ގައުމީ އިނާމަށް 66، ހާއްސަ އިނާމަށް 54 ފަރާތެއް

މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު، ގައުމީ އިނާމަށާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ޖުމްލަ 120 ބޭފުޅަކު ކުރިމަތިލައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މިއަހަރުގެ ގައުމީ އިނަމާށާއި ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހަމަވިއިރު، ގައުމީ އިނާމަށް 66 ފޯމެއް އަދި ހާއްސަ އިނާމަށް 54 ފޯމެއް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ ފޯމްތައް ބެލުމުގެ މަސައްކަތް ގައުމީ އިނާމާބެހޭ ކޮމެޓީންނާއި ހާއްސަ އިނާމާބެހޭ ކޮމިޓީން ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިދިޔަ އަހަރު ދިން ގައުމީ އިނާމަށް 77 މީހުން އަދި ހާއްސަ އިނާމަށް 58 މީހުން ކުރިމަތިލިއިރު، ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 26 ބޭފުޅަކަށް މިދިޔަ އަހަރު ވަނީ ދީފައެވެ.

ސަރުކާރުން ދެމުން ގެންދާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި، ދިވެހި މުޖްތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާސަތަކުންނާއި މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރީގެ އިދާރާތަކުން ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެ ފަރާތްތަކުން ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ މަގްސަދުގައި ދޭ އިނާމެކެވެ.

އަދި ހާއްސަ އިނާމަކީ ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީ އާއި ހިތްވަރާއި ހުނަރާއި މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމާއި އިލްމީ ގޮތުން މަތީ ވަނަތަކާއި ޝަރަފް ހާސިލްކުރާ ފަރާތްތަކުގެ ކާމިޔާބީ އިހްތިފާލުކޮށް އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިސްރާބު ކުރުމުގެ މަގްސަދުގައި ދޭ އިނާމެކެވެ.

ޤައުމީ އިނާމު ދިނުމުގައި، ސަރުކާރުގެ މެނިފެސްޓޯގައިވާ ހާއްސަ ލަނޑުދަނޑިތަކެއްވަނީ ކަނޑައަޅައިފައެވެ. އެ ލަނޑުދަނޑިތަކުގެ ތެރެއިން ހާއްސަ ގޮތެއްގައި އަންހެނުންނާއި ޒުވާނުންގެ ދާއިރާއާ ގުޅޭ ކަންކަމަށް ވަރަށްބޮޑު އިސްކަމެއް މިއަހަރުވެސް ދީފައިވެއެވެ.

ރާއްޖޭގައި ތިބި އެކި ފަންނުގެ ހުނަރުވެރިންނަށް ފުރުސަަތު ދިނުމަށްޓަކައި އިނާމުދެވޭ ދާއިރާތަކުގެ ތެރޭގައި، މިދިޔަ އަހަރެކޭ އެއްގޮތަށް، ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ހިމަނައި، މި ދެ ދާއިރާއިން އިނާމު ދޭނެ ވަކި ރޮނގުތަކެއް ވަނީ ކަނޑައަޅައިފައެވެ.

މިއަހަރުވެސް ގައުމީ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

comment ކޮމެންޓް