ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ މެޗެއްގެ ތެރެއިން: އެފްއޭއެމުން ބާއްވާ ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލަކީ ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލަކީ ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކުރާ އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެފްއޭއެމުން ވަނީ އެ މުބާރާތުގައި ބައިވެރިވާން އެދޭ ސަރުކާރު އޮފީސް އަދި ކުންފުނިތަކުން އަންނަ މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 2:30ގެ ނިޔަލަށް ބައިވެރިވާން ފުރުސަތު ހުޅުވާލައިފައެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓަރީ ކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:30ގެ ކުރިން ހުށަހެޅުމަށް ވެސް އެފްއޭއެމުން އެދެއެވެ.

އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭގޮތަށް ބާއްވާ އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓަރީ ކުރާ ފޯމް އަދި މުބާރާތުގެ ގަވާއިދު އެފްއޭއެމްގެ އިދާރާއިން ރަސްމީ ދުވަސް ދުވަހުގެ ރަސްމީ ގަޑީގައި (ހެނދުނު 9:00އިން ހަވީރު 4:00އަށް) ލިބެން ހުންނާނެ ކަމަށް އެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެއެވެ.

އެފްއޭއެމުން ވަނީ މި އަހަރުގެ ތެރޭގައި އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ވިމެންސް ފުޓްސަލް ޗެލެންޖްގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވައިފައެވެ.

comment ކޮމެންޓް