ތޮއްޖެހިފައިވާ މާލޭގެ ހުސް ބިންތަކުން ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބާ؟

މާލެ ވަނީ ފުރިބާރުވެ ދިރިއުޅެން ދަތި ސަހަރަކަށް ވެފައި -- ސަން ފޮޓޯ: މުޙައްމަދު ސަމާހް

ތޮއްޖެހިފައިވާ މާލެއިން ބިމެއް ގަންނަން ލިބުމަކީ ފަހުގެ ތޭރީހުގައި މާފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި މިލިއަނުން ހަރަދުކޮށްގެން ވެސް މާލެއިން ބިމެއް ބޭނުންނުވާނެ މީހަކު މަދުވާނެ ކަން ކަށަވަރެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ވަސީލަތެއް މާލޭ ސިޓީގައި ހުރި އިރު މި ތަނުން ބިންކޮޅެއް ލިބުމަކީ ދިރިއުޅުން އެތައް ގޮތަކުން ފަސޭހަވެގެންދާނެ ކަމެކެވެ.

މިހާރު ރާއްޖެއަށް އައިސްފައިވާ އިޖްތިމާއީ އަދި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ވެސް އެންމެ ގިނަ ބަޔަކު އެއް ވާހަކައަކަށް ދެއްކި ވާހަކައަކީ ގިނަ އަދަދެއްގެ ބިންތަކެއް ވިއްކަން ހައުސިން މިނިސްޓްރީން އިއުލާންކުރި ވާހަކަ އެވެ. މިއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ބޮޑަށް ތޮއްޖެހިފައިވާ އަދި ބިމުގެ އަގު އިންތިހާއަށް ގޮސްފައިވާ، ރާއްޖޭގެ ވެރިރަށް މާލެއިން މި ފަހަކަށް އައިސް މިހާ ގިނަ ބިން ވިއްކަން ސަރުކާރުން އިއުލާންކުރި ފުރަތަމަ ފަހަރެވެ.

ތޮއްޖެހިފައިވާ މާލޭން، ވިއްކާލުމަށް އިއުލާނުކޮށްފައިވާ ބިންތަކުގެ ތެރޭން ބިމެއް -- ސަން ފޮޓޯ: މުހައްމަދު ސަމާހް

ވިއްކަން އިއުލާނުކުރި ބިންތަކުގެ ތެރޭގައި ހިމެނެނީ ބޮޑުތަކުރުފާނު މަގުގައި ވިލާ ކޮލެޖާ ޖެހިގެން ހުޅަނގަށް އޮންނަ، އެސްޓީއޯ އިން ރެޑީ މިކްސްޑް ކޮންކްރީޓް ތައްޔާރުކުރާ 378 ނަންބަރު ކޮށިން 10 ގޯއްޗަކާއި ހަމަ އެ މަގުގައި ހުންނަ ކުރީގެ ކުނިކޮށިން ހަ ގޯއްޗަކާއި މ. ދަންޑެހެލުގެ ކިޔާ ބިމުން ތިން ގޯއްޗަކާއި އޯކިޑްމަގު މާފަންނުއާގެއިން ދައުލަތަށް ނެގި ބައެވެ.

ސުވާލަކީ ބިމުގެ ދަތިކަން އިންތިހާއަށް ގޮސްފައިވާ މި މާލެއިން އަނެއްކާ ވެސް އާންމުންނަށް ބިން ވިއްކުމަކީ ހަމަ އެންމެ ބުއްދިވެރި ގޮތް ބާވަ އެވެ؟ ބުރިޖަކުން ހުޅުމާލެ މާލެއާ ގުޅާލައި، މާލޭގެ ތޮއްޖެހުމަށް ކުޑަވަރެއްގެ ނަމަވެސް ލުޔެއް ލިބިދާނޭކަމުގެ މަލަމަތި ފާޅުވަމުން އަންނައިރު، އަނެއްކާ ވެސް ހުސްބިންތައް ވިއްކާލުން ބުއްދިވެރިތޯ އެވެ؟

ތޮއްޖެހިފައިވާ މާލޭން، ވިއްކާލުމަށް އިއުލާނުކޮށްފައިވާ ބިންތަކުގެ ތެރޭން ބިމެއް -- ސަން ފޮޓޯ: މުހައްމަދު ސަމާހް

މާލެއިން ބިންވިއްކަން ހުޅުވާލީ ރައްޔިތުންނަށް ލާބައާ މަންފާ ލިބެނިވި ކަންކަމަށް ރައްޔިތުންގެ ޚަޒާނާ މުއްސަނދިކުރުމަށް، ގާނޫނީ އިމުގެ ތެރޭން، ހައުސިން މިނިސްޓަރު މުއިއްޒު

މާލޭގައި މުދަލާއި ބޯހިޔާވަހިކަމުގެ އަގުތައް އިންތިހާއަށް ބުޑޮވެ، އިޖްތިމާއީ އެތަކެއް މައްސަލަތަކެއް ފެންމަތިވެފައި ވަނީ، ހަމަ އެންމެ މައްސަލައަކާ ހެދި އެވެ. އެއީ ބިމުގެ ދަތިކަމެވެ. ތަންތަނުގެ ކުލީގެ އަގު ބޮޑުވުމެވެ. އެހެންކަމަށް ވާނަމަ، މާލޭގެ އެންމެ "ޕްރައިމް ލޮކޭޝަން"ތަކުން، ވަކިވަކި ފަރުދުންނަށް ބިންތައް މިލްކުކުރެވޭ ގޮތް ހެދުމަށް ވުރެ، ބުއްދިވެރި ގޮތަކީ ދައުލަތުގެ ބެލުމުގެ ދަށުން އެތަންތަނުގައި ޝޮޕިންގް މޯލާއި އަދި ދިރިއުޅޭނޭ ފްލެޓްތަކެއް އެޅުން ނޫންތޯ އެވެ. ހަމަ ގައިމު ވެސް އާންމުގެ ގިނަ ބަޔަކު ގަބޫލުކުރަނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ބިންތައް ވިއްކަނީ އެންމެ ހިތްގައިމު ސަރަހައްދުތަކުން، ހިތްފަސޭހަ މައިޒާންތައް އަދިވެސް ބޭނުންވޭ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާއި އަދި އެކި ބޭނުންތަކަށް މާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް މާލެއިން ދިން އެންމެ ބޮޑު އެއް ހަދިޔާއަކީ މާލޭގެ ކާރުބާރޫ ބޮޑު ވެށިން ހިތްހަމަޖައްސާލުމަށް ޓަކައި ސަރަހައްދުތަކެއް ހުސްކުރުމެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ވަނީ މިހާތަނަށް އެއްވެސް ވެރިއަކު މާލޭގެ ރައްޔިތުންނަށް ނުކޮށްދޭ ވަރުގެ އެފަދަ ފަސޭހަ ކަންތައްތަކެއް މާލޭގައި ގާއިމުކޮށްދެއްވައިފަ އެވެ.

ސަން ފްރަންޓް ފުރަގަހުގައިި ތަރައްގީ ކުރި ޕާކު ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ހައުސިން މިނިސްޓްރީ

ނަމަވެސް އަދިވެސް މާލޭގެ ރައްޔިތުން ބޭނުން ވަނީ މި "ކޮންކްރީޓް" ޖަންގަލީގެ ތެރޭގައި ވެސް ހިތް ފަސޭހަ ކޮށްލެވޭނެ މައިޒާންތައް އިތުރަށް ގާއިމު ވެގެންދިޔުމެވެ. އެހެން ކަމަށްވާ ނަމަ އެސްޓީއޯ އިން ރެޑީ މިކްސްޑް ކޮންކްރީޓް ތައްޔާރުކުރާ 378 ނަންބަރު ކޮށިން 10 ގޯއްޗަކާއި ހަމަ އެ މަގުގައި ހުންނަ ކުރީގެ ކުނިކޮށިން ދޫކުރާން ހަމަޖެހިފައިވާ ގޯތިތަކުގެ ބަދަލުގައި އެތަންތަނުގައި ޕާކްތައް ތައްޔާރު ކުރުން ނުވަތަ އެފަދަ ހިތްފަސޭހަ މައިދާންތަކެއް އެކުލެވޭގޮތަށް މޯލްތަކެއް، ނުވަތަ ކުޅިވަރު އެކުވެނިތަކެއް ވެސް ބިނާކުރެވިދާނެ އެވެ. ގިނަ ބަޔަކު ގަބޫލުކުރަނީ ވެސް ސަރުކާރުގެ އަމާޒަކަށް ވާނީ މިފަދަ ގޮތަކަށް ބިންތަކުގެ ބޭނުން ހިފުން ކަމަށެވެ.

އެސްޓީއޯގެ ތައްޔާރީ ކޮންކްރީޓް ސިމެންތި އުފައްދާ ފެކްޓަރީ: ތޮއްޖެހިފައިވާ މާލޭން، ވިއްކާލުމަށް އިއުލާނުކޮށްފައިވާ ބިންތަކުގެ ތެރޭން ބިމެއް -- ސަން ފޮޓޯ: މުހައްމަދު ސަމާހް

"އަސްލު މި ތަނުން ހުސްވާ ދެބިމުގައި ވެސް ޕާކެއް ނުވަތަ ކުޅިވަރު ކުޅޭނެ ތަނެއް ހަދައިފިއްޔާ ވަރަށް ރަނގަޅުވާނެ. އަދި ހަމަ އެކުވެނި ކައިރިން އެ ވިއްކާބިމުގައި ވޮލީ ކޯޓެއް ނުވަތަ ކުޅިވަރުކުޅޭނޭ އިތުރު ކޯޓުތަކެއް ހެދިއްޔާ މާ ފުރިހަމަ ވާނެ،" އެ ސަރަހައްދުގައި ހުންނަ، މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖެއްގައި ކިޔަވަމުންދާ ދަރިވަރަކު ބުންޏެވެ.

ބިންތައް ނުވިއްކައި، ފްލެޓްއަޅައިފި ނަމަ ރައްޔިތުންނަށް މާ ފައިދާކުރާނެ

މާލޭގައި އިންތިހާ ދަރަޖައަށް ދިރިއުޅުމުގެ އަގު އުފުލިފައި ވާއިރު އެންމެ ބޮޑު މައްސަލައަކީ މާލޭގެ ބިންވެރީންނަށް ބޮޑު އަގުން ކުލި ދައްކައިގެން މިތާ ދިރިއުޅެން ޖެހުމެވެ. އެހެން ކަމަށްވާއިރު އަނެއްކާ ވެސް އަމިއްލަ ފަރާތަކުން އެ ބިމުގައި އިމާރާތެއް އަޅައިފި ނަމަ އެއްކޮޓަރީގެ އެޕާޓްމަންޓަކަށް ވެސް 25 ހާސް ރުފިޔާ ދޭންޖެހުން ދުރެއް ނޫނެވެ. އާޚިރުގައި އަނެއްކާ ވެސް މުއްސަނދި ވެގެންދާނީ ވަކި ބައެކެވެ. ނިކަމެތިން ހަމަ ނިކަމެތި ވަނީއެވެ.

ކުރީގެ އެއްނަންބަރު ކުނިކޮށި: ތޮއްޖެހިފައިވާ މާލޭން، ވިއްކާލުމަށް އިއުލާނުކޮށްފައިވާ ބިންތަކުގެ ތެރޭން ބިމެއް -- ސަން ފޮޓޯ: މުހައްމަދު ސަމާހް

އެކަން އެގޮތަށް ނުކޮށް އެ ސަރަހައްދުތަކުގައި އެންމެ އާދައިގެ މީހާއަށް ވެސް އަތްފޯރާ އަގުގައި ލިބޭނޭ ފަދަ ފްލެޓްތަކެއް ހަދައިފި ނަމަ އެންމެނަށް ވެސް އޭގެ ފައިދާ ކުރާނެކަން ކަށަވަރެވެ. އަދި އަގު ކޮންޓްރޯލްކޮށްގެން އަމިއްލަ ފަރާތްތައް ލައްވައި އެތަންތަނުގައި ފްލެޓް އަޅައިގެން އެފަދަ މަޝްރޫއެއް ސަރުކާރަށް ހިންގިއްޖެ ނަމަ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާއި މުޅި ދައުލަތަށް ވެސް އޭގެ ފައިދާ ކުރާނެ އެވެ.

"އެއްގޮތަކަށް ވެސް ނުވިސްނޭ، ބިން ވިއްކަން އެގޮތަށް ހުޅުވާލުމުން ވާނެ ފައިދާއެއް. ފަހަރެއްގައި ގަންނަ ބަޔަކަށް ފައިދާކުރާނެ. އެކަމަކު އާދައިގެ ރައްޔިތު މީހާއަށް އެއިން ވާނެ ހަމަ އެއްވެސް ފައިދާއެއް ނޯންނާނެ. ސަރުކާރުން މިހާރު ވެސް ކުރިއަށް ގެންދާ، މާލެ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން އެ ބިންތައް ހުރިހާ ރައްޔިތުންނަށް ވެސް ފައިދާކުރާނޭ ގޮތަކަށް ބޭނުން ކުރިއްޔާ ރަނގަޅުވާނޭ ކަމަށް ގަބޫލުކުރެވެނީ،" އާއިލާ ގޮވައިގެން މާލޭގައި ކުއްޔަށް 55 އަހަރު ވެފައިވާ އިސް ރައްޔިތަކު ބުންޏެވެ.

19 ބިމުން ދައުލަތަށް ބިލިއަނެއްހާ ރުފިޔާ ލިބިދާނެ، މިއީ ވަގުތީ މަންފާއެއް!

މާލޭގެ ބިންތަކެއް ވިއްކާލުމަށް ހުޅުވާލި ފުރުސަތު، ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ސިފަކުރައްވަނީ، އެއީ ރައްޔިތުންގެ ލާބައާ މަންފާއަށް ކުރާކަމެއްގެ ގޮތުގަ އެވެ.

"މާލެއިން ބިންވިއްކަން ހުޅުވާލީ ރައްޔިތުންނަށް ލާބައާއި މަންފާ ލިބެނިވި ކަންކަމަށް ރައްޔިތުންގެ ޚަޒާނާ މުއްސަނދިކުރުމަށް، ގާނޫނީ އިމުގެ ތެރޭން،" ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ވިއްކަން ކަނޑއަޅާފައިވާ 19 ބިން ވިއްކަނީ އަކަފޫޓެއް 15،000 ރުފިޔާގެ ރޭޓުންނެވެ. އެހެން ކަމަށްވާ ނަމަ އެއިން ދައުލަތަށް 792 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ލިބޭނެ އެވެ. ނަމަވެސް ސުވާލަކީ މާލޭގެ ބިންތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ނެރެވިދާނެ ބިންތަކަކަށް ވާއިރު، ސަރުކާރަށް އެއްފަހަރާ ލިބޭ މިފަދަ ކުޑަ މަންފާއަކަށް ވުރެ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ބޮޑު މަންފާއަކަށް ވިސްނުން ބުއްދިވެރި ނޫންތޯ އެވެ. އަދި ހުޅުމާލެ ތަރައްގީވަމުން އަންނައިރު މާލޭގައި މިގޮތަށް ހުރި ކުދި ބިންތައް ވިއްކުމުގެ ބޭނުމެއްވެސް ނެތެވެ.

comment ކޮމެންޓް