އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރަންސް އިފްތިތާހް ކޮށްފި

އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރަންސް އިފްތިތާހް ކުރުން--

އޮޑިޓަރ ޖެނަރަލް އޮފީހުގެ ޓްރެއިނިން އާރމް ކަމުގައިވާ އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރަންސް އިފްތިތާހް ކޮށްފިއެވެ.

މިއަދު އިސްލާމީ މަރުކަޒްގެ ކޮންފަރެންސް ހޯލްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި އިންސްޓިޓިއުޓް އިފްތިތާހް ކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންޗެލަރު ޑރ. މުހައްމަދު ލަތީފް އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާއި ވާހަކަފުޅުދައްކަވަމުން ޔުނިވާސިޓީގެ ޗާންޗެލަރު ޑރ. މުހައްމަދު ލަތީފު ވިދާޅުވީ، އޮޑިޓް ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ވިޔަފާރިތަކުގެ ސިއްރުތަކާއި ސިނާއަތް ތަކުގެ އުކުޅުތަކުގެ ސިއްރުވެރި ފަރާތްތަށްކަމަށާއި މިފަދަ މުހިއްމު މައުލޫމާތުތަށް ބޭރުމީހުންގެ އަތްމައްޗަށް ދޫކޮށްލުން އެއީ އެންމެ ރަނގަޅުގޮތް ނޫންކަމުގައެވެ. އެހެންކަމުން މި މިކަމަށް އެދެވޭ އިސްލާހެއް ގެނައުމަށް އުފެދިގެން ދިޔަ އިންސްޓިޓިއުޓުން ދިވެހިން މިކަމުގައި ތަމްރީންކޮށް ވަރުގަދަ ކުރެވިގެންދާނެކަމަށް ލަތީފް ވިދާޅުވިއެވެ.

"ގައުމީ ޔުނިވާސިޓީއާއި އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރަންސް އާއި ގުޅިގެން އޮޑިޓް އަދި އެކައުންޓެންސީ ދާއިރާގެ އިލްމީ ދިރާސާތަށް ކޮށް ،ކޮންސެލްޓެންސީ އުފައްދާ އެކި ފަރާތްތަކަށް ކޮންސެލްޓެންސީ ފޯރުކޮށްދެވިގެންދާނެ،" ޑރ.ލަތީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު ވިދާޅުވީ، ހުޅުވިގެން މިދިޔަ އިންސްޓިޓިއުޓަކީ ދާދި ފަހުން އޮޑިޓަރ ޖެނަރަލްގެ އޮފީހުން އެކުލަވާލައިފަވާ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއްކަމަށެވެ. މީގެ އިތުރުން ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެެއް އުފެއްދުމަށްޓަކައި ގާނޫނުގެ ޑްރާފްޓެއް އެކުލަވާލައި އެޓަރނީ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރަންސް އިފްތިތާހް ކުރުން--

އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރަންސް ވެގެންދާނީ އެކައުންޓެންސީ އާއި އޮޑިޓް ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކޮށް، ޕޮލިސީ ބިނާކޮށް ދިރާސާތަށް ނެރެވިގެންދާނޭ އިންސްޓިޓިއުޓެއްކަމަށް ޒިޔަތު ވިދާޅުވިއެވެ. މި އިންސްޓިޓިއުޓުން އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ މުވައްޒަފުން ތަމްރީން ކުރުމުގެ އިތުރުން މި ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކާ، މި ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަށްވެސް ތަމްރީނުކުރެވިގެންދާނެކަމަށް ޒިޔަތު ވިދާޅުވިއެވެ.

"މި އިންޑަސްޓްރީ ދިވެހި ކުރުމަށްޓަކައި، ދިވެހިން މި ދާއިރާއަށް ނެރެ، އެފަރާތްތަކަށް ފުރުސަތު ފަހިކޮށްދޭން އެބަޖެހޭ، އަދި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އަޅުގަނޑުމެން އޮޑިޓަރުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުވާން އެބަޖެހޭ" ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތުގެ ވާހަކަފުޅުގައި، މި ދާއިރާގައި ތިބި ތަޖުރިބާކާރު މިކަމަށް ގާބިލް ބޭފުޅުން މި އިންސްޓިޓިއުޓްގައި ހިންގާ ޕްރޮގްރާމްތަކުގައި އެބޭފުޅުންގެ ތަޖުރިބާ ހިއްސާކޮށްދިނުމަށް އެދިލައްވާފައިވެއެވެ. މި އިންސްޓިޓިއުޓް އިން އިސްނަގައިގެން ކޮންމެ އަހަރަކު ކުރިޔަށް ގެންދަން ހަމަޖެހިފަވާ މަހާސިންތާއެއް" މޯލްޑިވްސް އެކައުންޓެންސް ފޯރަމް" ގެ ނަމުގައި ފޯރަމެއް މި އަހަރު ބާއްވާނެވާހަކަވެސް ޒިޔަތު ވިދާޅުވިއެވެ.

comment ކޮމެންޓް