އިދިކޮޅު މެމްބަރުންގެ އިހުތިޖާޖުގެ ތެރޭގައި މިއަދު ވެސް މަޖިލިސް ބާއްވައިފި

މަޖިލީހުގެ ރިޔާސަތުގެ ވަށައިގެން ސިފައިން ގާޑުކޮށްގެން: މިއަދު ވެސް މަޖިލިސް ކުރިއަށް ގެންދަން ޖެހުނީ ހަލަބޮލި ކަމެއްގެ ތެރޭގައި--- ފޮޓޯ/ ޓްވިޓާ

ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުންގެ ދެކޮޅު ހެދުންތަކާއި އިހްތިޖާޖުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބާއްވައިފި އެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން އިދިކޮޅު މަޖިލިސް މެމްބަރުން ވަނީ އިހްތިޖާޖު ކުރަން ފަށާފަ އެވެ. އެގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، އެމަނިކުފާނުގެ ކޮޓަރިކޮޅުން ނުކުމެވަޑައިގެން، ޖަލްސާ ކުރާ މާލަމަށް ވަދެވަޑައިގެންނެވި ވަގުތު މަސީހަށް ނިސްބަތް ކުރައްވައި އިދިކޮޅު މަޖިލިސް މެމްބަރުން ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވި އެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ.

އިހްތިޖާޖު ކުރުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން އިދިކޮޅު މަޖިލިސް މެމްބަރުންނާއި ސަރުކާރަށް ތާއިދު ކުރައްވާ މަޖިލިސް މެމްބަރުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރެވި، ހަމަނުޖެހުމެއް ކުރިއަށްދިޔަ އެވެ.

އެ ހަމަނުޖެހުމުގެ ތެރޭގައި ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ވަނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ކޮޓަރިކޮޅުގެ ދުރަށް ހަމަލާދީ، އެ ކޮޓަރިކޮޅަށް ވަދެވަޑައިގެންފަ އެވެ. އިބޫގެ ކޮޓަރިކޮޅަށް ވަދެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި އިސްކޮށް ތިއްބެވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު އަލީއާރިފެވެ.

އެ ކޮޓަރިކޮޅަށް އެބޭފުޅުން ވަދެވަޑައިގެންނެވިއިރު، އެ ކޮޓަރީގައި ތިއްބެވީ އިބޫ އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ. އެ ބޭފުޅުންނަށް އިނގިލި ދިއްކުރައްވައި ނިހާނާއި އާރިފު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވާފަ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވަނީ ސޯޝަލް މީޑިއާގައި އާންމުކުރައްވާފަ އެވެ.

މިއަދުގެ މަޖިލިސް ފެށިތާ 30 މިނެޓް ތެރޭގައި ވަނީ މަޖިލިސް ނިންމަވާލައްވާފަ އެވެ. މަޖިލިސް ނިންމާލީ ދެ ވޯޓެއް ނެގުމަށްފަހު އެވެ.

ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅާ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު)ގެ އައްޔަން ކުރަން ފެންނަ ކަމަށާއި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ)ގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މުންދުގެ ނަން ފާސްކުރީ ސަރުކާރަށް ތާއިދު ކުރާ 28 މެމްބަރުންގެ ވޯޓުންނެވެ. އަޔޯރާގައި ބައިވެރިވުމަށް ފާސްކުރީ 27 މެމްބަރުންގެ ވޯޓުންނެވެ.

comment ކޮމެންޓް