ކުޅޭކުޅޭ ބަޑިއަކާއެކު އިންސްޓަގްރާމަށް ވީޑިއޯއެއް ޕޯސްޓް ކުރުމަށްފަހު ޑިއާގްނޭ މައާފަށް އެދިއްޖެ

ޗައިނާގެ ޓިއަންޖިން ޓެޑާގެ ސްޓްރައިކަރު އެމްބާޔޭ ޑިއާގްނޭ: އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ބަޑިއެއް ހިފައިގެން ހުންނަ ވީޑިއޯއެއް ޕޯސްޓް ކޮށްފައި ---

ޔުވެންޓަސްގެ ކުރީގެ ސްޓްރައިކަރު އެމްބާޔޭ ޑިއާގްނޭ ކުޅޭކުޅޭ ބަޑިއަކާއެކު އިންސްޓަގްރާމަށް ވީޑިއޯއެއް ޕޯސްޓް ކުރުމަށްފަހު މައާފަށް އެދިއްޖެއެވެ.

މިހާރު ޗައިނާ ސުޕަރ ލީގުގެ ޓިއަންޖިން ޓެޑާއަށް ކުޅެމުންދާ ސެނަގޯލް ސްޓްރައިކަރު ޑިއާގްނޭ ޕޯސްޓްކުރި ވީޑިއޯގައި ބަޑިއެއް ހިފައިގެން ހުރެ ބުނަމުންދިޔައީ އޭނާގެ އާއިލާއާ ކައިރި ނުވުމަށެވެ.

ޑިއާގްނޭގެ އިންސްޓަގްރާމަށް ޕޯސްޓްކުރި ވީޑިއޯ ފަހުން ނަގާފައިވަނީ ޓިއަންޖިން ޓެޑާގެ އެދުމުގެ މަތިންނެވެ. އަދި އެއަށްފަހު ޑިއާގްނޭ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ އަމަލުތަކަށް މައާފަށް އެދިފައެވެ.

"މީގެ ދުވަސްކޮޅެއް ކުރިން އަހަރެން ކުޅޭކުޅޭ ބަޑިއެއް ހިފައިގެން ވާނީ ވީޑިއޯއެއް ޕޯސްޓް ކޮށްފައި. އަހަރެން ހީކުރީ އެއީ ޝައުގުވެރިވާނެ ކަމެއް ކަމަށް. އެކަމަކު އަސްލު އަހަރެންނަށް ޗައިނާގެ ގާނޫނާ އެ ހިލާފުވެވުނީ. އެ ވީޑިއޯ ޕޯސްޓް ކުރުމުން ޓިއަންޖިން ޓެޑާއިން އަހަރެންނާ ވާހަކަ ދެއްކި،" އުމުރުން 25 އަހަރުގެ ޑިއާގްނޭ ބުންޏެވެ.

ޑިއާގްނޭ ބުނީ، ކްލަބުގެ އެދުމާއެކު އިންސްޓަގްރާމުން ވީޑިއޯ ނަގައި، ބޭނުންކުރި ކުޅޭކުޅޭ ބަޑި ފުލުހުންނާ ހަވާލު ކޮށްފައިވާނެ ކަމަށާއި އޭނާގެ އަމަލުތަކަށް އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އަދި ޗައިނާގައި ހޭދަކުރާ ދުވަސްތަކުގައި އެފަދަ އަމަލެއް ތަކުރާރު ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޑިއާގްނޭ 2013އިން ފެށިގެން 2015އަށް ޔުވެންޓަސްގައި ހޭދަކުރި ނަމަވެސް، އެ ޓީމުގެ ސީނިއާ ޓީމަށް އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. ޓުއަންޖިން ޓެޑާއަށް އޭނާ ކުޅުނު 39 މެޗުން ދިހަ ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.

comment ކޮމެންޓް