ވައްކަމެއް ނުކުރާނެ ކަމަށާއި ރައީސް ޔާމީނަށް ވަގަކަށް ނުގޮވޭނެ ކަމަށެވެ. އެކަމަކު މަހުލޫފް އެހުރީ އަދީބު ގެންގުޅުނު ހިޔާނާތުގެ ފައިސާ އިން ފައިސާ ނަގައިގެން ކަމަށް ބުނެ ފަލާހު ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

ފަލާހު ވިދާޅުވީ އެމްއެމްޕީއާރުސީ އިން އަދީބު ނެގި ހިޔާނާތުގެ ފައިސާ ދައުލަތަށް ދެއްކުމުން ދޫކޮށްލާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ.

އެހެންކަމުން އަދީބަށް އެ ފައިސާ ދެއްކޭނީ މަހުލޫފު ނެގި ފައިސާ އަދީބަށް ދިނުމުން ކަމަށް ފަލާހު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު މިއަދު ވެސް ބުނިން ނެގި ފައިސާ އަދީބަށް ދެށޭ. އޭރުން ނޫންތޯ އޭ ދައުލަތަށް އެ ފައިސާ ދައްކައިގެން އަދީބު ފަކީރަށް ސަލާމަތް ވެވޭނީ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އަބުރަށް އެރި ކަމަށް ބުނެ ޖޫރިމަނާ ކުރުމަކުން ކަންބޮޑުވުމެއް ނެތް ކަމަށާއި އެކަމަކު މަހުލޫފު ލާރި ނެގި ވާހަކަ ގޮވާނެ ކަމަށެވެ.

ފަލާހު ވިދާޅުވީ ކޯޓަށް ގެންގޮއްސިއްޔާ ހަތިމުގައި އަތްލާ ހުވާކޮށްފައި މަހުލޫފު އަދީބު އަތުން ލާރި ނެގި ވާހަކަ ބުނާނެ ކަމަށެވެ.

ދާދިފަހުން ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި މަޖިލީހަށް އިންތިހާބުވި މެމްބަރުން ވެސް އެބަތިބި ކަމަށާއި އެ މެމްބަރުން އިސްތިއުފާދެއްވަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް