ޕާކިސްތާނުން ތާލިބާނުންނަށް ހިމާޔަތް ދިނުން ހުއްޓާލުމަށް އެމެރިކާއިން ގޮވާލައިފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޮގަސްޓް 23): ޕާކިސްތާނުން އަފްގާނިސްތާނުގެ ތާލިބާނުންނަށް ހިމާޔަތް ދިނުން ހުއްޓާލުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ގޮވާލައްވައިފި އެވެ.

އެމެރިކާއަކީ ޕާކިސްތާނަށް އެތައް ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭ ގައުމެކެވެ. އަދި އެމެރިކާއިން ވަނީ ޕާކިސްތާނުން ހިމާޔަތް ހޯދުމަށްދާ އަފްގާނިސްތާނުގެ ޓެރަރިސްޓު ޖަމާއަތްތަކާ މެދު އަމަލު ކުރާ ގޮތް ބަދަލު ނުކުރާ ނަމަ އެއެހީ ހުއްޓާލަން ޖެހިދާނެ ކަމަށް ބުނެފައެވެ.

އަދި ޕާކިސްތާނަކީ ނިއުކްލިއާ ހަތިޔާރު ހުރި ގައުމެއް ކަމުން އެ ހަތިޔާރުގެ ރައްކާތެރިކަމާ އެކު ބެލެހެއްޓުމާއި، އެގައުމުގެ ހަމަޖެހުމަކީ އެމެރިކާ އާއި އެހެން ގައުމުތަކަށްވެސް މުހިއްމު ކަމެއް ކަމަށް ޓިލާސަން ވިދާޅުވި އެވެ.

ޓިލާސަން އެފަދައިން ވިދާޅުވެފައި ވަނީ އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ޓެރަރިސްޓުންނާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ފަހުންނެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެނައުމުން، އަފްގާނިސްތާނުގައި ޓެރަރިސްޓުންގެ ބާރު ގަދަ ވެގެންދާނެ އެވެ. އެހެންކަމުން އިރާގަށް ވީގޮތަށް އަފްގާނިސްތާނަށް ވިޔަނުދިނުމަށްޓަކައި އަފްގާނިސްތާނުގައި އެމެރިކާއިން ކުރިއަށްގެންދާ 16 އަހަރުވީ ހަނގުރާމަ އަދިވެސް ކުރިއަށްދާނެ އެވެ. (ބީބީސީ)

comment ކޮމެންޓް