ވޯޓު މަދުވީ ބައެއް މެމްބަރުން ރާއްޖޭގައި ނެތީމާ: ނިހާން

މަޖިލިސް މެމްބަރުންތަކެއް މަޖިލީސް ގޯތިތެެރޭގައި----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި 28 ވޯޓު ލިބުނީ ބައެއް މެމްބަރުން ރާއްޖޭން ބޭރުގައި ތިއްބެވުމުން ކަމަށް މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި ވޯޓަށް އަހާފައި ވަނީ ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަން ކުރުމަށް ފާސް ކުރުމަށެވެ. އެ ވޯޓުގައި ފެންނަ ކަމަށް ވޯޓުދިނީ 28 މެމްބަރުންނެވެ. އިދިކޮޅު މެމްބަރުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

މަޖިލީހުގެ ޖަލްސާއަށް ފަހު މަޖިލީސް ކުރާ ގޭގެ ބޭރުގައި ހުންނަވާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ "އަތޮޅުތަކުގަ އާއި ރާއްޖޭން ބޭރުގައި 10 ވަރަކަށް މެމްބަރުން އެބަ ތިއްބެވި" ކަމަށެވެ.

ނިހާން ވަނީ އިދިކޮޅު މެމްބަރުން ތާއީދު އޮތް ކަމަށް ވިދާޅުވާއިރު، ތާއީދު އޮތްކަން ދައްކާލުމަށް ވޯޓުގައި ބައިވެރި ނުވީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.

މިއަދު ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުން ވޯޓު ދިނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށާއި އެހެން ކަމުން 100 ޕަސެންޓް ވޯޓާއި ތާއީދު މިއަދު ނެގި ވޯޓުން ވެސް ސަރުކާރަށް ލިބުނު ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ 48 މެމްބަރުން ކަމަށެވެ. ނަމަވެސް އޭގެތެރެއިން ބައެއް މެމްބަރުން ޕީޕީއެމްގެ ވިޕްލައިނާ އެއްގޮތަށް ވޯޓު ނުދެއްވަފާނެތޯ އެއީ އުފައްދަން ޖެހޭ ސުވާލެއް ކަމަށް ނިހާން ވިދާޅުވި އެވެ.

comment ކޮމެންޓް