28 މެމްބަރުންގެ ވޯޓާ އެކު ލަންކާ ސަފީރުކަމަށް މުންދުގެ ނަން ފާސްކޮށްފި

ކުންމިން ފެއާގައި ބައިވެރިވެވި ފަރާތެއް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސަރުކާރަށް ތާއިދު ކުރާ 28 މެމްބަރުންގެ ވޯޓާ އެކު އަވަށްޓެރި ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު)ގެ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިރުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މުންދުގެ ނަން މަޖިލީހުން ފާސްކޮށްފައި ވަނީ އިދިކޮޅު މެމްބަރުންގެ ހަޅޭކުގެ އަޑާއެކު މަޖިލީހުގެ ނިޒާމު ގެއްލިފައި ވަނިކޮށެވެ. ރިޔާސަތުގެ މޭޒު ވަށައިގެން ސިފައިންގެ ބައިތިއްބައިގެން ކުރިއަށް ގެންދިޔަ އެ ޖަލްސާގައި 53 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިއުލާންކުރެއްވި އެވެ.

ލަންކާ ސަފީރު ކަމަށް މުންދު އައްޔަން ކުރަން ފެންނަ ކަމަށް ނެގި ވޯޓުގައި ބައިވެރިވީ ހަމައެކަނި 28 މެމްބަރުންނެވެ. މުންދުއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ވެސް އެ 28 މެމްބަރުން އެކަންޏެވެ. ދެކޮޅަށް އަދި ވަކިކޮޅަކަށް ނުޖެހި ވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މަސީހު ވިދާޅުވީ އެ ވޯޓު ފާސްވާން ބޭނުންވަނީ 15 މެމްބަރުންގެ ވޯޓު ކަމަށެވެ.

މުންދުގެ ނަން ފާސްކުރެއްވުމަށް ފަހު، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ)ގައި ރާއްޖެއިން ބައިވެރިވުމަށް ފެންނަ ކަމަށް ވެސް މަޖިލީހުން ފާސްކުރި އެވެ. އެ ޖަމާއަތުގައި ރާއްޖެއިން ބައިވެރިވުމަށް ފާސްކުރީ 27 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލިސް މިއަދު ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމަށް އިދިކޮޅު މަޖިލިސް މެމްބަރުން މަސައްކަތް ކުރަމުންދަނިކޮށް، މަޖިލީހުގައި ނަގަންޖެހޭ ވޯޓުތައް ނަގައި، މަޖިލިސް ފެށިތާ 30 މިނެޓް ތެރޭގައި ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފަ އެވެ.

ރިޔާސަތުން އިއުލާން ކުރެއްވި ގޮތުގައި މާދަމާ ހެނދުނު 9:00ގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެ އެވެ.

comment ކޮމެންޓް