މާދަމާގެ ޖަލްސާއަށް ފާރިސް ހާޒިރުކޮށްދިނުމަށް ކަރެކްޝަންސްގައި އެދިއްޖެ

ފާރިސް މައުމޫން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގައި މާދަމާ ބޭއްވުމަށް ތާވަލު ކުރި ޖަލްސާގައި ބައިވެރިވެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ފާރިސް ވަނީ ބަންދުކޮށްފަ އެވެ.

ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ސޮއި ކުރައްވައި ކޮމިޝަނާ އޮފް ޕްރިސަންސް އަޙްމަދު ސިނާނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، މާދަމާ ހެނދުނު 9:00ގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށް، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރައްވާފައިވާ ކަމަށެވެ. އެ ޖަލްސާއަށް ފާރިސް ހާޒިރުވުމަށް ބޭނުންފުޅުވާ ކަމަށާއި، އެެހެން ކަމުން އެ ޖަލްސާގައި ފާރިސްއަށް ހާޒިރުވެވޭނެ އިންތިޒާމު ހަމަޖައްސަވައި ދިނުމަށް އެދިލައްވާ ކަމަށެވެ.

މައުމޫން ހަމީދު މިއަދު ވަނީ ފާރިސް މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ކަރެކްޝަންސްގައި އެދިފައިވޭތޯ ބެލުމަށް މަޖިލީހަށް ވެސް ވަޑައިގަންނަވާފަ އެވެ. އެއަށްފަހު މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ފަރާތުން ކަރެކްޝަންސްގައި ފާރިސް މާދަމާގެ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް އެދިފައިނުވާ ކަމަށް އެ އިދާރާއިން ބުނެފައިވާ ކަމަަށެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގަ އެވެ. އެ ދުވަހު ކްރިމިނަލް ކޯޓުގައި ފާރިސްގެ ޝަރީއަތެއް ތާވަލުކޮށްފައިވާއިރު، އެ ޝަރީއަތް ފެށުމުގެ ކުރިން ފާރިސްގެ ވަކީލު ވަނީ ފާރިސް މަޖިލީހަށް ހާޒިވާން ފުރުސަތު ދިނުމަށް ޝަރީއަތް ފަސްކޮށްދިނުމަށް އެދިލައްވާފަ އެވެ.

ގާޒީ ވަނީ އެ ދުވަހު އެ ފުރުސަތު ދިނުމުގެ ގޮތުން އެ ދުވަހުގެ ހަވީރަށް ޝަރީއަތް ފަސްކޮށްދެއްވާފަ އެވެ. އެހެން ނަމަވެސް އެ ދުވަހު ފާރިސް މަޖިލީހަށް ހާޒިރުކޮށްދީފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން މި މަހުގެ އެއްވަނަ ދުވަހު ކަރެކްޝަންސް އިން ބުނީ، ލިޔުމުން ރަސްމީކޮށް ނާންގަނީސް ފާރިސް މަޖިލީހަށް ހާޒިރުކޮށް ނުދޭނެ ކަމަށެވެ.

އޭގެ ފަހުން މިމަހުގެ އަށް ވަނަ ދުވަހު ފާރިސްއަށް މަޖިލީސް ޖަލްސާތަކުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ފާރިސްގެ ފަރާތުން ވަނީ، މަޖިލީހުގެ އަމީން އާންމުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް