ތިނަދޫ ބަލިކޮށް، މޮޅުވުމުގެ ރެކޯޑު ދަމަހައްޓަން ބޭނުން: ސެކުލޮވްސްކީ

މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ: ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށް އޭނާ ގަބޫލުކުރޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ގދ. ތިނަދޫ ބަލިކޮށް، މާޒިޔާ ސްޕޯޓްސް ކްލަބުގެ މޮޅުވުމުގެ ރެކޯޑު ދަމަހައްޓަން ބޭނުންވާ ކަމަށް އެ ކްލަބުގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނެފިއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ރޭ މާޒިޔާއާއި ތިނަދޫ ބައްދަލުކުރާ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ސެކުލޮވްސްކީ ބުނީ، ކޮންމެ މެޗަކީ ވެސް ވަރަށް މުހިންމު މެޗެއް ކަމަށެވެ.

"ބޭނުންވަނީ މޮޅުވުމުގެ ރެކޯޑު ދަމަހައްޓަން. އަހަރެން ގަބޫލުކުރަނީ މި މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެ ކަމަށް. އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދައްކަން ޖެހޭނެ. ބައެއް ޓީމުތަކޭ އެއްގޮތަށް އަހަރެމެންނަށް ވެސް ތައްޔާރުވާން ލިބުނީ ކުޑަ ދުވަސްކޮޅެއް. ތިނަދޫ ޓީމުގައި ވަރަށް ރަނގަޅު ކުޅުންތެރިން އެބަތިބި. އަހަރެންގެ ކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ފެންނާނެ ކަމަށް އުންމީދުކުރަން،" އޭނާ ބުންޏެވެ.

ސެކުލޮވްސްކީ ބުނީ، އާޓިފިޝަލް ދަނޑެއްގައި ޕްރެކްޓިސް ކުރުމަށްފަހު ވިނަ ދަނޑެއްގައި މެޗު ކުޅޭއިރު އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ކުޅުންތެރިންނަށް ގޯސްތައް ހެދެނީ އެ ސަބަބާހުރެ ކަމަށެވެ. އަދި މާޒިޔާގެ ކޯޗު ވަނީ ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށް ލިބުނު އަނިޔާއާ ގުޅޭގޮތުން ވެސް ވާހަކަ ދައްކައިފައެވެ.

"އަސައްކޮއަށް ވަނީ ކަކުލުގެ އަނިޔާއަކާ ކުރިމަތިލާން ޖެހިފައި. އޭނާގެ އަނިޔާ އިތުރަށް އެނގޭނީ އެމްއާރްއައި ހެދީމަ. އަސައްކޮ ނެތް ތަން ދައްކާނެ. އެކަމަކު އޭނާ ނެތަސް، އަހަރެމެންނަށް ކުރިއަށްއޮތް މެޗުގައި އެއް ލަނޑަށްވުރެ ގިނައިން ޖެހޭނެ ކަމަށް އުންމީދުކުރަން،" މާޒިޔާގެ ކޯޗު ސެކުލޮވްސްކީ ބުންޏެވެ.

ޕްރިމިއާ ލީގުގައި މާޒިޔާ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ލީގުގައި ތިނަދޫ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ މޮޅުވެފައެވެ.

comment ކޮމެންޓް