ލަ ލީގާގެ ތާރީހުގައި އެންމެ ގިނަ ރަތް ކާޑު ދެއްކި ކުޅުންތެރިންގެ ތެރޭގައި ރާމޯސް

ސްޕެނިޝް ލަލީގާގައި ޑިޕޯޓިވޯއާ ދެކޮޅަށް ކުޅުނު މެޗުގައި ރެެއާލްގެ ރާމޯސްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކަނީ: އެއީ ލަލީގާގެ ތާރީހުގައި ރާމޯސްއަށް ދެއްކި 18 ވަނަ ރަތް ކާޑު ---

ސްޕެނިޝް ލަ ލީގާގެ ތާރީހުގައި އެންމެ ގިނަ ރަތް ކާޑު ދެއްކި ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ހިމެނިއްޖެއެވެ.

ރޭ ޑިޕޯޓިވޯ ލަކަރޫނާއާ ދެކޮޅަށް ކުޅެ، 3-0 ލަނޑުން ރެއާލް މޮޅުވި މެޗުގައި ދެވަނަ ރީނދޫ ކާޑަކާއެކު ރެއާލްގެ ސްޕެއިން ސެންޓްރަލް ޑިފެންޑަރު ރާމޯސްއަށް ރަތް ކާޑެއް ދެއްކީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ.

ރޭގެ މެޗުގައި ރާމޯސްއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ޑިޕޯޓިވޯގެ ބޯޖާ ވައްލޭއަށް ކުރި ފައުލަކާ ގުޅިގެންނެވެ. ރާމޯސްއަށް ދެވަނަ ކާޑެއް ދެއްކީ ބޯޅައެއް ހޯދުމަށް އެރި ވަގުތު އޭނާގެ އުޅަނބޮށި ނެގުމުގެ ސަބަބުންނެވެ. އެއީ ލަ ލީގާގައި ރާމޯސްއަށް ދެއްކި 18 ވަނަ ރަތް ކާޑެވެ.

އުމުރުން 31 އަހަރުގެ ރާމޯސްއާއެކު ލަލީގާގައި އެންމެ ގިނަ ރަތް ކާޑު ދެއްކި ކުޅުންތެރިންގެ ތެރޭގައި އިތުރު ދެ ކުޅުންތެރިޔަކު ހިމެނެއެވެ. އެއީ ރެއާލް ޒަރަގޯޒާގެ ދެ ލެޖެންޑުން ކަމަށްވާ ޒަވީ އަގުއާޑޯ އަދި ޕަބްލޯ އަލްފާރޯއެވެ. އެ ދެ ކުޅުންތެރިންނަށް ވެސް ދައްކާފައިވަނީ 18 ރަތް ކާޑެވެ.

comment ކޮމެންޓް