ދެކުނާއި މެދު ރާއްޖެތެރެއަށް އުދައެރުމުގެ ފުރުސަތު ބޮޑު، ސަމާލުވޭ!

ކ. ގުޅިއަށް މިއަދު އުދަ އަރާފައި --- ފޮޓޯ: ކައުންސިލް

މެދު ރާއްޖެ އާއި ދެކުނުގެ ބައެއް ރަށްތަކަށް އުުދައެރުމުގެ ފުރުސަތު ބޮޑުކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ކުރިއަށް އޮތް ތިިން ދުވަހު މެދު ރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ނަމަވެސް އެއްވެސް ރަށަކަށް މާބޮޑަށް އުދަ އަރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ އުދައަރަމުން ދަނީ ނޯތު އެމެރިކާއަށް ހިފާ ހަނދު ކޭތައެއްގެ ސަބަބުން ކަމަށާއި އުދަ އަރާނެ ކަމަށް ބެލެވެނީ ރާއްޖެ އަށް ދިޔަވަރު އެންމެ ބޮޑުވާ ވަގުތުތަކުގައި ކަމަށެވެ.

ކ. ގުޅިއަށް މިއަދު އުދަ އަރާފައި --- ފޮޓޯ: ކައުންސިލް

މިހާރު ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ވަނީ އުދައަރައިފަ އެވެ. އޭގެ ތެރޭގައި ލ. ދަނބިދޫ އާއި ކ. ގުޅި ހިމެނެ އެވެ.

ދަނބިދޫ ކައުންސިލް މެންބަރު ހުސެން ފަޒީލް 'ސަން' އަށް ވިދާޅުވީ މިއަދު މެންދުރުން ފެށިގެން ދަނބިދުއަށް އުދައަރަމުންދާއިރު 200 ފޫޓަށް ރާޅު އަރާފައިވާ ކަމަށެވެ. އަދި ބައެއް ގެތަކަށް ރާޅު ވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަނބިދޫއަށް މިއަދު އުދައަރާފައި --- ފޮޓޯ: ކައުންސިލް

"ގާތްގަޑަކަށް ހަތް ވަރަކަށް ގެއަށް ވަނީ ރާޅު ވަދެ އިންދާފައި ހުރި ގަސްތަކަށް ލޮނުގެ އަސަރުކޮށްފައި. މިއީ ވޭތުވެ ދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް މިރަށަށް އުދައެރިފަހަރު،" ފަޒީލް ވިދާޅުވި އެވެ.

ގުޅީ ކައުންސިލްގެ ރައީސް މުހައްމަދު ފަތުހުﷲ ވިދާޅުވީ މިއަދު ހެނދުނު 11:30 އިން ފެށިގެން އެ ރަށަށް އުދައަރަމުންދާ ކަމަށާއި ގާތްގަޑަކަށް ރަށުގެ އެތެރެއިން 300 ފޫޓަށް ރާޅުގެ އަސަރުކޮށްފައިވާ ކަމަށެވެ.

އަދި އަތިރިމަތީގައި ހުރި ގެތަކަށް ރާޅު ވަނަނުދިނުމަށް ވެލި ބަސްތާ ޖެހުމުގެ މަސަތްކަތް ކުރަމުންދާ ކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ.

comment ކޮމެންޓް