މަސީހުގެ ރިޔާސަތުގައި މަޖިލިސް ކުރިއަށް ގެންދަން ފުރުސަތެއް ނުދޭނަން: މަހްލޫފް

އެންމެ ފަހުން ޖަލްސާގައި ދުވަހު ރިޔާސަތަށް މަސީހު ވަނަނުދިނުމަށް އިދިކޮޅު މެންބަރުން މަސަތްކަތް ކުރުމުން ސަލާމަތީ ބާރުތަކުން ރިޔާސަތު ހިމާޔަތްކޮށްގެން --- ފޮޓޯ/ އީވާ އަބްދުﷲ

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ރިޔާސަތުގައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ސްޕޯކްސްޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް ވިދާޅުވީ މަޖިލީހުގައި އެންމެ ފުރަތަމަ ކުރަން ޖެހޭނެ މަސަތްކަތަކީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރުން ކަމަށާއި އެ ނޫން ގޮތަކަށް މަޖިލިސް ކުރިއަށް ގެންދިއުމަށް އިދިކޮޅު މެންބަރުން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް، ފުލުހުންގެ ބަންދުގައި ހުރި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނޫން މާދަމާ އެ ހިނގަނީ ކީއެއް. އެއީ ޣައިރު ޤާނޫނީ ޖަލްސާއެއް. އެކަންކަމަށް މާދަމާ ފިޔަވަޅު ނޭޅުނު ނަމަވެސް ފަހުގެ މަރުހަލާތަކުގައި އެ ޖަލްސާގެ ސައްހަ ކަމާމެދު ސުވާލުކޮށް ޖަލްސާގައި ނިންމި ނިންމުންތައް ބާތިލުކުރެވޭނެ، މަހުލޫފް ވިދާޅުވިއެވެ.

މާދަމާގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރައްވާނެ ކަމަށް އިޝާރަތް ކުރައްވައި މަހްލޫފް ވިދާޅުވީ އެކަންތައްތައް އިދިކޮޅު މެންބަރުން ކުރައްވާނީ ކުރާ ހިތުން ނޫން ކަމަށާއި އެއީ ގާނޫނާއި މަޖިލީހުގެ ކަރާމާތް ދެމެހެއްޓުމަށް ކުރާ ކަމެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން 45 މެންބަރުން ސޮއިކޮށްފަ ލާފައި އޮއްވާ މަޖިލީހުގެ ޖަލްސާއަށް އެކަން ނުހިމަނައި ކުރިއަށް ނުގެންދެވޭނެ. ރައީސަށް 45 މެންބަރުން އޮންނާނީ ސާފުކޮށް ނޫނެކޭ ބުނެފައި. ދެން ކިހިނެއްތޯ މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ،" މަހްލޫފު ވިދާޅުވިއެވެ.

މަހްލޫފް އެހެން ވިދާޅުވިއިރު އިދިކޮޅު ފަރާތްތަކުން ސޮއިކޮށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނައިބު ރައީސު ރީކޯ މޫސާ މަނިކު ވަނީ ބާތިލުވެފައިވާ ކަމަށް ބުނެ މެންބަރުންނަށް އަންގާފަ އެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ސޮއި ކުރި 45 މެންބަރުންގެ ތެރެއިން އެއް މެންބަރެއް ސޮއި އަނބުރާ ގެންދިއުމާއި ހަތަރު މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައި ވާތީ ކަމަށެވެ.

comment ކޮމެންޓް