އިތުރަށް ލިބުނު ކޯޓާގެ ތެރެއިން 500 ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް

8 އޯގަސްޓް، 2017: ބަރަކާތްތެރި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަންފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް އިތުރު 1000 ހައްޖު ކޯޓާ ލިބުނުކަން މިރޭ ޔަގީން ވެފައިވާއިރު އޭގެ ތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނުގެ ހައްޖުވެރިންނަށް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

މަދީނާގައި މި ވަގުތު ހުންނެވިހައްޖު ކޯޕަރޭޝަނުގެ މޭނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް "ސަން"އަށް ވިދާޅުވީ ހައްޖު ދުވަސް ކައިވެފައި ވަނިކޮށް ހައްޖުވެރިން ގެއްދިއުމަކީ ގޮންޖެހުމަކަށް ވާނެ ކަމަށެވެ.

ނަމަވެސް މިހާރު ވެސް އެ ކޯޕަރޭޝަނުން އެ މަސައްކަތް ފަށާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ފަހަރު ލިބު 500 ކޯޓާގައި ހައްޖަށް ދާ ފަރާތްތަކަށް ވެސް އެންމެ ފުރިހަމަ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެންމެފަހު ވަގުތު ހަމަޖެހުނު ނަމަވެސް މިހާރު ސައުދީގައި ތިބި ހައްޖު ވެރިންނެކޭ އެއްގޮތަށް ދެ އުމުރާ ކުރުމާއި މަދީނާއަށް ޒިޔާރަތް ކުރުން އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ސަރުކާރުގެ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ ރާއްޖެއަށް ލިބުނު އިތުރު ހައްޖު ކޯޓާއާ ގުޅިގެން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ހަތަރު ކުންފުންޏާ މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖެއިން ހައްޖަށް ދިއުމަށް މިދިޔަ އަހަރު ވެސް 2،000 މީހުންނަށް ފުރުސަތު ލިބުނެވެ. އެގޮތުން 1000 ހައްޖު ކޯޓާ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ. ބާކީ ހުރި ހައްޖު ކޯޓާ ބަހާފައި ވަނީ އަމިއްލަ ކުންފުނިތަކަށެވެ.

comment ކޮމެންޓް