ލަވަކިޔުންތެރިޔާ އާތިފް ނިޔާވެއްޖެ

މޯލްޑިވިއަން އައިޑޮލްގެ ޝޯއެއްގައި އާތިފް --- ފޮޓޯ/ މޯލްޑިިއަން އައިޑޮލް ފޭސްބުކް ޕޭޖް

މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އާތިފް ނިޔާވެއްޖެ އެވެ.

ސިފައިންގޭގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަދި ސިފައިންގެ މިޔުޒިކް ބޭންޑްގެ ގޮތުގައި މަޝްހޫރުކަން ހޯދި ކޮޕްސް ބޭންޑުގައި ވެސް އިސް ދައުރެއް އަދާކުރެއްވި އާތިފް ނިޔާވިކަން ގާތް މީހަކު ވަނީ ސަން އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

އާތިފް ނިޔާވިއިރު އޭނާ ހުރީ ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގަ އެވެ. އަދި ހަނިމާދޫ އެއާޕޯޓްގެ ސަލާމަތީ ހުރިހާ ކަމެއް ބައްލަވަމުން ގެންދަވާނީ އާތިފްގެ ބެލުމުގެ ދަށުންނެވެ.

ސަންއާ މައުލޫމާތު ހިއްސާ ކުރައްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އާތިފް ނިޔާވީ ބަލިވެ އުޅުއްވުމަށްފަހުގައި ނޫން ކަމަށެވެ. އަދި ރޭ ވެސް ނިދަން ވެންނެވީ ވަރަށް ހަރަކާތްތެރިކޮށް އުޅުއްވުމަށް ފަހު ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.

"ރޭގައި ވެސް ވަރަށް އެކްޓިވްކޮށް އުޅުއްވި ކަމަށް ވަނީ. ދެން އާތިފް އާއްމުކޮށް ހެނދުނު ހޭލައްވައިގެން ދިހައެއް ޖަހާކަންހާއިރު ނުކުންނަވާނެ. ކޮފީއެއް ބޯލަން ނަމަވެސް. ނަމަވެސް މިއަދު ނުނިކުންނެވީމަ ބެއްލެވިއިރު އޮތީ ނިޔާވެފައި،" އާޒިމް ވިދާޅުވި އެވެ.

އާތިފްގެ ހަށިގަނޑު މިވަގުތު އޮތީ ހަނިމާދޫ ސިއްހީ މަރުކަޒުގަ އެވެ.

ގައުމީ ގިނަ ލަވަތަކެއް ވިދާޅުވެފައިވާ އާތިފް އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ސިފައިންގެ ޑްރާމާ އަކަށް އޭނާ ކިޔާފައިވާ "ދޭނަން ހިތާ ޖާނާ" އަދި "ވާށޭ މަށާ އެކީ" ފަދަ ލަވަތަކުންނެވެ.

comment ކޮމެންޓް