ގަވަރުނަރުގެ މަގާމަށް އައްޔަނުކުރާ ނަސީރުގެ ނަން ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވައިފި

އެމްއެމްއޭގެ ގަވަރުނަރަކަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ، ވަނީ ރައްޔިތުންގެ މަޖިލީހަށް އަހްމަދު ނަސީރު (ވ)ގެ ނަން ފޮނުއްވާފައި - ސަން ފައިލް ފޮޓޯ: އަހްމަދު ޝަރްވާން

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަނުކުރުމަށް މަޖިލީހަށް ފޮނުވާފައިވާ އަހުމަދު ނަސީރުގެ ނަން ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވާފިއެވެ.

ނަސީރުގެ ނަން ދިރާސާކުރެއްވުމަށް ފޮނުއްވާފައި ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ކުރިން ހުރި ޑރ. އަޒީމާ އާދަމް އިސްތިއުފާދެއްވުމުން ރައީސް އެންމެ ފުރަތަމަ އެމަގާމަށް އައްޔަނުކުރެއްވުމަށް ފޮނުއްވާފައި ވަނީ އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދުގެ ނަމެވެ.

ނަމަވެސް ފަހުން ރައީސް ވަނީ ނީޒާގެ ނަން އަނބުރާ ނަންގަވައި ނަސީރުގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. އަދި އެކަމާ ގުޅިގެން ނީޒާ ވަނީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެވި ނަސީރަކީ އިކޮނޮމިކްސް އެންޑް މާކެޓިންގެ ދާއިރާއިން ބެޗްލާސް އޮފް ކޮމާސް އަދި ޕޮލިސީ އެކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެމްއޭގެ އިސް މަގާމްތަކެއް ވެސް ފުރުއްވާފައިވާ ނަސީރަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އޭނާ އަކީ ކ. އަތޮޅު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެވެ.

comment ކޮމެންޓް