ސެމީގެ ފަހު ޖާގަތައް ސައިރިކްސްއާއި މައި ކޮލެޖަށް

ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ތެރެއިން: ސެމީގައި ވާދަކުރާނީ ސައިރިކްސް ކޮލެޖާއި މައި ކޮލެޖާއި އެފްއެޗްޓީއެސް އަދި ކްލިކް ކޮލެޖް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ފަސް ވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ސެމީގެ ފަހު ޖާގަތައް ސައިރިކްސް ކޮލެޖާއި މައި ކޮލެޖުން ހޯދައިފި އެވެ.

މާފަންނު ވެލި ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ ސެމީގެ ޖާގަތައް ސައިރިކްސް ކޮލެޖާއި މައި ކޮލެޖުން ހޯދާފައިވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗުތަކުން މޮޅުވެގެންނެވެ.

ކުއާޓާގައި ރޭ ވިލާ ކޮލެޖާއި ސައިރިކްސް ކޮލެޖް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ޕެނަލްޓީ ޖަހައިގެން ވިލާ ކޮލެޖްގެ މައްޗަށް ސައިރިކްސް ކޮލެޖުން ކުރި ހޯދީ 2-1 ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސައިރިކްސް ކޮލެޖްގެ އަހްމަދު އިހުސާނެވެ.

ކުއާޓާގައި ރޭ ކުޅުނު ދެވަނަ މެޗުގައި މޯލްޑިވްސް ބިޒްނަސް ސްކޫލް އަތުން މައި ކޮލެޖް މޮޅުވީ 3-2 ލަނޑުންނެވެ. އެ މެޗުގައި މައި ކޮލެޖުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އިބްރާހިމް ނޫރައްދީން ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު އައިހަމް އެވެ. މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އައިރޫން އަހްމަދު ރަޝީދެވެ.

ސެމީ ފައިނަލުގައި ސައިރިކްސްއާއި މައި ކޮލެޖްގެ އިތުރުން ދެން ވާދަކުރާނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) އާއި ކްލިކް ކޮލެޖެވެ. އޭގެ ތެރެއިން އެފްއެޗްޓީއެސް އިން ސެމީގެ ޖާގައެއް ހޯދީ ކުއާޓާގައި އެންމެ ފަހުގެ ޗެމްޕިއަން އެމްއެންޔޫ ބިޒްނަސް ސްކޫލު ބަލިކޮށްގެންނެވެ. ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.

ރާއްޖޭގެ މަތީ ތައުލީމު ދޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގައި މި އަހަރު ގައުމީ ޔުނިވާސިޓީގެ ނުވަ ފެކަލްޓީއަކަށް ނިސްބަތްވާ ނުވަ ޓީމަކާއި ގައުމީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެކި ކޮލެޖް، ޔުނިވާސިޓީތަކަށް ނިސްބަތްވާ ނުވަ ޓީމަކާއެކު ޖުމްލަ 18 ޓީމު ވާދަކުރެއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. ފެއާޕްލޭ ޓީމަށް 6،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

comment ކޮމެންޓް