މިރޭ ސަލްޓަން ޕާކު ހުޅުވަނީ، ކިޔަނީ މުޅިން އާ ނަމެއް

ސަލްޓަން ޕާކު ތަރައްގީކޮށް ނިމުމުން އެތަން ހުންނާނެ ގޮތުގެ ކުރެހުމެއް--

މުޅިން އާ ޑިޒައިންތަކަކާ އެކު މިރޭ ސަލްޓަން ޕާކު ހުޅުވުމަށް ހައުސިންގް މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު 'ސަން' އަށް މިއަދު ވިދާޅުވީ މިރޭ ޕާކު ހުޅުއްވައި ދެއްވާނީ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ކަމަށެވެ. އަދި އެ ދެ ކަނބަލުންނާ އެކު 50 ކުދިން ޕާކު ހުޅުވުމުގައި ބައިވެރިވާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ.

މިރޭގެ ރަސްމިއްޔާތުގައި ޕާކު ހުޅުވުމަށް ފަހު ރައީސް ޔާމީން ޕާކުގެ ހުރިހާ ތަނެއް ބައްލަވާލެއްވުން އޮންނާނެ ކަމަށް ވިދާޅުވި އެވެ. މިރޭ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިފައި ވަނީ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ވިންޓާ ނުވަތަ ފިނި މޫސުން ތަޖުރިބާ ކޮށްލެވޭ ގޮތަށް ތަރައްގީކުރާ ވިންޓާ ތީމު ސެގްމެންޓާ ނުލައި މިރޭ ޕާކު ހުޅުވާއިރު އެހެން ހުރިހާ ސެގްމެންޓްތަކެއް ފުރިހަމަވާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ. ވިންޓަ ސެގްމެންޓް ހުޅުވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހު އެވެ.

މާލޭގެ އެންމެ އާސާރީ އެއް ތަން ކަމުގައިވާ ސަލްޓަން ޕާކު މަރާމާތުކުރުމަށް ބަންދުކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އެތަން ތަރައްގީކުރުމަށް ފުރަތަމަ ހަވާލުކުރީ އެމްޓީސީސީއާ އެވެ. ނަމަވެސް ފަހުން އެ މަސައްކަތް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އަށް ވަނީ ދީފަ އެވެ.

ސަލްޓަން ޕާކު އަލުން ތަރައްގީކުރަމުންދާ އިރު، އެތަން ހުޅުވާނީ މުނިފޫހިފިލުވުމުގެ އިތުރުން، ކުޑަކުދިންނަށް މައުލޫމާތު ލިބޭނެ ފަދަ ކަންތަކާ ވެސް އެކުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ކުރީގެ ގައުމީ ދާރުލްއާސާރު ހިންގި އުސްގެކޮޅު އިމާރާތް ހެރިޓޭޖް ޕްލާޒާއެއްގެ ގޮތުގައި ހަދާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް