އައިއެސް އިން ގެންގުޅޭ އެއާކްރާފްޓަށް ހަމަލާދޭ މިސައިލްތަކެއް ލުބްނާނުގެ ސިފައިން ހޯދައިފި

ލުބުނާނުގެ ސިފައިން އައިއެސް ފައްސާލުމުގެ ގޮތުން އޮޕަރޭޝަނަކަށް ތައްޔާރުވަނީ

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ގެންގުޅެމުންދިޔަ، އެއާކްރާފްޓަށް ހަމަލާދޭ މިސައިލްތަކެއް ލުބްނާނުގެ ސިފައިން ހޯދައިފިއެވެ.

ލުބުނާނުގެ ސިފައިން ބުނީ އަތުލައިގަނެވުނު ހަތިޔާރުތަކުގެ ތެރޭގައި މެޝިން ގަންތަކާއި، ރައިފަލުތަކާއި، ގްރެނޭޑާއި، ޓޭންކަރަށް ހަމަލާދޭ ހަތިޔާރުތަކާއި މައިން ފަދަ ހަތިޔާރުތައް ވެސް ހިމެނޭ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ލުބްނާނުގެ ސިފައިން ވަނީ ލުބްނާނާ ސީރިއާގެ ބޯޑަރު ކައިރީ ފަރުބަދަތަކުގައި ގާއިމްވެގެންތިބި އައިއެސްގެ ހަނގުރާމަވެރީން ފައްސާލުމަށްޓަކައި އޮޕަރޭޝަނެއް ފައްޓައިފައެވެ.

ސީރިއާގެ ސިފައިންނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ ގުޅިގެން ސީރިއާގައި ހަނގުރާމަ ކުރަމުންދާ ހައްދުފަހަނަ އަޅާފައިވާ ގްރޫޕުތަކާ ދެކޮޅަށް ދޭތެރެ ދޭތެރެއިން އޮޕަރޭޝަންތައް ހިންގައެވެ.

އެގޮތުން މިދިޔަ މަހު ސީރިއާގެ ސިފައިންނާއި އަދި ހިޒްބުﷲ ޖަމާއަތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަލްގައިދާ ޖަމާއަތުގެ ރަސްމީ ގޮތްޕެއް ކަމަށްވާ އަލް-ނުސްރާ ޖަމާއަތް ސީރިއާގެ ބައެއް ހިސާބުތަކުން ފައްސައިލައިފައެވެ.

އެ އޮޕަރޭޝަނުގައި ހިޒްބުﷲ އިން ހިފި ސަރަހައްދުން ވަރަށް ގިނަ ހަތިޔާރުތައް ފެނުނެވެ. ހިޒްބުﷲ އިން ފަހުން ވަނީ އެ ހަތިޔާތުތައް ލުބްނާނުގެ ސިފައިންނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް