ނީޒާގެ ބަދަލުގައި ގަވަރުނަރު ކަމަށް ނަސީރުގެ ނަން ހުށަހަޅައިފި

އެމްއެމްއޭގެ ގަވަރުނަރަކަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ، ވަނީ ރައްޔިތުންގެ މަޖިލީހަށް އަހްމަދު ނަސީރު (ވ)ގެ ނަން ފޮނުއްވާފައި - ސަން ފައިލް ފޮޓޯ: އަހްމަދު ޝަރްވާން

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ފޮނުއްވާފައިވާ ނީޒާ އިމާދުގެ ނަން އަނބުރާ ގެންދަވައި އެ މަގާމަށް އަހުމަދު ނަސީރުގެ ނަން ފޮނުއްވައިފި އެވެ.

ގަވަރުނަރުގެ މަގާމަށް ކ. މާފުށި، މުޝްތަރީގެ ނަސީރުގެ ނަން ފޮނުއްވާފައިވާކަން ހާމަކުރީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ނަމަވެސް އެއީ ކިހިނެއް ގެންނެވި ބަދަލެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެވި ނަސީރަކީ އިކޮނޮމިކްސް އެންޑް މާކެޓިންގެ ދާއިރާއިން ބެޗްލާސް އޮފް ކޮމާސް އަދި ޕޮލިސީ އެކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެމްއޭގެ އިސް މަގާމްތަކެއް ވެސް ފުރުއްވާފައިވާ ނަސީރަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އޭނާ އަކީ ކ. އަތޮޅު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެވެ.

އެމްއެމްއޭ އިން ވަނީ ނީޒާ އަދާކުރައްވަމުން ގެންދެވި، އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރު ކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިވާކަން ސަންއަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

comment ކޮމެންޓް