ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާ ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅައިފި

ފާރިސް ފުލުހުންގެ ލޯންޗުގައި މާލެ ގެންނަނީ ---- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަޅްސު އޮޅުވާލުމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ޝަޚްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް ދައުލަތުން އުފުލީ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލްގެ ހުއްދަ ނެތި ޕާޓީގެ ލޯގޯ އާއި ދިދަ އޭނާ ބޭނުންކުރެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ގާޒީ އިބްރާހީމް އަލީ ނިންމެވީ، ފާރިސްގެ ފަރާތުން ނެގި އިޖުރާއީ ނުކުތާތަކާ ގުޅިގެން ނިންމި ނިންމުމުގަ އެވެ.

ޖުމްލަ ހަ އިޖުރާއީ ނުކުތާއެއް ފާރިސްގެ ފަރާތުން ފާހަގަކުރި އެވެ. ފުރަތަމަ އިޖުރާއީ ނުކުތާ އަކީ ގާނޫނީ ހުރަސްތަކެއް ހުރުމުން އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދުނު އެދުމެވެ.

އެފަދައިން އެދިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަން ޖެހޭ ގަވާއިދުތައް ހަދާފައިނުވާއިރު، އެ ޝަރީއަތް ކުރިއަށްގެންދިޔުމަކީ އަދުލުވެރިކަމާ އެކު ޝަރީއަތް ހިންގުމަށް ހުރަސްއެޅޭނެ ކަމެއް ކަމުގައި ދެކޭތީ ކަމަށެވެ.

އެ ނުކުތާގައި ގާޒީ އިބްރާހީމް އަލީ ނިންމެވީ، ގަވާއިދުތައް ހެދިފައިނެތަސް ޝަރީއަތް ކުރިއަށްގެންދިޔުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެ ސަބަބަށް ޓަކައި ޝަރީއަތް މެދުކަނޑާލުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

ދެވަނަ އިޖުރާއީ ނުކުތާއެއްގެ ގޮތުގައި ވަނީ ޝަރީއަތް ނުކޮށް ދައުވާ ބާތިލްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް މީގެކުރިން ނިންމާފައިވާތީ އެފަދައިން ކަނޑައެޅެން ނެތް ކަމަށެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އެއީ ސައްހަ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ. އެގޮތަށް އެދިވަޑައިގަތީ އެ މައްސަލައިގެ ތަހުގީގު ހިންގާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެއެވެ. ބާތިލް ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލް ކަމަކަށް ވާނެ ކަމަށް ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިގެ ޝަރީއަތް އަދި ފަށާފައިނުވާއިރު، ތަހުގީގުގައި ގާނޫނާ ޚިލާފު ކަމެއް ހިނގާފައި އޮތްތޯ ކަނޑައެޅޭނީ ޝަރީއަތުން މައްސަލަ ބެލުމަށް ފަހު ކަމުގައިވާތީ، އެއީ ސައްހަ ނޫން ދައުވާއެއް ކަމަށް ކަނޑައެޅެން ނެތް ކަމަށް ގާޒީ ވަނީ ނިންމަވައިފަ އެވެ.

ހަތަރު ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އެއީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާ ޚިލާފަށް އުފުލާފައިވާ ދައުވާއެއް ކަމަށް ކަނޑައަޅައި އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިދިނުމަށެވެ. އެގޮތަށް އެދިވަޑައިގެމްފައި ވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި އެއްވެސް މީހަކާ މެދު ތަފާތުކުރުންތައް ގެންގުޅެގެން ނުވާނެ ކަމަށް ބުނެފައި އޮންނައިރު، މިފަދަ މައްސަލަތަކުގައި އެހެން ފަރާތްތަކުގެ މައްޗަށް ދައުވާ ނުކޮށް ހަމައެކަނި ފާރިސްގެ މައްޗަށް ދައުވާކޮށްފައިވާތީ އެވެ.

ނަމަވެސް ގާޒީ ނިންމެވީ ޝަރީއަތް އަދި ނުފަށާތީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ފަސް ވަނަ ކަމެއްގެ ގޮތުގައި އެ މައްސަލައިގެ ހެކި ހާމަކޮށްދިނުމަށް ކޯޓު އަމުރެއް ނެރެދިނުމަށް އެދިވަޑައިގެންފަ އެވެ. އެކަމުގައި ވެސް ގާޒީ ނިންމެވީ ޝަރީއަތް ފެށިފައިނުވާތީ އެ މައްސަލާގައި ހުރީ ކިހާވަރެއްގެ ހެކިތަކެއް ކަމެއް އަދި ނޭނގޭތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ހަ ވަނަ ވަނަ ކަމެއްގެ ގޮތުގައި އެދިވަޑައިގެންފައި ވަނީ އެ މައްސަލާގައި ހިމެނޭ ވީޑިއޯ ސިޑީއަކީ ޝަރީއަތަށް ބަލައި ނުގަނެވޭނެ އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. ސަބަބަކީ އެ ވީޑިއޯ ހެކީގެ ގޮތުގައި އެއްކުރިއިރު ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކޮށްފައިވާ އިރު، ވީޑިއޯ އެނަލައިޒް ރިޕޯޓު ވެސް ފުރިހަމަކޮށްފައިނުވާތީ ކަމަށް ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވި އެވެ.

ނަމަވެސް އެފަދައިން ކަނޑައެޅެން ނެތް ކަމަށް ގާޒީ ނިންމެވި އެވެ. ގާޒީ ވިދާޅުވީ އެ ވީޑިއޯ އަށް ފާރިސް އިންކާރުކޮށްފި ނަމަ، ޝަރީއަތް ކުރިއަށްދާއިރު، ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ވެސް ހޯދާނެ ކަމަށެވެ.

ގާޒީ އިބްރާހީމް އަލީ މިއަދުގެ އަޑުއެހުން ނިންމާލީ އެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުން ބާއްވާ އަޑުއެހުން އަންނަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު އޮންނާނެކަން އިއުލާންކުރެއްވުމަށްފަހު އެވެ.

comment ކޮމެންޓް