ފުލުހުންގެ އާއިލާތަކަށް އިންޒާރުދީގެން ފުލުހުން ޒިންމާދާރު ކުރެވޭނެބާ؟

އޮގަސްޓް 5، 2016: އިދިކޮޅު އިއްތިހާދުގެ ފަރާތުން މާލޭގައި ކުރިއަށް ގެންދަންއުޅުނު ހިންގާލުމުގެ ތެރެއިން: ފުލުހުން ވަނީ ހިނގާލުމަށް ހުރަސްއަޅާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމުކޮށްދީ ރައްޔިތުންގެ މުދާ ރައްކާތެރިކޮށް، ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ޔަގީން ކޮށްދޭ ހައްގުތައް ހޯދައިދިނުމަކީ ދިވެހި ފުލުހުންގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމަކީ ފުލުހުންގެ ގާނޫނުން ލާޒިމްކޮށްފައިވާ މުހިއްމު ޒިންމާއެކެވެ.

ނަމަވެސް ފަހަކަށް އައިސް ސިޔާސީ އޮއިވަރުގެ ތެރޭގައި ބަޔަކު ދަނީ ފުލުހުންގެ އަގުވައްޓާލުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ބައެއް ފުލުހުންގެ އަމަލުތައް ވެސް ހުންނަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

ފުލުހުންގެ އިތުބާރު ދެމެހެއްޓުމަށް ޓަކައި ފުލުހުން ވެސް ދަނީ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން ފުލުހުން ބަލަމުންދާ ބައެއް މައްސަލަތަކާ ގުޅޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ހާމަކުރުމާއި ފުލުހުންގެ ޒިންމާ ހަރުދަނާ ގޮތުގައި އަދާ ކުރެވޭނެ ގޮތްކާ ގުޅޭ މުހިއްމު ފިޔަވަޅުތައް ވެސް އަޅަމުން ދެ އެވެ.

ނަމަވެސް އާންމުންގެ ޝަކުވާތަކަށް ހައްލެއް އަންނަ ގޮތެއް ނުވެ އެވެ. މިފަހަކަށް އައިސް، ބައެއް އިދިކޮޅު އެއްވުންތަކުގައި ފުލުހުން އަމަލުކުރާ ގޮތުން ކަމަށް ބުނެ ފުލުހުންގެ އާއިލާތަކަށާއި ވަކިވަކި ފުލުހުންނާ ދިމާކޮށް ފުރައްސާރަކުރަމުން އެބަދެ އެވެ. ސޯޝަލް މީޑީއާގައި މިކަން އިންތިހާއަށް އާންމު ވެފައިވާއިރު ފުލުހުން ވަނީ އެކަން އެގޮތައް ނުކުރުމަށް އިންޒާރުކޮށްފަ އެވެ.

އާއިލާތަކަށް ތުރާކުރުން އެއީ ހައްލެއްނޫން

ވަކިވަކި ފުލުހުން ޒިންމާދާރު ކުރުވުމަށް އެމީހުންގެ އާއިލާތަކަށް ތުރާކޮށް އެ މީހުންގެ އާއިލާތަކަށް އަނިޔާއާއި ފުރައްސާރަކުރުމަކީ ހައްލެއްތޯ ސުވާލުކުރުން މުހިއްމެވެ. ފުލުހުންގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ތެރޭގައި ހެދޭ ގޯސްތައް ހައްލު ކުރަންވީ ފުލުސް މީހާ މާލޭގައި ދިރިއުޅޭ ގޯތީގެ ކުލި ބޮޑު ކޮށްގެންތޯ މިވެސް ސުވާލެކެވެ. ނުވަތަ ފުލުސް މީހާގެ އަނބިދަރިންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް، އެ މީހުންނަށް ފުރައްސާރަ ކުރުމަށް ގޮވާލުމަކީ ފުލުހުން ޒިންމާދާރު ކުރެވޭނެ ކަމެއްތޯ ވެސް އެއީ ސުވާލެކެވެ.

26 އޮގަސްޓް 2016: އިދިކޮޅު އިއްތިހާދުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ފުލުހުން ޒިންމާދާރު ކުރުވުމަށް އެމީހުންގެ އާއިލާތަކަށް ފުރައްސާރަކޮށް އަނިޔާ ކުރުމަށް ގޮވާލުމަކީ ހައްލެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ފުލުހުން ކުރާ ގޯސް ކަންތައްތައް ތަހުގީގު ކުރަންވާނީ ފުލުހުންގެ ތެރޭގައި އުފައްދާފައިވާ އެކިއެކި ޑިޕާޓްތަކުން ކަމަށާއި އެ ތަންތަނުން ހައްލު ނުލިބޭ ކަމަށް ބުނެ ސީދާ ފުލުސް މީހާގެ އާއިލާއަށް އިންޒާރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ފުލުހުން ވެސް އެބަޖެހޭ މިހާރަށް ވުރެ ޕްރޮފެޝަނަލް ވާން. އަދި ފުލުހުން ކުރާ މަސައްކަތަށް އާންމުން ވެސް ހުރަސް އަޅައިގެން ނުވާނެ. އަދި ފުލުސް މީހާއަށް ކުރެވޭ ކަމެއްގެ ސަބަބުން އޭނާގެ އާއިލާއަށް އުނދަގޫކޮށް ތަފާތު އިންޒާރު ދިނުމަކީވެސް ހައްލެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ރިޔާޒް ވިދާޅުވީ އޭނާ ކޮމިޝަނަރަކަށް ހުންނެވި އިރު އެފަދަ ގިނަ މައްސަލަތަކެއް ބަލާފައިވާ ކަމަށާއި އަދި ފިޔަވަޅު ވެސް އަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން ފުލުހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ފުލުހުންގެ އާއިލާއަށް އިންޒާރު ދީގެން މިހާތަނަށް އެއްވެސް މައްސަލައެއް ބެލިކަން ނުވަތަ ބަލާކަން ސާފެއް ނުވޭ

މުޒާހަރާގެ ބައިވެރިން ފުލުހަކަށް ހަމަލާދެނީ-- ސަން ފޮޓޯ

މީގެ ކުރިން ފުލުހުންނާ ބައްދަލުކުރައްވައި ވާހަފުޅު ދައްކަވަމުން މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވަނީ ފުލުހުކަށް ނުވަތަ ފުލުހެއްގެ އާއިލާ މެމްބަރަކަށް ވެސް ކުޑަ ނަމަވެސް އަނިޔާއެއް ދީފި ނަމަ އެމީހަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު އެ ވަހާކަފުޅު މީގެ އެއް އަހަރު ކުރިން ޕޮލިސް މެމޯރިއަލް ޑޭގައި ވިދާޅުވެފައިވާ އިރު އެ ވާހަކަ ވަރަށް ފަހުން ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.

ސީޕީ އަރީޕް ސޮއިކުރައްވައި އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ނެރެފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ އަނބުރު ރައްކާތެރެކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، އެއްވެސް ފަރާތަކުން ފުލުހަކަށް ނިސްބަތްކޮށްގެން، އެ ފުލުހަކު ޕޮލިހަށް މައްސަލައެއް ހުށަހަޅައިފި ނަމަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލައެއް ބަލައި ތަހްގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރު އެފަދަ މައްސަލައެއް ބަލާފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުންގެ ގާނޫނީ ޒިންމާ އަދާ ކުރެވޭނީ އެ މީހުންގެ އާއިލާއަށް ވެސް ރައްކާތެރިކަން ކަށަވަރު ވެގެން

މުޒާހަރާއެއްގައި ފުލުހަކަށް އަނިޔާވެގެން ބިންމައްޗަށް ވެއްޓިފައި: މުޒާހަރާ ތެރޭގައި އާއި މުޒާހަރާ ތެރެއަށް ވަދެ ހަމަނުޖެހުން އުފައްދާނަމަ ވަގުތުން ފިޔަވަޅު އެޅުމަށް އެޗްއާރްސީއެމުން ވަނީ ގޮވާލާފައި-- ސަން ފައިލް ފޮޓޯ

ފުލުހުންގެ އާއިލާތަކަށް އިންޒާރުދީ އެމީހުންނަށް އަނިޔާ ކުރުމަށް އެކިއެކި ސޯޝަލް މީޑީއާގެ ވަސީލަތްތަކުގައި ގޮވާލާ މީހުންނާ މެދު ފިޔަވަޅު އެޅުން އަވަސް ކުރަން ޖެހޭ ކަމަށް އެ ފުލުހުންގެ އާއިލާތަކުން ވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ފާޅުކަން ބޮޑުގޮތެއްގައި އެފަދަ އަމަލުތައް ބައެއް މީހުން ހިންގާއިރު ފުލުހުންގެ މުއައްސަސާ އިން އެފަދަ ކަންކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.

"ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ފުލުހުންގެ ގާނޫނީ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރެވޭނީ އެމީހުންގެ އާއިލާއަށް ވެސް އެކަށީގެންވާ ހިމާޔަތް ލިބިގެން. ފުލުހުންގެ އިސް ވެރިންޖެހޭ އެކަން ކަށަވަރު ކޮށްދޭން. އަދި ސޯޝަލް މީޑީއާގައި ފުލުހުންނަށް އިންޒާރުދޭ ދިނުން މީހާރުން މިހާރަށް ވެސް ހުއްޓުވުމަކަށް ގެންނަން ޖެހޭ،" ދިވެހި ފުލުހުންގެ އިދާރާގައި މީގެ ކުރިން އިސް ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، މީހާރު ރިޓަޔާ ވެފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

comment ކޮމެންޓް