ގައުމީ ޔުނިވާސިޓީން ގައުމުގެ މަސްލަހަތާއި ކުރިއެރުމަށް މަސައްކަތްކުރާނެ: ޑރ. ލަތީފް

އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރަންސް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ ގައުމީ މަސްލަހަތާއި ގައުމުގެ ކުރިއެރުމަށާއި ގައުމީ ކަންތައްތަކަށް އުފައްދާފައިވާ ދައުލަތުގެ މުއައްސަސާއެއް ކަމަށް ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ 2011 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނުގެ ދަށުން އުފެއްދި ރާއްޖޭގެ ފުރަތަމަ ޔުނިވާސިޓީއެވެ. އެ ޔުނިވާސިޓީގެ މަގުސަދުތަކުގެ ތެރޭގައި އިސްލާމީ އަދި ދިވެހި އާދަކާދަތަކާއި އަދަބުތަށް ކުރިއެރުވުން ވެސް ހިމެނެއެވެ.

"ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ ހަމައެކަނި މަތީ ތައުލީމުގެ ސަނަދަށް ކިޔަވައިދެއްވަން އުފައްދައިފަވާ މަތީ ތައުލީމުގެ މަރުކަޒެއް ނޫން. ގައުމީ ޔުނިވާސިޓީއަކީ ގައުމީ މަސްލަހަތާ ގައުމުގެ ކުރިއެރުމަށް ގައުމީ ކަންތައްތަކަށް އުފައްދާފައިވާ ދައުލަތުގެ މުއައްސަސާއެއް،" ލަތީފް ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީ އާއި ގުޅިގެން މުވައްޒަފުންނަށް ތަމްރީން ދޭ އިންސްޓިޓިއުޓްތައް އުފައްދަން ދައުލަތުގެ އިދާރާތަކުން ޝައުގުވެރިވާ ކަމަށް ޑރ. ލަތީފު ވިދާޅުވި އެވެ.

ދައުލަތުގެ މުހިއްމު ބޭނުންތަކަށް ޔުނިވާސިޓީގެ ވަސީލަތްތައް ތަންދިން އެންމެ މަތީ މިންވަރަކަށް ޔުނިވާސިޓީން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ލަތީފް ވިދާޅުވި އެވެ. ފަންނީ އެއްބާރުލުމާ، ގުޅިގެން ދިރާސާތަށް ކުރުމާއި، ތަމްރީނުތައް ހިންގާ ތަޖުރިބާ ހިއްސާ ކުރުމުގައި އެމްއެންޔޫގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

ޑރ.ލަތީފް ވިދާޅުވީ ދައުލަތުގެ އިދާރާތަކުން ގައުމީ ޔުނިވާސިޓީއާ ގުޅިގެން އުފައްދާ އިންސްޓިޓިއުޓްތަކަށް އެފިލިއޭޓް ދަރަޖަ ދެވެތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އެ އިންސްޓިޓިއުޓްތައް ނުސީދާ ގޮތުން ޔުނިވާސިޓީ އާއި ގުޅިގެންދާނެ ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ މުގައްރަރުތަކާއި ސަނަދުތަކަށް ކިޔެވޭނެ ފެންވަރުގެ ވަސީލަތްތައް އިންސްޓިޓިއުޓްތަކުގައި ގާއިމުކޮށް، ޔުނިވާސިޓީގެ ސަނަދުތަކާ އެއްވަރަށް ކިޔަވައިދީ، ގައުމީ ޔުނިވާސިޓީގެ އެގްޒަމިނޭޝަން ނިޒާމްގެ ތެރެއިން ޔުނިވާސިޓީގެ ޑިގްރީ ސަނަދު ވެސް ދެވިގެންދާނެ ގޮތް އެ އިންސްޓިޓިއުޓްތަކުގައި ހަމަޖައްސައި ދެވޭނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީ އާއި ގުޅިގެން މިއަދު ވަނީ އޮޑިޓިންގެ ދާއިރާ އާއި އެކައުންޓިންގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކަމަށް ޝައުގު ހުރި ފަރާތްތައް ތަމްރީން ކުރުމަށް އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރަންސް އިފްތިތާހުކޮށްފަ އެވެ.

comment ކޮމެންޓް