އެމެރިކާގެ މަނަވަރަކާއި ތެޔޮ ޓޭންކަރެއް ޖެހި، 10 ފަޅުވެރިއަކު ގެއްލިއްޖެ

ސިންގަޕޫރު ކައިރިން ދަތުރުކުރަމުން ދަނިކޮށް އެކްސިޑެންޓުވި ޔޫއެސްއެސް ޖޯން މެކެއިން -- ފޮޓޯ: ޔޫއެސް ނޭވީ

ވޮޝިންޓަން (އޮގަސްޓް 21): ސިންގަޕޫރު ކައިރިން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ މަނަވަރަކާއި ތެޔޮ ޓޭންކަރެއް ޖެހުމުގެ ސަބަބުން އެމެރިކާގެ 10 ފަޅުވެރިއަކު ގެއްލިއްޖެ ކަމަށް އެގައުމުގެ ކަނޑުގެ ސިފައިން ބުނެފި އެވެ.

ސިފައިން ބުނި ގޮތުގައި ސިންގަޕޫރުގެ އިރުން ދަތުރުކުރަމުން ގޮސް އެގައުމުގައި ބަނދަރު ކުރަން އުޅެނިކޮށް ޔޫއެސްއެސް ޖޯން މެކެއިން އެކްސިޑެންޓުވީ ލައިބީރިއާގެ ދިދައެއް ޖަހާފައި ހުރި ތެޔޮ ޓޭންކަރަކާ އެވެ. އެ ތެޔޮ ޓޭންކަރަށް ލިބުނު ގެއްލުމާއި އޭގެ ފަޅުވެރިންނާ ބެހޭ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ނަމަވެސް އެތެޔޮ ޓޭންކަރުގެ ބަރުދަނުގައި 30،000 ޓަނު ހުރި ކަމަށާއި އެއީ ޔޫއެސްއެސް ޖޯން މެކެއިނަށް ވުރެ ތިން ގުނަ އިތުރު އަދަދެއް ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

މީގެ އިތުރުން ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެހާދިސާގައި އެމެރިކާގެ މަނަވަރުގެ ކުރީކޮޅަށް ވަނީ ގެއްލުން ލިބިފައެވެ. ނަމަވެސް އެމެރިކާ ސިފައިން ބުނި ގޮތުގައި ޔޫއެސްއެސް ޖޯން މެކެއިން ވަނީ އިތުރު ބޯޓެއްގެ އެހީއާ ނުލައި ސިންގަޕޫރުގައި ބަނދަރު ކުރަން މިސްރާބު ޖަހާފައެވެ. އަދި އެ މަނަވަރުން ގެއްލުނު ފަޅުވެރިން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިދިޔަ ޖޫން މަހު އެމެރިކާގެ އެހެން މަނަވަރަކާއި ފިލިޕީންސްގެ އާގުބޯޓެއް އެކްސިޑެންޓުވުމުގެ ސަބަބުން އެމެރިކާގެ ހަތް ފަޅުވެރިން މަރުވެފައިވެ އެވެ. އެހާދިސާ ހިނގީ އެެމެރިކާގެ މަނަވަރު ޖަޕާން ކަނޑުން ދަތުރު ކުރަމުން ދަނިކޮށެވެ. (ބީބީސީ)

comment ކޮމެންޓް