އެމެރިކާ އާއި ދެކުނު ކޮރެއާއާ ގުޅިގެން އަސްކަރީ ތަމްރީނުތައް ފަށައިފި

އެމެރިކާ އާއި ދެކުނު ކޮރެއާއިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކަކީ އުތުރަށް އަރައިގަތުމަށް ތައްޔާރުވުން ކަމަށް އެގައުމުން ގަބޫލު ކުރޭ -- ފޮޓޯ: ރޮއިޓާސް

ސޯލް (އޮގަސްޓް 21): އުތުރު ކޮރެއާގެ އިންޒާރުތަކާއެކު ވެސް އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަސްކަރީ ތަމްރީނުތައް ފަށައިފި އެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާއިން އެތަމްރީނުތައް ފެށީ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމަށް މިސައިލް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދިން ފަހުންނެވެ. އުތުރުން ފަހުން ވަނީ އެފަދަ ހަމަލާއެއް ދިނުމުގެ ކުރިން އެމެރިކާގެ ހަރަކާތްތައް ބަލާނެ ކަމަށާއި ނަމަވެސް އަސްކަރީ ތަމްރީނުތައް ފެށުމަކީ މައްސަލަ އިތުރަށް ގޯސްކުރުން ކަމަށް ބުނެފަ އެވެ.

އެމެރިކާ އިން ބުނާ ގޮތުގައި އެގައުމާއި ދެކުނު ކޮރެއާއިން ގުޅިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ތަމްރީނުތަކަކީ ދިފާއީ ތަމްރީނުތަކެކެވެ. ނަމަވެސް އުތުރު ކޮރެއާއިން ތުހުމަތު ކުރާ ގޮތުގައި އެއީ އެ ގައުމަށް އަރައިގަތުމަށް ކުރާ ތަމްރީނުތަކެވެ.

އޭގެ ސަބަބުން ޗައިނާ އާއި ރަޝިއާ އިން ވަނީ އުތުރު ކޮރެއާއިން މިސައިލް ޓެސްޓު ކުރުމަށް އެއްބަސްވެ އޭގެ ބަދަލެއްގެ ގޮތުން އެމެރިކާ އާއި ޗައިނާއިން އަސްކަރީ ތަމްރީނުތައް ހުއްޓާލުމަށް އެދިފަ އެވެ. އަދި އެތަމްރީނުތަކާ ދެކޮޅަށް ދެކުނު ކޮރެއާގެ ބައެއް ރައްޔިތުން ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.

ނަމަވެސް އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖޯސެފް ޑަންފޯޑް ވަނީ އަސްކަރީ ތަމްރީނުތައް ހުއްޓާލުމާ ބެހޭ ގޮތުން މަޝްވަރާ ނުކުރާނެ ކަމަށާއި އެތަމްރީނުތައް ކުރިއަށް ދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ 17،500 ސިފައިންނާއި ދެކުނު ކޮރެއާގެ 50،000 ސިފައިން ބައިވެރިވާ އަސްކަރީ ތަމްރީނުތަކުގައި ޓެރަރިސްޓު އަދި ކެމިކަލް ހަމަލާއެއް ދީފި ނަމަ އަމަލު ކުރާނެ ގޮތުގެ ޑްރިލްތައް ސިފައިން ކުރިއަށްގެންދެ އެވެ. (ބީބީސީ)

comment ކޮމެންޓް