އަލޮންސޯގެ ދެ ލަނޑުން ޓޮޓެންހަމް ބަލިކޮށް، ޗެލްސީން ފުރަތަމަ މޮޅު ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ކޮޅަށް ލަނޑު ޖެހުމަށްފަހު ޗެލްސީގެ އަލޮންސޯ އުފާފާޅުކުރަނީ: އެ މެޗުން ޗެލްސީ މޮޅުވީ 2-1 ލަނޑުން ---

މާކޮސް އަލޮންސޯގެ ދެ ލަނޑުން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް، ޗެމްޕިއަން ޗެލްސީން ލީގުގެ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮޓެންހަމްގެ މައްޗަށް ޗެލްސީން ކުރި ހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ފަސްވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސެސާ އަޒްޕްލިކުއެޓާ ދިން ބޯޅައަކުން ޓޮޓެންހަމްގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ޗެލްސީން ލީޑު ހޯދީ މެޗުގެ 24 ވަނަ މިނެޓުގައެވެ. ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން ވިންގް ބެކް މާކޮސް އަލޮންސޯއެވެ. ޗެލްސީއަށް ލިބުނު ހިލޭ ޖެހުމަކުން އަލޮންސޯ ފޮނުވާލި ހަމަލާ އަމާޒުވީ ޓޮޓެންހަމް ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްލުމަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ހެރީ ކޭންގެ ދެ ހަމަލާއެއް ފެނިގެންދިޔައިރު، އޭނާގެ ފުރަތަމަ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި އޭނާގެ ދެވަނަ ހަމަލާ، ޗެލްސީގެ ކީޕަރު ތިބައުޓް ކޯޓުވާ ވަނީ މަތަކޮށްފައެވެ. ޓޮޓެންހަމްގެ ވިކްޓާ ވަންޔާމާ ފޮނުވާލި ހަމަލާ ވެސް ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބްރެޒިލް މިޑްފީލްޑަރު ވިލިއަން 25 ޔާޑު ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ޓޮޓެންހަމް ގޯލުގެ ދަނޑިއަށެވެ. އޭގެ ދެ މިނެޓް ކުރިން ވެސް ވިލިއަންއަށް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި އެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑަކީ ޗެލްސީގެ ބެލްޖިއަމް ފޯވަޑް މިޝީ ބަޓްޝުއާއީ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. އޭނާ އަތުން އެ ލަނޑު ބައިކޮޅަށް ވަދެފައިވަނީ ޓޮޓެންހަމްއަށް ލިބުނު ހިލޭ ޖެހުމެއްގެ ތެރެއިންނެވެ.

ޗެލްސީން އަލުން ލީޑު ހޯދީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ޕެޑްރޯ ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަލޮންސޯއެވެ. އަލޮންސޯ އެ ލަނޑު ކާމިޔާބުކުރިއިރު، ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސްގެ ގޯހެއް ފެނިގެންދިޔައެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ހަޑާސްފީލްޑް ޓައުން އިން ވަނީ ނިއު ކާސަލް ޔުނައިޓެޑްގެ މައްޗަށް 1-0 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ހަޑާސްފީލްޑުން ކާމިޔާބުކުރި ލަނޑަކީ އެ ޓީމުގެ އޮސްޓްރޭލިއާ މިޑްފީލްޑަރު އާރޮން މޫއީ ޖަހައިދިން ލަނޑެކެވެ.

comment ކޮމެންޓް