ރައީސް ވިދާޅުވީ ރަސްރަނި ބަގީޗާއަކީ ހަދިޔާއެއް ކަމަށް، ހުރިހާ ކުދިން މަޖާކޮށްލާ

ކުރީގެ ސަލްޓަން ޕާކު، އަދި މިހާރުގެ ރަސްރަނި ބަގީޗާއަށް ރައީސް ވަޑައިގެން، އެތަން ބައްލަވާލައްވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަލްޓަން ޕާކު ތަރައްގީ ކުރުމަށްފަހު "ރަސް ރަނި"ގެ ނަމުގައި ބަގީޗާއެއްގެ ގޮތަށް އެތަން ތަރައްގީކުރީ ކުޑަކުދިންނަށް ސަރުކާރުގެ ދިން ހަދިޔާއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަލްޓަން ޕާކުގެ ނަން "ރަސްރަނި" އަށް ބަދަލުކޮށް އެތަން ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެތަން ޑިޒައިންކޮށްފައި ވަނީ އިންޓަރެކްޓިވް އެޑިއުކޭޝަނަލް ތީމް ޕާކެއްގެ ގޮތުގައި ކަމަށެވެ. އަދި އެތަން މިހާރު ނިމިފައިވާ ކަމަށާއި ނުނިމި ހުރީ ހަމަ އެކަނި ވިންޓަ ތީމް އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަސައްކަތް ވެސް މިއަހަރުގެ ޑިސެމްބަރު މަހު ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަހަރު ދިވެހިރާއްޖޭގެ ކުޑަކުދިންނަށް، ޔޫރަޕެކޭ އެއްފަދައިން ފިނިމޫސުން ޑިސެމްބަރު މަހު އަންނާނެ، ރައީސް ޔާމީން

"މިއަހަރު ދިވެހިރާއްޖޭގެ ކުޑަކުދިންނަށް، ޔޫރަޕެކޭ އެއްފަދައިން ފިނިމޫސުން ޑިސެމްބަރު މަހު އަންނާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަލްޓަން ޕާކު ހުންނަ ސަރަހައްދަކީ މީގެ ކުރިން ރާއްޖޭގެ ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންގެ ގަނޑުވަރުތައް ބިނާކޮށްފައި ހުރި ތަނެކެވެ. އެތަނަކީ ތާރީޚީ ތަނެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެތަނަށް ދިރުން އަންނާނީ ދިވެހި ކުޑަކުދިންނާއި ޒުވާނުންނަށް ލިބޭ ދިރުމެއްގެ ތެރެއިން ކަމަށެވެ. އަދި އެތަން އެގޮތަށް ތަރައްގީ ކުރެއްވީ އެ އަޒުމުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ކުރީ ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކް އިންނެވެ. އެތަން ތަރައްގީކޮށް ނިންމާފައިވާއިރު އެތަނުގައި ޓްރީޓޮޕް ދެ ކްލާސް ރޫމާއި ފައުންޓަނަކާއި ތިން ޕްލޭއިން ގްރައުންޑު އަދި ބޮސްޓަންގެ ޕާކެއްގައި ބޭނުންކޮށްފައިވާފަދަ 10 އުނދޯލި ހުރެއެވެ. އެ ޕާކުގެ އިތުރުން އެފަދަ އުނދޯލި ބޭނުންކޮށްފައި ވަނީ އަދި ހަމަ އެކަނި ރާއްޖޭގައި، ރަސްރަނި ޕާކުގަ އެވެ.

ދިވެހި ބަހުގައި ރަސް ރަނި ބޭނުންކުރަނީ ރަސްރަސްކަލުންނާއި ރަނިކަނބަލުންނަށް ކުރުކޮށް ކިޔާ ނަމެއްގެ ގޮތުގަ އެވެ. އަދި ރީތި އަންހެނުންނަށް ނިސްބަތްކޮށް ވެސް "ރަސްރަނި" ބޭނުންކުރެ އެވެ.

"މައިބަފައިން ކުޑަކުދިން މިތަނަށް ދޫކޮށްލަދީފިއްޔާ ވަރަށް ރަނގަޅު. ގައިޑުކޮށްލަދޭން ޓީޗަރުންގެ ތެރެއިން މައިންބަފައިންގެ ތެރެއިން ބޭފުޅުންކޮޅެއް އުޅުނީމަ ރަނގަޅުވާނެ. މިތަން ބެލެހެއްޓުމުގެ ކަންކަން ހިނގާނެ. އަޅުގަނޑު ބޭނުން ވަނީ ކުދިންގެ އިޙުސާސްތައް ވަރަށް މިނިވަން ކަމާއެކު އެ ކުދިން ނުކުމެ. ދައްކައިދޭނެ ވަރަށް މަޖާ އަދި ސަލާމަތް އޮތް ތަނަކަށް މިތަން ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެތަނުގައި ޒުވާނުންގެ އެކި އެކި ޙަފްލާތައް ބޭއްވުމުގެ ފުރުސަތު ވެސް ފަހި ވެގެންދާނެ އެވެ. އެގޮތުން އުފަން ދުވަހުގެ ޕާޓީތަކާއި ކައިވެނި ޕާޓީފަދަ ކަންކަން އެތަނުގައި ބޭއްވޭނެ ކަމަށާއި ދިވެހިންނަށް އެފަދަ ކަންކަން އަގަކާ ނުލައި ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ހުރިހާ ދިވެހިންގެ ތަނެއް. ހަމަ އެކަނި ފީ އެއް ނަގަން ޚިޔާލުކޮށްފަ އޮތީ ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އަތުން. އެހެން ނޫން ކަމަށް ވަންޏާ މިއީ ހަމަ ދިވެހި ކުޑަކުދިންނަށް، ދިވެހި ޒުވާނުންނަށް ޚާއްސަ ތަނެއް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އެ ޕާކުގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ނިންމާލަދެއްވީތީ ސިފައިންނަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި އެމަސައްކަތަކީ ދިވެހި އާ ޖީލަކަށް ސިފައިން ދެއްވި ހަދިޔާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިތަނުގަ ހަމަ ތިކުދިން އައިސް މަޖާކުރަން ވީ. ޓްރީ ހައުސް ވަރަށް ރީތި ކުދިން އެބައުޅޭ. ޕާކުގަ ހުރި ބައެއް ތީމްތައް ރީތިވާ ކުދިން އެބައުޅޭ. ހުރިހާ ކުދިން އައިސް ބަސް އަހާ ކުދިންނަށް ވީމަ ރައީސް ވަރަށް އުފާ ވާނެ. ހުރިހާ ކުދިންވެސް މިތަނުގަ މަޖާ ކޮށްލާ،" ވާހަކަފުޅު ކުރުކޮށްލަމުން ރައީސް ވިދާޅުވިއެވެ.

އެ ޙަފްލާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ޕާކު އާންމުންނަށް ހުޅުވާލާނީ އަންނަ ހުކުރު ދުވަހު އެވެ. އަދި އެއަށްފަހު ހޮނިހިރު ދުވަހު ހައުސިން މިނިސްޓްރީގެ ފަރާތުން ކުޑަކުދިންގެ ހަވީރެއް އެތަނުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެތަނަށް ބިދޭސީންނަށް ވަދެވޭނީ ފީއަކާ އެކު އެވެ. ނަމަވެސް ދިވެހިންނަށް ހިލޭ ވަދެވޭނެ އެވެ.

comment ކޮމެންޓް