އިލެކްޝަންސް ކޮމިޝަނުން މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައިވާ، މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
އެ ދެ ބޭފުޅުން ބަންދުން ދޫކޮށްލާފައިވަނީ، އެންމެ ފަހުން އެ ދެބޭފުޅުންގެ ބަންދަށް އިތުރު ކުރި ހަތަރު ދުވަސް ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.
އަމީތާއި ސައުދުވެސް ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށް ފަހުގައެވެ.
އެ ދެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކަކީ:
- ރޭގަނޑު 9:00އިން ފެށިގެން ހެނދުނު 6:00 އަށް ގެއިން ނުނިކުތުން.
- ހެކިިބަސްދޭން ހުރި މީހަކާ ބައްދަލު ނުކުރުން.
- ކޯޓަށް ހާޒިރުވާން އަންގއިފި ނަަމަ އަމުރަށް ކިޔަމަންވެ ކޯޓަށް ހާޒިރުވުން،
އަމީތާއި ސައުދު ހައްޔަރު ކުރީ، މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލައިގެ ތުހުމަތުގައެވެ.
އެ ދެބޭފުޅުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އުފުލާފައެވެ.