'ރޭސް 3'ގެ ދެވަނަ އަންހެން ލީޑަކީ ޖެކްލީން!

ކާމިޔާބު ފިލްމު ސީރީޒް 'ރޭސް'ގެ ތިން ވަނަ އިންސްޓޯލްމަންޓުގައި ސަލްމާން ޚާންއާ އެކު ފެނިގެންދާނެ ކަން ބަތަލާ ޖެކްލީން ފާނަންޑޭޒް ޔަގީންކޮށްދީފި އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން 'ރޭސް 3'ގައި އަންހެން ތިން ލީޑު ހިމެނޭނެ އެވެ. މިހާރު ޖެކްލީންގެ އިތުރުން މީގެ ކުރިން ސަލްމާން އާއެކު 'ޖޭ ހޯ'ގައި ވެސް ފެނިގެން ބަތަލާ ޑެއިޒީ ޝާހް ވެސް ފިލްމުން ފެނިގެން ދާނެ ކަން މިވަނީ ޔަގީންވެފައެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމު 'އަ ޖެންޓްލްމޭން' ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުން ޖެކްލީން ބުނީ 'ޖުޅްވާ 2' އަށްފަހު ދެން ފެނިގެންދާނީ ސުޝާންތު ސިންގ ރާޖްޕުތު އާއެކު 'ޑްރައިވް' އިން ކަމަށެވެ.

"އެއަށްފަހު ދެން އޮތީ ސަލްމާން އާއެކު ރޭސް 3" ޖެކްލީން ބުނެފައިވެއެވެ.

'ރޭސް' ގެ ފުރަތަމަ ދެ ފިލްމުގައި ވެސް ލީޑު ރޯލުން ފެނިގެން ދިޔައީ ސައިފް އަލީ ޚާން އެވެ. 'ރޭސް' އަކީ ސަލްމާނަށް އާ ފްރެންޗައިޒް އެއް ނަމަވެސް، ޖެކްލީން ވަނީ 'ރޭސް 2' ގައި ވެސް ފެނިގެން ގޮސްފައެވެ.

އަދި މިއީ ޖެކްލީން އާއި ސަލްމާން ވެސް އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެއް ނޫނެވެ. ދެ މީހުން ވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ކިކް؛ އިން އެކުގައި ފެނިގެން ގޮސްފައެވެ.

ފުރަތަމަ ދެ ފިލްމާ ޚިލާފަށް 'ރޭސް 3' ޑައިރެކްޓު ކުރާނީ ރޭމޯ ޑިސޫޒާއެވެ. ޕްރޮޑިއުސް ކުރާނީ ރަމޭޝް ޓޯރާނީ އެވެ.

comment ކޮމެންޓް