އަރަބިން ކަމަށް ހީކޮށް އިސްރާއިލުގެ ދެ ސިފައިންނަށް ހަމަލާދީ ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ބިންތަކުގައި ގަވައިދާ ޙިލާފަށް ވަޒަަންވެރިވެގެން އުޅޭ ޔަޙޫދީން ފަލަސްތީނުގެ އަންހެނަކަށް ގޯނާ ކުރަނީ

އަރަބިން ކަމަށް ހީކޮށް ޔަހޫދީންގެ ބަޔަކު އިސްރާއިލުގެ ސިފައިންގެ ދެމީހަކަށް ޕާކެއްގެ ތެރޭގައި ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އިސްރާއިލުގެ އެ ދެ ސިފައިންނަށް ހަމަލާ ދީފައިވަނީ ތޫނު އެއްޗެހި ބޭނުންކޮށްގެންނެވެ. ސިފައިންގެ ދެ މީހުންނަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް، ފަހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އިސްރާއިލުގެ "ޗެނަލް 7" އަށް ދިން އިންޓަވިއުއެއްގައި އެ ދެ ސިފައިން ބުނި ގޮތުގައި އެ މީހުންނަށް ހަމަލާދިން ޔަހޫދިންތައް ދިޔައީ "މިއީ އަރަބިންނޭ" ކިޔައި ހަޅޭލަވަމުންނެވެ. އަދި އަރަބިންނަށް ނިސްބަތްކޮށް ކިޔައިއުޅޭ ހަޑިހުތުރު ބަސްތައް ވެސް އެ މީހުންނަށް އަމާޒުކޮށް، ރައްދު ކުރުމަށްފަހު ހަމަލާދިނީ ކަމަށް އެ ދެ މީހުން ބުންޏެވެ.

އިސްރާއިލުގެ ވައިނެޓް ނިއުސް އިން ބުނި ގޮތުގައި އެ މައްސަލަ މިހާރު ދަނީ އިސްރާއިލުގެ ސިފައިން ތަހުގީގު ކުރަމުންނެވެ.

ި"އިސްރާއިލުގެ ސިފައިން ޗުއްޓީއަށް ގޮސް އުޅޭއިރު އަރަބިން ކަމަށް ހީކޮށް ޔަހޫދީން ހަމަލާދޭ އެބަ ސިފައިންނަށް. މިއީ ވަރަށް ލަދުހުރި ކަމެއް،" އެ ހަމަލާގައި ޒަހަމްވި ސިފައިންގެ މީހެއްގެ ބައްފަ ބުންޏެވެ.

"އެ ދެސިފައިން މަރުވިނަމަޔޯ؟ މިއީ ހަމަ ވަރަށް ވުން ގާތް ކަމެއް. އަހަރެމެން މިދަރަޖައަށް މިދިޔައީ ކީއްވެގެން. އެ ދެ މީހުންނަކީ އަރަބިންނަށް ވިޔަސް ޖެހޭތަ ހަމަލާ ދޭން. އަހަރެމެން މިތިބީ ޝޮކެއްގައި. އަދި އެ މައްސަލައިގައި ކުށްވެރިވާ ފަރާތްތައް ގާނޫނުގެ ކުރި މައްޗަށް ގެނައުމަށް ގޮވާލަން،" ސިފައިންގެ މީހެއްގެ ބައްފަ އިތުރަށް ބުންޏެވެ.

comment ކޮމެންޓް