މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މަޖިލީހުގެ ޖަލްސާއެއް މާދަމައަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލިސް: މާދަމާއަށް ވަނީ މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފައި ---

މަހެއްހާ ދުވަހުގެ މެދު ކެނޑުމަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ޖުލައި މަހުގެ 31 ގައެވެ. އަދި އެރޭ މަޖިލީހުގެ ފާހަނާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ޖަލްސާތައް ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފަ އެވެ.

މާދަމާގެ ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން ވަނީ ތިން ކަމެއް ހުށަހަޅުއްވައިފަ އެވެ. އެއީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރުކަމަށް ޒާހީޔާ ޒަރީގެ ބަދަލުގައި ރައީސް ފޮނުއްވާފައިވާ މުހައްމަދު ހުސެއިން ޝަރީފް(މުންދު)ގެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ދާއިމީކޮމެޓީއަކަށް ފޮނުވުމާއި އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރައީސް ހުށަހަޅުއްވާފައިވާ އަހްމަދު ނަސީރުގެ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމެވުމަށް ކޮމެޓީއަށް ފޮނުވުމުގެ މައްސަލައެއްގެ އިތުރުން "އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން" (އަޔޯރާ)ގައި ރާއްޖެ ބައިވެރިވުމުގެ މައްސަލަ ދިރާސާކުރެއްވައި ގޮތެއް ނިންމުމަށް ދާއިމީ ކޮމެޓީއަކަށް ފޮނުވުމުގެ މައްސަލަ އެވެ.

ޖަލްސާތައް މާދަމާ ފަށާއިރު އިދިކޮޅު ފަރާތްތަކުން ވަނީ ދައުލަތުގެ ބަންޑާރަ ނައިބް މުހައްމަދު އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ވައްދައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް