ދައުލަތުން ބަލަހައްޓާ ކުދިންގެ މައިންބަފައިން ސަރުކާރު ވަޒީފާގައި ތިބި ނަމަ ފިޔަވަޅު އަޅަނީ

ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު 'ފިޔަވަތި' --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ދައުލަތުގެ ބެލުމުގެ ދަށުން ހިންގާ ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގެ އިތުރުން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ކުޑަކުދިން ނުވަތަ މީހުން ގެ ބެލެނިވެރިނާއި މައިންބަފައިން ސަރުކާރު ވަޒީފާގައި ތިބި ނަމަ ފިޔަވަޅު އަޅަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

އެގޮތަށް ނިންމަވައި މިއަދު ރައީސް އޮފީހުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ މައްސަލަތައް ބަލަން ވަނީ ކޮންމެ މައްސަލައެއް ވަކިވަކިން ކަމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

އެޅޭ ފިޔަވަޅުތައް

  • މުސާރައިން އުނިކުރުން
  • ވަޒީފާއިން ވަކިކުރުން

" އެ މުވައްޒަފެއްގެ މުސާރައިން އުނިކުރުމާއި، މުސާރައިން އުނިކުރުމަށް ޢުޒުރުވެރި ވެއްޖެނަމަ، ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު، އެމީހަކު ވަޒީފާއިން ވަކިކުރުމުގެ މަސައްކަތްކުރިޔަށް ގެންދިޔުމަށްވެސް ކަނޑައަޅުއްވާފައިވެ" ރައީސް ޔާމީން ނިންމެވި ނިންމެވުމުގައި ވެ އެވެ.

އެފަރާތްތަކުގެ މުސާރައިން އުނިކުރެވޭ އަދަދު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެ މުވައްޒަފަކު ޒިންމާ ނަގަންޖެހޭ މީހެއް ނުވަތަ ކުއްޖެއްގެ ނަމުގައި ރައްކާ ކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

އަދި އެއީ ކުޑަކުއްޖެއް ނަމަ 18 އަހަރު ވުމުގެ ކުރިން އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށާއި ބޮޑު މީހެއް ނަމަ އެމީހަކަށް ނޫންގޮތަކަށް އެފައިސާ ބޭނުން ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އެ އުސޫލު ތަކުގެ ބޭނުމަކީ މުއައްސަސާތަކަށް ކުދިންނާއި މައިންބަފައިން އަދި ދުވަސްވީ މީހުން ބައިތިއްބައިގެން ތިބޭ މީހުން ޒިންމާދާރު ކުރުވުން ކަމަށް ބަޔާނުގައިވެ އެވެ.

މި އުސޫލަށް ޢަމަލުކުރުމަށް އެދޭ ވަޒީފާދޭ އަމިއްލަ ފަރާތްތަކަށްވެސް ވަނީ އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް