އެމްޑަބްލިއުއެސްސީގެ ޕްރިމިއަމް ބްރޭންޑުގެ ފެން އަންނަ އަހަރުގެ ކުރީކޮޅު ބާޒާރަށް ނެރެނީ

އެމްޑަބްލިއުއެސްސީގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި އެ ކުންފުނީގެ އެމްޑީ ފަޒުލް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ނެރެން ނިންމާފައިވާ ޕްރިމިއަމް ބްރޭންޑުގެ ފެން އަންނަ އަހަރުގެ ކުރީކޮޅު ބާޒާރަށް ނެރޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރިސޯޓް މާކެޓަށް ހާއްސަކޮށްގެން ފެނުގެ އިތުރު ޕްރިމިއަމް ބްރޭންޑުތައް އުފެއްދުމަށް އެ ކުންފުނިން މަސައްކަތްތަކެއް ފަށާފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކަނޑުގެ 800-1000 މީޓަރު އަޑިން ފެން ނަގައިގެން ފެން އުފެއްދުމުގެ މަޝްރޫއެއް ފެށުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ފަޒުލް މީގެ ކުރިން ވިދާޅުވެފައިވަނީ އެކަމުގެ ފީސިބިލިޓީ ހަދަމުންދާ ކަމަށެވެ. އަދި ވިދާޅުވީ، އެކަމުގެ އަމާޒަކަށްވާނީ ތަފާތު ބައި ޕްރޮޑަކްޓަތަކަށް ކަމަށެވެ.

އެކަމާ ގުޅޭގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ފަޒުލް ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ޕްރިމިއަމް ފެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މާކެޓަށް ނެރޭނެ ކަމަށެވެ.

ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

އެމްޑީ ފަޒުލް މީގެ ކުރިން ވިދާޅުވީ، ކަނޑުގެ އަޑިން ނެގޭ ފެނަކީ ގުދުރަތީ މިނަރަލްސް ހުންނަ ފެނެއް ކަމުން އޭގެން ވިޔަފާރި ފުޅާ ކުރެވެން އެބަ އޮތް ކަމަށެވެ. އަދި އެކަން އަމާޒު ވެގެންދާނީ ތަފާތު ބައިޕްރޮޑަކްޓްތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ "ޑީޕްސީ" މަޝްރޫއުގެ ދަށުން ޕްރިމިއަމް ބްރޭންޑުގެ ފެން ބޭނުން ކޮށްގެން ކައްކާ ލޮނު، ހާއްސަ ބްރޭންޑެއްގެ ގޮތުގައި ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ބުނެފައެވެ.

comment ކޮމެންޓް