ރޫނީގެ 200 ވަނަ ލީގު ގޯލާއެކު އެވަޓަން މޮޅުވާން ދަނިކޮށް، ފަހު ވަގުތު ސިޓީ ސަލާމަތްވެއްޖެ

ރޫނީގެ 200 ވަނަ ލަނޑަށްފަހު އޭނާ އުފާފާޅުކުރަނީ: އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީއާއި އެވަޓަން ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން ---

އިނގިރޭސި ޕްރިމިއާ ލީގުގައި ވޭން ރޫނީގެ 200 ވަނަ ލީގު ގޯލާއެކު އެވަޓަން މޮޅުވާން ދަނިކޮށް، ފަހު ވަގުތު މެންޗެސްޓާ ސިޓީ ސަލާމަތްވެއްޖެއެވެ.

މެންޗެސްޓާ ސިޓީގެ ދަނޑުގައި ރޭ ސިޓީއާ އެވަޓަން ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ލީޑު ހޯދުމަށް ސިޓީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކައިރިން ނައްޓާލުމަށްފަހު ސިޓީގެ ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާ ފޮނުވާލި ހަމަލާ އަމާޒުވީ އެވަޓަން ގޯލުގެ ދަނޑިއަށެވެ.

މެންޗެސްޓާ ޔުނައިޓެޑް ކުރީގެ ފޯވަޑް ވޭން ރޫނީގެ 200 ލީގު ގޯލު ފެނިގެންދިޔައީ މެޗުގެ 35 ވަނަ މިނެޓުގައެވެ. އެވަޓަންއަށް ރޫނީ ލީޑު ހޯދައިދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ކެލްވާޓް ލެވިން ދިން ބޯޅައަކުންނެވެ.

މެޗުގައި ސިޓީއަށް އިތުރު އުނދަގުލަކާ ކުރިމަތިލާން ޖެހުނީ މި ސީޒަނުގައި ޓޮޓެންހަމް ހޮޓްސްޕާއިން އެ ކްލަބާ ގުޅުނު އިނގިރޭސި ޑިފެންޑަރު ކައިލް ވޯލްކާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ވޯލްކާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ކެލްވާޓް ލެވިންއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން އެވަޓަން ކުރީގައި އޮވެގެންނެވެ.

ސިޓީން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޑެނީލޯ ނަގައިދިން ހުރަސް، މޭސަން ހޮލްގާޓް ދިފާއުކުރުމާއެކު ލިބުނު ބޯޅައިންނެވެ. ސްޓާލިން ފޮނުވާލި އެ ހަމަލާ އަމާޒުވީ އެވަޓަން ގޯލުގެ ތިރީ ކަނަށެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، އެވަޓަންގެ މޯގަން ޝްނެއިޑާލިންއަށް ވެސް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފައެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ސިޓީގެ ސާޖިއޯ އަގުއެރޯއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

comment ކޮމެންޓް