ފޮނަދޫގައި ބިދޭސީ މީހާ މަރާލީ ކަރު ބުރިކޮށްލައިގެން: ދައުލަތް

އަބޫ ކަލަމް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިދިޔަ މާޗު މަހުގެ ތެރޭގައި ލ. ފޮނަދޫގައި ބިދޭސީ މީހަކު މަރާލާފައި ވަނީ ކަރު ބުރިކޮށްލައިގެން ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މުހައްމަދު އަސަން އުއްލާ ނަމަކަށް ކިޔާ ބަންގުލަދޭޝް މީހަކު މަރާލީ އަށް މީހަކު ވެގެން ކަމަށެވެ. އެ ބިދޭސީ މީހާ މަރާލުމުގައި އިސްކޮށް އުޅުނީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަބޫ ކަލަމް ކަމަށް ދައުލަތުން ބުންޏެވެ. އޭނާއާ އެކު އެ މަރުގައި އިތުރު ހަތް މީހަކު ބައިވެރިވި ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އަސަން އުއްލާ މަރާލީ މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ދައުލަތުން މިއަދު ބުންޏެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ފޮނަދޫ ފިނިމަގުގައި ބައިސްކަލްގައި އަސަން އުއްލާ އިންދާ އިސްވެ، ހަމަލާދިނީ އަބޫ ކަލަމް ކަމަށެވެ. އެއަށްފަހު އެ ރަށު ފިނިމަގު އަތިރިމައްޗަށް އިތުރު ބަޔަކާއެކު އަސަން އުސްލާ ގެންގޮސް އޭނާގެ ކަރަށް ވަޅިން ހަމަލާދީ އަބޫކަލަމް އޭނާގެ ކަރު ބުރިކޮށްލާފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުވާއަށް ޖަވާބުދާރީވަމުން އަބޫ ކަލަމް ބުނީ ދައުވާއަށް އިންކާރުކުރާ ކަމަށާއި އެއީ އޭނާ ނުކުރާ ކަމެއް ކަމަށް ޚަތިމުގައި އަތްލައި ބުނެފައިވާނެ ކަމަށެވެ. ނަމަވެސް ތަހުގީގުގައި އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

ބަންގުލަދޭޝަށް ނިސްބަތްވާ އެ ބިދޭސީ މީހާ މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ރަށުގެ އިތުރު ހަތް މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. އެ މީހުންގެ ވަކީލުން މިއަދުގެ އަޑުއެހުމަށް ހާޒިރުވި ނަމަވެސް ތަރުޖަމާނަކު ހަމަނުޖެއްސޭތީ ވަނީ މިއަދު މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

ކަރަށް ވަޅިން ހަމަލާދީ ބިދޭސީ މީހާ މަރާލި އަބޫ ކަލަމްގެ ގާނޫނީ ވަކީލާ ވިދާޅުވީ ތަހުގީގަށް ދީފައިވާ ދެ ވަނަ ބަޔާނުގައި އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައި ކަމަށެވެ.

އެ ބިދޭސީ މީހާ މަރާލީ ކީއްވެގެން ކަމެއް ފުލުހުން އަދި ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް