ޑޮކްޓަރަކު ދިން ބޭހަކުން ހާލު ދެރަވި ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ މުވައްޒަފުންތަކެއް މަސައްކަތުގައި --- ސަން ފައިލް ފޮޓޯ

އައިޖީއެމްއެޗްގައި އިންނަވާ ޑޮކްޓަރަކަށް ދެއްކުމުން ދިން ބޭހަކުން ކުއްޖަކު ހާލު ދެރަވި ކަމަށް ބުނެ އެ ކުއްޖާގެ އާއިލާއިން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި އާންމު ވަމުންދާ ޕޯސްޓެގައި ބުނެފައި ވަނީ ޑޮކްޓަރަށް ދެއްކުމުން ދިން "ޕެރްމޯލް" ނަމަކަށް ކިޔާ ބޭހަކުން ކުއްޖާ ހުން އައިސް ހޮޑުލައި ހަންގަނޑު އެލާޖިކްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭން ބޭރަށް ފަރުވާއަށް ގެންގޮސްފައިވާ ކަމަށް ވެސް ޕޯސްޓްގައި ވަނީ ބުނެފަ އެވެ.

އެ ޕޯސްޓާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެ ކުއްޖާ ޑޮކްޓަރަށް ދެއްކީ ހުންއައިސް ގައިގައި އެއްޗިހިތަކެއް ނަގައިގެން ކަމަށެވެ.

އަދި ހަމުގެ ޑޮކްޓަރެއްގެ ލަފާގެ މަތިން އެކުއްޖާއަށް ސްރީވަންސް ޖޯންސަން ސިންޑްރޮމް (އެސް ޖޭ އެސް) އަށް އެ ކުއްޖާއަށް ފަރުވާދިން ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކުއްޖާ ރާއްޖޭން ބޭރަށް ގެންގޮސްފައިވަނީ އާއިލާއިން އެގޮތަށް ބޭނުން ވެގެން ކަމަށާއި އެއީ އެއްގޮތަކަށް ވެސް އެ ހޮސްޕިޓަލުން އެކަމަށް ފަރުވާ ނުދެވޭތީ ނޫން ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މިފަދަ ރިއެކްޝަނަކީ ޑޮކްޓަރުގެ އިހުމާލުން ނުވަތަ އެނގިހުރެ ނުބައި ބޭހެއް ދީގެން ވާގޮތެއް ކަމަށް ސިފަވާ ގޮތަށް ކަމާ ބެހޭ ގޮތުން ފުރިހަމަ އަދި ސައްހަ މައުލޫމާތު ނުހޯދައި ހޮސްޕިޓަލުގެ ނަން ބޭނުންކޮށްގެން އެކި ވާހަކަ ފަތތުރަމުން ދާތީ އެފަދަ ވާހަކަ ނުފެތުރުމަށް ހޮސްޕިޓަލުގެ ފަރާތުން އިލްތިމާސް ކުރަން،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އައިޖީއެމްއެޗުން ބުނީ އެސް ޖޭ އޭ ސިންޑްރޮމަކީ ބައެއް ބޭސްތައް ބޭނުން ކުރުމުގެ ސަބަބުން ވަރަށް މަދުން ނަމަވެސް އެ ބޭހެއް ބޭނުންކުރާ ކުއްޖަކަށް ނުވަތަ މީހަކަށް އަންނަ އެލާޖިކް ރިއެކްޝަންއެއް ކަމަށެވެ. އެއީ ވަކި ބޭހެއް ނުވަތަ ވަކި ބްރޭންޑެއްގެ ބޭހަކުން ވާކަމެއް ނޫން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ކުއްޖާގެ ބައްޕަ މިރޭ 'ސަން' އަށް ބުނީ އެފަދަ މައުލޫމާތެއް އާއިލާއިން ސޯޝަލްމީޑިއާގައި ފަތުރާފައި ނުވާނެ ކަމަށެވެ. އަދި ދަރިފުޅު ރާއްޖޭން ބޭރަށް ގެންދިޔައީ އާއިލާއިން ބޭނުންވެގެން ކަމަށާއި، އެއްވެސް ގޮތަކަށް ހޮސްޕިޓަލުން އެ ފަރުވާ ނުދެވޭތީ ނޫން ކަމަށެވެ.

އަދި ހޮސްޕިޓަލު ބަދުނާމު ކުރުމުގެ ގޮތުން އާއިލާއިން އެފަދަ އެއްވެސް މައުލޫމާތެއް ފަތުރާފައި ނުވާނެ ކަމަށް ކުއްޖާގެ ބައްޕަ ތަކުރާރުކޮށް ބުންޏެވެ.

އައިޖީއެމްއެޗުން ބެއްލެވި ޑޮކްޓަރު ވަރަށް ރަނގަޅަށް ބަލި ކިޔައިދިން ކަމަށާއި އެއީ ބޭހުން ވާ އެލާޖީއެއްކަން އާއިލާއަށް އެނގޭ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އަދި ބޭރަށް ގެންދިޔައީ ވީހާވެސް ފުރިހަމަ އަވަސް ފަރުވާ ބޭނުންވާތީ ކަމަށް އެކުއްޖާގެ ބައްޕަ ބުންޏެވެ.

މިހާރު ލަންކާގައި އެ ކުއްޖާއަށް ދަނީ ފަރުވާ ދެމުންނެވެ.

comment ކޮމެންޓް