'ޕަދްމާވަތީ'ގެ ސަބަބުން ދީޕިކާއަށް ހޮލީވުޑް ފިލްމަކުން ފުރުސަތު ގެއްލުނީތަ؟

ދީޕިކާ --

ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ދީޕިކާ ޕަދުކޯންއަށް ހޮލީވުޑްގެ ދެވަނަ ފިލްމަކުން ފުރުސަތު ލިބުމަށްފަހު، އެ ފުރުސަތު ގެއްލުނީ ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު 'ޕަދްމާވަތީ'ގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެފި އެވެ.

ޚަބަރުތައް ބުނާގޮތުން ހޮލީވުޑްގެ ބޮޑު ސްޓޫޑިއޯ އަކުން އުފައްދާ ފިލްމަކުން ދީޕިކާއަށް ވަނީ ފުރުސަތު ލިބިފައެވެ. އެހެން ނަމަވެސް 'ޕަދްމާވަތީ'ގެ މަސައްކަތް ނުނިމޭތީ ފިލްމު ދޫކޮށްލީ އެވެ.

ދީޕިކާއާ ގާތް ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ދީޕިކާއަށް ފުރުސަތު ލިބުނީ ރޮމޭންސް-ޑްރާމާ އަކުންނެވެ.

"ފިލްމުގެ ޕްރޮޑިއުސަރުން ބޭނުންވީ މި އަހަރު ތެރޭގައި ފިލްމު ޝޫޓު ކުރަން ފަށަން. އަދި އޯގަސްޓު މަހުން ފެށިގެން ފިލްމުގައި ހިމެނޭ ފަންނާނުންނަށް ތަމްރީނު ދޭން ފަށަން. ދީޕިކާ މިހާރު ވެސް އުޅެނީ ޕަދްމާވަތީގެ މަސައްކަތުގައި ވަރަށް ބުރަކޮށް. އެހެން ފިލްމަކަށް ވަގުތެއް ނުދެވޭނެ. އެހެންކަމުން ހޮލީވުޑް ފިލްމު ދޫކޮށްލީ،" އޭނާ ބުނެފައިވެއެވެ.

ހޮލީވުޑް ފިލްމެއް ދޫކޮށްލަން ޖެހުނު ނަމަވެސް ދީޕިކާ ދެރައެއް ނުވެއެވެ. އެއީ 'ޕަދްމާވަތީ' އާމެދު އޭނާއަށް ފުރިހަމަ އިތުބާރު އޮތުމުންނެވެ. 'ޕަދްމާވަތީ' އަކީ ބަންސާލީގެ އިތުރުން ރަންވީރު ސިންގ އާއެކު ދީޕިކާ އަލުން ފެނިގެންދާ ފިލްމެވެ. ފިލްމުގައި ޝާހިދު ކަޕޫރުގެ މުހިންމު ރޯލެއް ވެސް ހިމެނެއެވެ.

ދީޕިކާ ވަނީ ވިން ޑީސަލް އާއެކު 'ޓްރިޕްލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް' އިން ފެނިގެން ގޮސްފައެވެ. އެހެން ނަމަވެސް އެއަށްފަހު ހޮލީވުޑް އިތުރު ފިލްމެއްގެ މަސައްކަތް ކޮށްފައެއް ނުވެއެވެ.

ދީޕިކާ އާ ޚިލާފަށް، ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަންނަނީ މިހާރު ވެސް 'ބޭވޮޗް' އަށް ފަހު އިތުރު ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް