ކޮށްދިއްޕަރާއި އަނަންތަރާއަށް ރަނގަޅު ފެށުމެއް

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ތެރެއިން: އެ މުބާރާތުގެ ކުޅުން ފެށިގެން ދިޔައީ ކުއާޓާއާ ހިސާބުން --- ފޮޓޯ/ ވީއޭއެމް

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝް ލީގުގެ ފެށުން ގްރޭންޑް ޕާކް ކޮށްދިއްޕަރާއި އަނަންތަރާ އިން ރަނގަޅުކޮށްފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެ މުބާރާތް ފެށުނީ އިއްޔެ ހަވީރެވެ. އެ މުބާރާތުގެ ކުޅުން ފެށިގެންދިޔައީ ކުއާޓާ ފައިނަލާ ހިސާބުންނެވެ.

ޒޯން އެކެއްގެ ޗެމްޕިއަން ކޮށްދިއްޕަރާއި ޒޯން ތިނެއްގެ ޗެމްޕިއަން ކަނޑިންމާ ބައްދަލުކުރި ކުއާޓާގެ ފުރަތަމަ ލެގު މެޗު ކުޅުނީ ކޮށްދިއްޕަރުގަ އެވެ. އެ މެޗުން ކޮށްދިއްޕަރު މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ކޮށްދިއްޕަރުން ގެންދިޔައީ 25-22، 25-27، 25-18 އަދި 25-14 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކޮށްދިއްޕަރުގެ އާދަމް ނަސީމެވެ.

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ތެރެއިން: އެ މުބާރާތުގެ ކުޅުން ފެށިގެން ދިޔައީ ކުއާޓާއާ ހިސާބުން --- ފޮޓޯ/ ވީއޭއެމް

ޒޯން ފަހެއްގެ ރަނަރަޕް އަނަންތަރާއާއި ޒޯން އެކެއްގެ ތިންވަނަ ޝެރެޓަން ބައްދަލުކުރި ކުއާޓާގެ ފުރަތަމަ ލެގު މެޗު ކުޅުނީ އަނަންތަރާގަ އެވެ. އެ މެޗު އަނަންތަރާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އަނަންތަރާއިން ގެންދިޔައީ 23-25، 17-25 އަދި 21-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަނަންތަރާގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

އެ މުބާރާތުގެ ކުއާޓާގެ ފުރަތަމަ ލެގު ދެ މެޗެއް މިއަދު ވެސް ކުރިއަށްދާނެ އެވެ. ޒޯން އެކެއްގެ ރަނަރަޕް ބަނޑޮސް މޯލްޑިވްސްއާއި ޖުމޭރާ ވިއްޓަވެލި ބައްދަލުކުރާ ފުރަތަމަ ލެގު މެޗު މިއަދު ކުޅުމަށް ހަމަޖެހިފައި ވަނީ ބަނޑޮހުގަ އެވެ. އަދި ޒޯން ފަހެއްގެ ޗެމްޕިއަން ސޮނޭވާފުށްޓާއި ޒޯން ހަތަރެއްގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ބައްދަލުކުރާ ފުރަތަމަ ލެގު މެޗު މިއަދު ކުޅުމަށް ހަމަޖެހިފައި ވަނީ ސޮނޭވާފުށީގަ އެވެ.

އެ މުބާރާތުގެ ސެމީއަށް ދަތުރުކުރާނީ ކުއާޓާ ފައިނަލްގެ ދެ ލެގު މެޗަށްފަހު ކުރި ހޯދާ ހަތަރު ޓީމެވެ. ސެމީގައި ވެސް ދެ ލެގު ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

comment ކޮމެންޓް