ފާރިހާ ދަރިފުޅު މަރާލިގޮތުގެ ހިތްދަތި ވާހަކަ ޑޮކްޓަރުގެ ދުލުން

ޝަރީއަތުގެ އަޑުއެހުމަށްފަހު ފާރިހާ އަބްދުއްރަހްމާން ކޯޓުން ނެރެގެން ގެންދަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް

މީގެ ދެއަހަރު ކުރިން ބ. ތުޅާދޫގައި ކުޑަކުއްޖަކު ފެން ހިންދާ ވަޅުގަނޑަށްލާ މާރާލި ވާހަކަ އަކީ އެންމެންވެސް ހިތައް ތަދުވާ ވާހަކަ އެވެ. މަރާލަން ހެދީ ކިހިނެއްކަން ސާފު ނުވިޔަސް އެންމެންވެސް އެވާހަކަ ދެއްކީ ހިތްދަތި ކަމެއްގައި ތިބެގެންނެވެ.

އެމައްސަލާގައި ކުއްޖާގެ މަންމަ ބ. ތުޅާދޫ ހުދުއަސުރުމާގޭ، ފާރިހާ އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ. އަދި އެމައްސަލައިގެ ޝަރީއަތްތައް ފެށިގެން ކުރިއަށް ދާއިރު އިއްޔެވަނީ ހެއްކެއްގެ ގޮތުން އެ ކުޑަކުއްޖާ ފެން ހިންދާ ވަޅުގަނޑުން ނަގައިގެން ގެންދިޔުމުން އެންމެ ފުރަތަމަ ބެލި ޑޮކްޓަރު ކޯޓަށް ހާޒިރުކޮށްފަ އެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ކުރި ސުވާލު ތަކަށް ޖަވާބު ދެމުން ޑޮކްޓަރު ވަނީ ފާރިހާ ޑޮކްޓަރަށް ކިޔާދިން ގޮތަށް އެކުއްޖާ މަރާލިގޮތް ޝަރީއަތަށް ކިޔައިދީފަ އެވެ.

ޑޮކްޓަރު އެގެއަށް ދިޔައިރު ކުއްޖާ އޮތީ ބާލިދީއަކަށް ލާފައި

ޝަރީއަތުގައި ހެކިބަސް ދީފައިވަނީ، މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރި ޑޮކްޓަރުކަމުގައިވާ، އާއިޝަތު އަލީ އެވެ.

ބިދޭސީ އެ ޑޮކްޓަރަކީ، 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އެގޮތުން އޭނާ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އައިޖީއެމްއެޗްގައި އަންހެނުންގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓުގަ އެވެ. އެއަށްފަހު 2014 ވަނަ އަހަރު ބ. ތުޅާދޫ ހެލްތު ސެންޓަރުގައި މަސައްކަތް ކުރަން ފަށާފައިވާއިރު، އެ މަރުކަޒުގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ޖެހެންދެން މަސައްކަތް ކުރިއެވެ. އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ކ. މާފުށީ ހެލްތު ސެންޓަރުގަ އެވެ.

"އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި އެ ދުވަސް، އަޅުގަނޑު ޑިއުޓީގަ ހުއްޓާ އެކަމެއް ވީ،" ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ހާދިސާގެ ޚަބަރު ސިއްހީ މަރުކަޒަށް ދިނީ ފާރިހާގެ މަންމަ ގުޅާފައި ކަމަށެވެ. އެއަށްފަހު 9:00 ގައި ފާރިހާގެ ގެއަށް ހެލްތު އޮފިސަރެއް ދިޔަ ކަމަށެވެ. އަދި އެ ހެލްތު އޮފިސަރު އެ ގެއަށް ދިއުމަށްފަހު ހޮސްޕިޓަލަށް ގުޅާފައި މަރުވެފައި ކުއްޖެއް އޮތް ކަމަށް އޮފިސަރު ބުނުމުން، 9:20 ގައި އެގެއަށް ޑޮކްޓަރު ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެ ގެއަށް ދިޔަ އިރު ފާރިހާ އޮތީ މޫނު ނުފެންނަހެން ގޮދަޑީގައި ބަންޑުން. އެތަނުގައި ވަރަށް ގިނަ މީހުން ތިބި. އެހެންވެ ފާރިހާ އެހެން ކޮޓަރިއަކަށް ގެންދިއުމަށް އަހަރެން އެދުނިން،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރު އާއިޝާ ވިދާޅުވީ، ކުޑަކުއްޖާ އޮތީ ބާލިދީ އަކަށް ލާފައި ކަމަށާއި، މަތިން ނޫސްކަރުދާސް އަޅާފައިވާ ކަމަށެވެ.

އެ ކުއްޖާ އެގްޒަމައިން ކުރުމުގައި އުޅުނު ޑރ. އާއިޝާ ވިދާޅުވީ، އެތަނުގައި އެވަގުތު ފުލުހެއްގެ އިތުރުން ތިން ނަރުހުންވެސް ތިބި ކަމަށާއި، އެ ކުއްޖާއަކީ، ސިއްހަތު ރަނގަޅު އަންހެން ކުއްޖެއް ކަމަށެވެ.

"ސިއްހަތު ރަނގަޅު އަންހެން ކުއްޖެއް އެއީ. އެކުއްޖާގެ ބަރުދަނުގައި 2.8 ކިލޯ ހުރި،" ޑޮކްޓަރު ވިދާޅުވި އެވެ.

ފެން ހިންދާ ވަޅުގަނޑަށް ލީ ފާހާނާއިން ފްލެޝް ނުވުން

ޑޮކްޓަރު ވިދާޅުވީ އެކުއްޖާ ވިހޭއިރު މަރުނުވާ ކަމަށާއި ވިހޭތަނުން ރުއި އަޑުވެއް އިވިފައިވާ ކަމަށް ފާރިހާ ބުނެފައިވާ ކަމަށެވެ. އަދި ވިހެއީ އެކަނިމާއެކަނި އޮވެގެން އަމިއްލަޔަށް ކަމަށްވެސް ފާރިހާ ބުނި ކަމަށެވެ. އޭގެ ފަހުން އެންމެ ފުރަތަމަ އެކުއްޖާ މަރާލަން މަަސައްކަތް ކުރީ ފާހާނާއަށް ލާ ފްލެޝް ކޮށްލައިގެން ކަމަށާއި ނަމަވެސް އެގޮތަށް އެކަން ނުވީ ކަމަށް ފާރިހާ ބުނެފައިވާ ކަމަށެވެ.

ކުއްޖާ މަރާލުމަށް ދެން ކުއްޖާ ކޮތަޅަކަށް ލުމަށް ފަހު މަތިން ކަރުދާސް އޮޅައި ފެން ހިނދާ ވަޅުގަނޑަށް ލީ ކަމަށް ފާރިހާ ބުނެފައިވާ ކަމަށް ޑޮކްޓަރު ވަނީ އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފަ އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުން އެ ކުއްޖާ މަރުވެފައިވަނީ "އެކްފިކްސިއާ" ނުވަތަ އޮކްސިޖަން ނުލިބުމުގެ ސަބަބުންނެވެ.

ޑޮކްޓަރު ވިދާޅުވީ، ފާރިހާ ވިހާފައިވަނީ 27 ޖުލައި 2015 ވަނަ ދުވަހުގެ ރޭގަނޑު 11 އާއި 12 އާއި ދެމެދުގައި ކަމަށް ފާރިހާ ބަޔާން ދިން އިރު ބުނެފައިވާ ކަމަށެވެ.

"އޭނާ (ފާރިހާ) ބުނި ކުއްޖާގެ ރުއިމުގެ އަޑުވެސް އިވުނު ކަމަށް. އަދި އެކުއްޖާ ފްލަޝް ކުރަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ކުއްޖާ ބޮޑުވުމުން އެކަން ކާމިޔާބު ނުވި ކަމަށް،" ޑޮކްޓަރު ހެކިބަސް ދެމުން ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ، ކޮތަޅަށް ލުމުން އެ ކުއްޖާ ނޭވާ ހާސްވެ މަރުވީ ކަމަށެވެ. އަދި ނޭވާ ހާސްވެގެން މަރުވުމުގެ ސަބަބުން އެ ކުއްޖާގެ ލޯ ބޭރަށް ނުކުމެ، ދޫވެސް ބޭރަށް ނުކުމެފައިވާ ކަމަށެވެ.

"ކުއްޖާ އޮތީ ނޫކުލަ އަރާފައި. ބުރަކަށިން ހަންނޮޅި، ނިތްކުރިން ވަނީ ހަން ފޮޅިފައި،" ޑޮކްޓަރު ވިދާޅުވި އެވެ.

އެ ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ މަންމަ، ބ. ތުޅާދޫ ހުދުއަސުރުމާގޭ، ފާރިހާ އަބްދުއްރަހްމާން މައްޗަށް ދައުލަތުން ވަނީ ތިން ދައުވާ އެއް އުފުލާފަ އެވެ.

އެއީ އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ ހާލަތެއްގައި މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި، މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، ދަރިންބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދައުވާ އެވެ.

ޑޮކްޓަރުގެ ހެކިބަސް ނަގައި ނިމުމުން ގާޒީ ވިދާޅުވީ، އެ މައްސަލައިގެ ހުރިހާ ހެކިންގެ ހެކިބަސް ނަގާ ނިމުނީ ކަމަށެވެ. އެ މައްސަލައިގައި ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެ އެވެ. ގާޒީ ވިދާޅުވީ، ދެން އޮންނާނީ ހުލާސާކޮށް ވާހަކަ ދެއްކުން ކަމަށެވެ. އެހެން ނަމަވެސް ފާރިހާގެ ފަރާތުން އޭނާގެ ވަކީލު ވިދާޅުވީ، ސައިކޮލިޖިކަލް ރިޕޯޓެއް ހުށަހަޅާފައިވާނެ ކަމަށާއި، އެ ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރު ހާޒިރުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

ދައުލަތުންވެސް އެ ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރު ޝަރީއަތަށް ހާޒިރު ކުރުމަށް އިއުތިރާޒެއް ނުކުރެ އެވެ. އެހެންކަމުން ގާޒީ ނިންމެވީ، އެ ޑޮކްޓަރު ހާޒިރުކޮށް އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަން ކަށަވަރު ކުރުމަށްފަހު ހުލާސާއަށް ދިއުމަށެވެ.

އެ މައްސަލައިގެ ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް ގާޒީ ވިދާޅެއް ނުވެ އެވެ.

އެ މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައިވަނީ، އެ ސީންއަށް ދިޔަ ފޮލިސް އޮފިސަރަކާއި، ތުޅާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރި ދެ މީހެއްގެ ހެކިބަސް ނަގާފަ އެވެ.

comment ކޮމެންޓް